ޓާޓާ ފްލެޓްތައް އަޅަން ދޫކޮށްފައިވާ ކުރީގެ ނާދީ ހުރި ބިން: އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ 12 އަހަރު ވެއްޖެ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުގެ ބަޔާން: ޓާޓާ ހިއްސާވާ ކުންފުންޏަށް 200 މިލިއަން ޑޮލަރު ދޭން ޖެހުނީސް

މި މަހު އެޕެކްސްއާ އެކު ވީ އެއްބަސްވުމުގެ ދަށުން ސަރުކާރަށް 9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ހައުސިންއިން ބުނި
15 ޖެނުއަރީ 2022
2

އިންޑިއާގެ ބިޔަ އެއް ކުންފުނި ޓާޓާގެ ބޮޑު ހިއްސާއެއް އޮވެގެން މާލޭގައި ފްލެޓް އިމާރާތްކުރަން އެމްޑީޕީގެ ކުރީގެ ސަރުކާރުން އެކުލަވާލި އެއްބަސްވުމަށް އަލުން ދާން ޖެހެނީ ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ)ގެ ދޭން ޖެހިދާނެތީ ކަމަށް، ސަރުކާރުން މިއަދު ބުނެފި އެވެ. އަދި މިފަހަރު އެ ކުންފުނިން ސަރުކާރަށް 9 މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) ވެސް ލިބޭނެ ކަމަށް، ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ކުރީގެ އަރަބިއްޔާ ހުރި ބިމާއި، ގާކޮއްޓާއި، އޯޑިއޯން އަދި ނާދީ ހުރި ބިމުގައި ފްލެޓު އަޅަން ޓާޓާއާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ނާދީ އާއި އޯޑިއޯން ބިމުގައި މަސައްކަތްނުކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ. އެކަމަކު ފަހުން ވަކި މުއްދަތެއް ދީ، މަސައްކަތް އަލުން ފަށަން އެއްބަސްވުމެއް އެކުލަވާލި އެވެ. އެ އެއްބަސްވުމުގައި އޯޑިއޯންގެ ބިމުގެ ބަދަލުގައި ކުރީގެ ކުނިކޮށި ބިން ދޭން ހިމެނުމުގެ އިތުރުން އެމްޑީޕީ ސަރުކާރުން ޓާޓާއަށް ލަގުޒަރީ ވިލާ އަޅަން ދިން ޅ. ޅޮސްއަލަފުށި ރިސޯޓަކަށް ތަރައްގީކުރުމުގެ ފުރުސަތު ވެސް ދިނެވެ.

އެ އެއްބަސްވުން ކުރީ ސަރުކާރުން އުވާލީ ދިން މުއްދަތުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާތީ އެވެ. އެކަމާ ހެދި ޓާޓާއިން މުމްބާއީގައި ހުންނަ އާބިޓްރޭޝަންގައި ސަރުކާރާ ދެކޮޅަށް މައްސަލަ ޖެއްސި އެވެ. އަދި ޔާމީންގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ސެޓްލްމެންޓް އެގްރިމެންޓެއްގައި ސޮއިކުރި އެވެ.

މި ސަރުކާރުން މި މަހު 13 ގައި ޓާޓާއާ އެކު ސޮއިކުރީ، އެ އެއްބަސްވުމުގެ ބަދަލުގައި 2010ގައި ހެދި އެއްބަސްވުމަށް އަލުން ދާށެވެ. 

ވީ ކިހިނެއް؟ - މިއަދު ހައުސިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ޓާޓާގެ ހިއްސާ އޮންނަ އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްއާ އެކު ވީ އެއްބަސްވުމުގެ ދަށުން އޯޑިއޯންގެ ބިން ވެސް އަލުން އެ ކުންފުންޏަށް ލިބޭނެ ކަމަށެވެ. އަދި ކުރީގެ އެއްބަސްވުމުގައި އޮތް ގޮތަށް އެޕެކްސް އިން ނާދީ އަދި އޯޑިއޯން ބިމުގައި ފްލެޓް އަޅާނެ ކަމަށް ވެސް، ބަޔާންގައި ބުންޏެވެ.

ބަޔާންގައި ބުނީ ކުރީ ސަރުކާރުން ރިސޯޓެއް ތަރައްގީކުރަން ޅޮސްއަލަފުށި ދިން ނަމަވެސް މިހާރު ނިންމާފައި ވަނީ އެ ރަށުގެ ބިމުން ބައެއް ލަގްޒަރީ ވިލާ އަޅަން ދޭ ގޮތަށް ކަމަށެވެ. އަދި އޭގެ ބަދަލުގައި މިފަހަރު ސަރުކާރަށް 9 މިލިއަން ޑޮލަރު ވެސް ދޭނެ ކަމަށް، ބަޔާންގައިވެ އެވެ.

އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އެގްރިމެންޓް އޮތީ ޓޫރިޒަމްގެ ގާނޫނުގެ ދަށުން ދައްކަން ޖެހޭ ކުލި ވެސް، އެ ރަށުން ދައްކަން ނުޖެހޭ ގޮތަށް ކަމަށް، މައުލޫމާތު ހުރި ފަރާތްތަކުން ބުނެފައިވެ އެވެ. 

އާ އެއްބަސްވުގެ ކަންކަން:

  • ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިމާއި އޯޑިއޯން ބިން ތަރައްގީކުރުން

  • ލަގްޒަރީ ވިލާ އަޅަން ޅޮސްއަލަފުށިން ދޫކުރި 360،000 އަކަފޫޓުގެ ބިމުގެ އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން 9 މިލިއަން ޑޮލަރު ސަރުކާރަށް ދެއްކުން

  • އޯޑިއޯން އާއި ނާދީ ބިމުގެ މިލްކުވެރި ފަރާތަކީ ސަރުކާރު، ސަރުކާރަށް ފެލްޓުތައް ވިއްކޭނެ

  • އިތުރަށް ދިމާވާ މައްސަލަތައް، މުމްބާއީގެ އާބިޓްރޭޝަންގެ ބަދަލުގައި ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހެޅުމަށް

1ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރައީސް ޔާމީންގެ ސަރުކާރުން ވީ އެއްބަސްވުމުގައި ވެސް ފަހުން އޮތީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދާ ގޮތަށް ކަމަށް، 'ދައުރު'އަށް އެނގިފައިވެ އެވެ.

ހައުސިންގެ ބަޔާނުގައި ބުނީ ކުރީ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ދަށުން އެޕެކްސް އިން މަސައްކަތް ނުފަށާ އޮތީ، ޓޫރިޒަމް ތަރައްގީކުރަން ޅޮސްއަލަފުށި ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީ ކަމަށެވެ. އަދި އާބިޓްރޭޝަންގައި އޮތް މައްސަލަ ޓާޓާއިން ނުނަގައިފި ނަމަ ބަދަލެއްގެ ގޮތުގައި 200.46 މިލިއަން ޑޮލަރުގެ އިތުރުން އާބިޓްރޭޝަނާ ގުޅިގެން ހިނގާ ހަރަދުތަކަށް ވެސް ސަރުކާރުން ބަދަލުދޭން ޖެހުމުގެ ފުރުސަތު އޮތް ކަމަށް، ބަޔާނުގައި ބުންޏެވެ.

ކުރީ ސަރުކާރުން 20 ސެޕްޓެމްބަރު 2018ގައި ސޮއިކުރި އެއްބަސްވުން

  • ނާދީ ބިން ދިނުމަށް

  • އޯޑިއޯންގެ ބަދަލުގައި މާލޭގެ ކުރީގެ ކުނިކޮށިން ބިން ދިނުން

  • ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރަން ޅ. ޅޮސްއަލަފުށި ދިނުން

  • އިތުރަށް ދިމާވާ މައްސަލަތައް ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހެޅުމަށް

އެނގުން މުހިންމު - ޓާޓާގެ ބޮޑު ހިއްސާއެއް އޮންނަ އެޕެކްސް އިން ގާކޮށީގައި މާލޭ ސްކެއާ އަދި އަރަބިއްޔާ ހުރި ބިމުގައި މާލޭ ގްރޭންޑްގެ ނަމުގައި ފްލެޓް އިމާރާތްތައް ހެދި އެވެ. އޭގެ ތެރެއިން މާލޭ ސްކެއާގައި ހެދި ފްލެޓްތައް ވިއްކަން ޖެހުނީ އެމްޑީޕީ ސަރުކާރުން ކަނޑައެޅި އަގަށް ވުރެ މާ ބޮޑުކޮށެވެ. 

ޓާޓާއިން ފްލެޓް ހަދަން އޮތީ 1.1 މިލިއަން ރުފިޔާގެ އަގަކަށެވެ. އެ އަގު ސަރުކާރުން ދެއްކި އެވެ. އެކަމަކު މާލޭ ސްކެއާގެ ފްލެޓަކަށް 2 މިލިއަން ރުފިޔާ ޖެހުނެވެ. އެ ފައިސާ ދެއްކީ ޔާމީންގެ ސަރުކާރުންނެވެ. 

ކޮމެންޓް (2)

އަލާމް

15 ޖެނުއަރީ 2022
ގާކޮށި އަދި އަރަބިއްޔާ 2އިމާރާރުގެ ކޮންމެ އިމާރާތެއްގެ 2ފްލޯރގައިވާ ފިހާރަތައް 50އަހަރަށް ވިއްކާލީ ޓާޓާއިން އެފައިސާވެސް ނެގި..އެވާހަކަ ވެސް ދައްކަބަލަ..އެތަންތަން 50އަހަރަށް ވިއްކައިގެންވެސް ބޮޑުފައިދާއެއް ނެގީ ޓާޓާއިން.
1 0

އަލާމް

15 ޖެނުއަރީ 2022
ގާކޮށި އަދި އަރަބިއްޔާ 2އިމާރާރުގެ ކޮންމެ އިމާރާތެއްގެ 2ފްލޯރގައިވާ ފިހާރަތައް 50އަހަރަށް ވިއްކާލީ ޓާޓާއިން އެފައިސާވެސް ނެގި..އެވާހަކަ ވެސް ދައްކަބަލަ..އެތަންތަން 50އަހަރަށް ވިއްކައިގެންވެސް ބޮޑުފައިދާއެއް ނެގީ ޓާޓާއިން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް