'ގެދޮރުވެރިން' ޕޯޓަލް އިފްތިތާހުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ. (ފޮޓޯ/ ފްލޭނިން މިނިސްޓްރީ)

ބޯހިޔާވަހިކަން

މާލޭ މީހުންނަށް 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުން އަންނަ އެެހެން ރަށްރަށުގެ މީހުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭނެ

މާލޭ ރައްޔިތުންނަށް ހާއްސަކޮށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ރައްޔިތުންނަށް ހާއްސަކޮށް ސަރުކާރުން ވަނީ 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެކަން އިއުލާނުކުރީ 'ގެދޮރުވެރިން' ޕޯޓަލް އިފްތިތާހުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބުނީ ކީކޭ؟ - 'ބިންވެރިޔާ-ގެދޮރުވެރިޔާ'ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގޯތިތައް ދޫކުރަން ނިންމާފައިވަނީ ހުޅުމާލޭންނާއި ގުޅީފަޅު ހިއްކައިގެން ކަމަށެވެ.

"މާލެ ސަރަހައްދުން ހުޅުވާލާ 3،000 ގޯތި ދޫކުރަނީ ހުޅުމާލޭގައި މިހާތަނަށް ޑިވެލޮޕްކޮށްފައި ނުވާ ބިންތަކުގެ ތެރެއިން ބަޔަކާއި ގުޅީފަޅުގައި އަޅުގަނޑުމެން ހިއްކަން ނިންމާފައިވާ މަޝްރޫއުގެ ތެރެއިން ގުޅީފަޅުން،" އަސްލަމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ގުޅީފަޅުން ބިން ހިއްކުމަށް ޔޫރަޕުގެ ބޭންކަކުން ލޯނެއް ހަމަޖެހިފައިވާ ކަމަށާއި ދާދި އަވަހަށް އެ ތަނުން ބިން ހިއްކަން ފަށާނެ ކަމަށެވެ. އެގޮތުން، އެ ފަޅުން 149 ހެކްޓަރު ހާއްސަކުރާނީ މީހުން ދިރިއުޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލެވޭ ފަރާތްތައް:

  • މާލޭގައި އެއްވެސް ބިމެއް ނެތް މާލޭ ރައްޔިތުން

  • މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ނެތް އަދި އެ ވަރުގެ ވާރުތަވާ ބިމެއް ނެތް ފަރާތްތައް

  • މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ވާރުތަވާ ފަރާތްތައް

  • މާލޭގައި 600-1،000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާ ފަރާތްތައް

އޭނާ ވިދާޅުވި ގޮތުގައި، ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،200 އަކަފޫޓެވެ. އަދި ގޯތި ދޫކުރާ އެންމެ ބޮޑު ސައިޒަކީ 4،000 އަކަފޫޓު ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އެކަކަށް ވުރެ ގިނައިން އެޕްލިކޭޝަން ހުށަހަޅާ ނަމަ، ކޮންމެ މީހަކަށް 400 އަކަފޫޓުގެ ޖާގަ އިތުރުކޮށްދޭނެ އެެވެ. އެކަމަކު އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހަތަކަށް ވުރެ ގިނަ މީހުން ކުރިމަތިލިޔަސް، 4،000 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ދޭން ގާނޫނުން ޖާގަ ނުދޭ ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފޭސް: މި ބުރުގައި ގޯތި ދޫކުރަނީ ހުޅުމާލޭން. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އެނގުން މުހިއްމު - މާލޭ ރައްޔިތުންނަށް ހާއްސަކޮށް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުމާލާފައި މި ވަނީ މާލެ ސަރަހައްދުން ހިލޭ ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯތި މި މަސް ނިމުމުގެ ކުރިން ދޫކުރަން ފައްޓަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މި މަހުގެ ކުރީކޮޅު ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން، މާލެ ސަރަހައްދުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ:

  • ހުޅުމާލޭން މަދުވެގެން 1،000 ގޯތި 

  • ގުޅީފަޅުން މަދުވެގެން 2،000 ގޯތި

  •  ގިރާވަރު ފަޅުން 2،000 ގޯތި

ގުޅުންހުރި ކަމެއް - މި ރަސްމިއްޔާތުގައި އަސްލަމް ވަނީ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަން ވެސް ހާމަކުރައްވާފަ އެވެ. އެގޮތުން، ފްލެޓުތަކަށް ކުރިމަތިލެވޭނީ:

  • މާލޭ ރައްޔިތުންގެ ތެރެއިން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތް މީހުން

  • މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުން

"އަތުގައި އޮތް ބިންކޮޅު ދޫކޮށްލުމަކީ ލާޒިމްކަމެއް ނޫން. އެހެން ނަމަވެސް އަތުގައި އޮތް ބިންކޮޅު ދޫކޮށްލާފައި ފްލެޓަށް ދައްކަން ޖެހޭ އަގުން އެ ބިންކޮޅަށް ޖެހޭ އަގު އުނިކުރުމުގެ ފުރުސަތު ކުރިމަތިލާ ފަރާތްތަކަށް އެބައޮތް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓު ދޫކުރަނީ މިހާރު ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ހައުސިން ޔުނިޓުތަކުން ކަމަށެވެ.

އެނގުން މުހިންމު - ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނީ މިއަދު އިފްތިތާހުކުރި 'ގެދޮރުވެރިން' ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް، ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 26ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް