ޓައިވާނުން މި މަހު ކުރީކޮޅު ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން (ފޮޓޯ/ އީޕީއޭ)

އެމެރިކާ

ޓައިވާނު ދިފާއު ކުރާނެ ކަމަށް ބައިޑަން އަނެއްކާވެސް ވިދާޅުވެއްޖެ

މިއީ ޓައިވާނު ދިފާއުކުރައްވާނެ ކަމަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިޑަން ވިދާޅުވި ތިންވަނަ ފަހަރު
20 ސެޕްޓެމްބަރު 2022

ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފި ނަމަ އެމެރިކާއިން ޓައިވާނުގެ ދިފާއުގައި ނުކުންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ޓައިވާނުގެ ދިފާއުގައި އެމެރިކާ ސިފައިން ނުކުންނާނެތޯ ސުވާލުކުރުމުން ބައިޑަން ވަނީ، "އާނ، ކުއްލި ހަމަލާއެއް ދީފިކަމުގައި ވަނީ ނަމަ" އެމެރިކާ ސިފައިން ނުކުންނާނެ ކަމަށް ޖަވާބު ދެއްވާފަ އެވެ.

ބައިޑަންގެ މި ޖަވާބާ އެކު، ޓައިވާނާ މެދު އެމެރިކާއިން ގެންގުޅޭ އަސްކަރީ ވިސްނުމާ މެދު ސުވާލުތަކެއް  ވަނީ އުފެދިފަ އެވެ. ވޮޝިންޓަނުގެ ރަސްމީ ސިޔާސަތުގެ ދަށުން ޓައިވާނަށް އަސްކަރީ އެހީތެރިކަން ދޭން ޖެހުނުކަމުގައި ވިޔަސް އެކަން އެގޮތަށް ކުރާނެ ކަމަށް ކަނޑައެޅިގެން ބުނެފައެއް ނެތެވެ.

ބައިޑަންގެ މި އިންޓަވިއުއަށް ބެއިޖިންގް އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި މި އިންޓަވިއުއާ ގުޅިގެން ޗައިނާގެ ކަންބޮޑުވުންތައް ހަރުކަށިކަމާ އެކު ވޮޝިންޓަނާ ހިއްސާކޮށްފައިވާ ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ޗައިނާއާ ޖެހިގެން ކަނޑު ހުރަސްކޮށް ވަކިން އޮންނަ ކުޑަކުޑަ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގް އިން ދެކެ އެވެ. އަދި މި މައްސަލައާ ގުޅިގެން ވޮޝިންޓަނުން މިހާތަަނަށް ސިޔާސަތުތައް ބައްޓަން ކުރަމުން އައިސްފައި ވަނީ ނާޒުކު ކަމާ އެކު އެވެ. ބެއިޖިންގްގެ ޕްރެޝަރާ ހެދި ޓައިވާނާ އެކު ރަސްމީ ގުޅުން ބަދަހި ކުރުމަށް އެމެރިކާ އާއި ގިނަ ގައުމުތަކަކުން މިވީހާ ތަނަށް އަދިވެސް އޮތީ ފަސްޖެހިފަ އެވެ.

ނަމަވެސް އެމެރިކާގައި ހަދާފައިވާ ޓައިވާނުގެ ގުޅުމާ ބެހޭ ގާނޫނުގެ ދަށުން ޓައިވާނަށް އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން އަންނަނީ ޓައިވާނަށް ދިފާއީ ހަތިޔާރު ވިއްކަމުންނެވެ.

ޓައިވާނުގެ ދިފާއުގައި ނުކުންނާނެ ކަމަށް ބުނަން މީގެ ކުރިން އެމެރިކާ ފަސްޖެހިފައި އޮތް ނަމަވެސް، ބައިޑަން ދެއްވާފައިވާ މި އިންޓަވިއުއިން ވޮޝިންޓަނުގެ ވިސްނުން ވަނީ ސާފުވެގެން ގޮސްފަ އެވެ. އަދި މިއީ މި މައްސަލައަށް އިޝާރާތްކޮށް ބައިޑަން މިހެން ވިދާޅުވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ވޮޝިންޓަނުގައި ގާއިމުވެފައި އޮތް ރަސްމީ ސިޔާސަތުތަކާ ހިލާފަށް ޓައިވާނު ދިފާއު ކުރައްވާނެ ކަމަށް ބައިޑަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ވިދާޅުވި ތިންވަނަ ފަހަރެވެ.

ސީބީއެސްގެ '60 މިނެޓްސް' އަށް ބައިޑަން ދެއްވި އިންޓަވިއުގެ ތެރެއިން (ވީޑިއޯ/ 60 މިނެޓްސް)

މިއީ ޓައިވާނުން މިނިވަންކަން އިއުލާނު ކުރުމަށް އެމެރިކާއިން ހިތްވަރު ދިނުން ނޫން ކަމުގައި ސީބީއެސް އަށް ދެއްވި އިންޓަވިއުގައި ބައިޑަން ވަނީ ފާހަގަކުރައްވާފަ އެވެ.

"ވަން ޗައިނާ ސިޔާސަތެއް އެބަ އޮތް އަދި ޓައިވާނުގެ މިނިވަންކަމާ ބެހޭ ނިންމުންތައް ނިންމާނީ އެމީހުން އަމިއްލައަށް. އެކަމަށް އަހަރެމެން ފިޔަވަޅެއް ވެސް ނާޅަން، ހިތްވަރެއް ވެސް ނުދެން،" ބައިޑަން ވިދާޅުވި އެވެ. 

ބައިޑަންގެ އިންޓަވިއުއާ ގުޅިގެން ޓައިވާނުން ވަނީ "އެމެރިކާ ސަރުކާރުން ޓައިވާނާ އެކު ބާއްވަމުން އަންނަ ނުގުޑާ ފަދަ ސަލާމަތީ ގުޅުމަށް" މަރުހަބާ ކިޔާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް