ލީގު މެޗެއްގައި ލަނޑު ޖެހުމަށް ފަހު މާޒިޔާ ޝިފާޒް (ކ) އާއި ނިހާން (މ) އަދި ނާއިޒް އުފާފާޅުކުރަނީ. (ފޮޓޯ/މާޒިޔާ)

މާޒިޔާ ސްޕޯޓްސް

ގޯކުލަމް އަތުން ބަޝަންދަރާ މޮޅުވުމުން އޭއެފްސީ ކަޕުން މާޒިޔާ ކަޓައިފި

މި ގްރޫޕުން އަނެއް ބުރުގެ ފުރުސަތު އޮތީ ބަޝަންދަރާ އާއި އޭޓީކޭ އަށް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި މިއަދު ހަވީރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ އަތުން 2-1 އިން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް މޮޅުވުމުން މުބާރާތުގެ އިންޓަ ޒޯން ޕްލޭ އޮފް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ގެއްލިއްޖެ އެވެ.

އިންޑިއާގެ ކަލްކަތާގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕުގައި މާޒިޔާ ކުޅޭ ފަހު މެޗުގައި މިރޭ އިންޑިއާގެ ސުޕަ ލީގުގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ކުޅުމުގެ ކުރިން އެ ޓީމު ކެޓީ މިރޭ މޮޅުވިޔަސް، ހެޑް-ޓު-ހެޑް އިން ބަޝަންދުރާގެ މައްޗަށް ކުރި ނުލިބޭނެތީވެ އެވެ. ބަޝަންދަރާ ވަނީ ފުރަތަމަ މެޗުން މާޒިޔާ 1-0 އިން ބަލިކޮށްފަ އެވެ.

މިވަގުތު ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ ބަޝަންދުރާ އެވެ. މިރޭ މާޒިޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ވެސް ހަ ޕޮއިންޓް ހަމަވާނެ އެވެ. އެކަމަކު ދެ ޓީމު އެއްވަރުވެއްޖެ ނަމަ ފަރަގުކުރަން ބަލަނީ ހެޑް-ޓު-ހެޑް އަށް ކަމަށްވެފައި، މާޒިޔާ އަތުން ބަޝަންދަރާ މޮޅުވެފައިވާތީ އެ ހާލަތުގައި އަނެއް ބުރަށް ދާނީ ބަޝަންދަރާ އެވެ.

މިރޭ މާޒިޔާ އާއި އޭޓީކޭ އެއްވަރުވިޔަސް ފުރުސަތު ލިބޭނީ ބަޝަންދަރާ އެވެ. އެކަމަކު އޭޓީކޭ މޮޅުވެއްޖެ ނަމަ ބަޝަންދަރާ ކަޓައި، އޭޓީކޭ އަނެއް ބުރަށް ދާނެ އެވެ. އެއީ އެ ހާލަތުގައި ދެ ޓީމަށް ވެސް ހަމަވެފައިވާނީ ހަ ޕޮއިންޓް ކަމަށް ވެފައި ހެޑް-ޓު-ހެޑް އަށް ބަލާއިރު މި ދެ ޓީމު ބައްދަލުކުރި މެޗުން އޭޓީކޭ މޮޅުވެފައިވާތީވެ އެވެ.

ހެޑް-ޓު-ހެޑް އަކީ ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ އެވެ. ކުރިން ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ގޯލް ތަފާތަށް ބެލި ނަމަވެސް ފަހަކަށް އައިސް ބޭނުންކުރަނީ ހެޑް-ޓު-ހެޑް އެވެ.

މިއަދު ބަޝަންދަރާ އަތުން ބަލިވި ގޯކުލަމް އަށް ވެސް އަނެއް ބުރުގެ ފުރުސަތެއް ނެތެވެ. އިންޓަ ޒޯން ޕްލޭ އޮފަށް ދަނީ ކޮންމެ ގްރޫޕަކުން ވެސް އެއް ޓީމެވެ.

ގްރޫޕް ޑީ ގެ ޕޮއިންޓް ޓޭބަލް

  • 1-

    ބަޝަންދުރާ ކިންގްސް: 6 ޕޮއިންޓް

  • 2-

     އޭޓީކޭ މޯހަން ބަގާން: 3 ޕޮއިންޓް

  • 3-

    މާޒިޔާ: 3 ޕޮއިންޓް

  • 4-

    ގޯކުލަމް ކެރެލާ: 3 ޕޮއިންޓް

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި ބަޝަންދަރާ އިން ލީޑު ނެގީ ހަ ވަނަ މިނެޓުގައި ރޮބީނިއޯ ޖެހި ގޯލުންނެވެ. އެ ޓީމަށް ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކޮށްދިނީ ނުހާ މަރޮންގް އެވެ. ގޯކުލަމްގެ ޖޫޑެއިން ފްލެޗާ 75 ވަނަ މިނެޓުގައި ތަފާތު ކުޑަކޮށްދިން ނަމަވެސް ބަޝުންދުރާ އިން ވަނީ އިތުރު ގޯލެއް ވަނަ ނުދީ ނަތީޖާ ހިފަހައްޓައިފަ އެވެ.

މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ވެލެންސިއާ ވެސް ވާދަކުރި އެވެ. އެގޮތުން ޕްރިލިމިނަރީ އެއް ވަނަ ބުރުގައި ބޫޓާނުގެ ޕަރޯ އަތުން 2-1 އިން މޮޅުވެ ޕްރިލިމިނަރީ ދެ ވަނަ ބުރަށް ހޮވުނެވެ. އެކަމަކު އެ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށް ކުޅެން އެ ގައުމަށް ދާނެ ފައިސާ ނެތުމުން މުބާރާތުން ވަކިވީ އެވެ. އެއާ އެކު ޕްލޭއޮފަށް އަބަހާނީ އޮޓޮމެޓިކުން ހޮވުނެވެ. އެކަމަކު އެ ބުރުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

އޭއެފްސީން 2004 ވަނަ އަހަރު ފެށި އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުން ރާއްޖެ އަށް ކޮންމެ އަހަރަކު ފުރުސަތު ދިން ނަމަވެސް ރާއްޖޭގެ ކްލަބަކަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ 2005 ވަނަ އަހަރާއި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އޭގެ ތެރެއިން 2005 ގައި ނިއު ސެމީ ފައިނަލުގައި ކުޅުނެވެ. އަދި 2013 ގައި ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ.

ފަހަކަށް އައިސް މި މުބާރާތުގައި ރާއްޖޭން ގަވާއިދުން ވާދަކޮށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމާ އެންމެ ގާތަށް ގޮސްފައިވަނީ މާޒިޔާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް