ވޮލްޑޯފް އެސްޓޯރިއާ: މި މަހުގެ ސާވިސް ޗާޖުގައި މަތީ އަދަދެއް

ޓޫރިޒަމް

ވަން އެންޑް އޮންލީ ރީތިރަށަށް ވުރެ ވޮލްޑޯފް، ސާވިސް ޗާޖުގައި ކުރި ހޯދައިފި

ވޮލްޑޯފްގެ މުވައްޒަފަކަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި 49،500ރ އަށް ވުރެ ބޮޑު އެއްޗެއް ލިބޭނެ. ރީތިރަށުގެ ޖުމްލައަކީ 47،092ރ
22 ޖެނުއަރީ 2023

އާންމު ގިނަ މީހުންނަށް ނޭނގުނަސް ސާވިޗް ޗާޖުގައި ވެސް ރިސޯޓްތަކުގެ މެދުގައި ވާދަވެރިކަމެއް އޮވެ އެވެ. އޭގެ ތެރެއިން ވެސް މުވައްޒަފުން ގިނަ، ރާއްޖޭގެ މަތީ ފަންތީގެ ބޮޑެތި ރިސޯޓްތަކުގެ މުވައްޒަފުން، އެ ވާދަވެރިކަން ވަރަށް ގާތުން ބަލަ އެވެ.

އިތާފުށީގައި ހިންގާ ވޮލްޑޯފް އެސްޓޯރިއާ އާއި ވަން އެންޑް އޮންލީ ރީތިރަށަކީ މުވައްޒަފުން ގިނަ އަދި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދެ ރިސޯޓެވެ. މި މަހު މި ދެ ރިސޯޓުން ލިބޭ ސާވިސް ޗާޖުގެ ހިސާބުތަކަށް ބަލާއިރު ވޮލްޑޯފް މި ވަނީ ކުރި ހޯދައިފަ އެވެ. އެހެންކަމުން މިއީ އެ ރިސޯޓްގެ މުވައްޒަފުންނަށް ވަކިން ހާއްސަ އުފަލެއް ކަމަށް ބެލެވެ އެވެ. 

ތަފްސީލް -  'ދައުރު' އަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، ވޮލްޑޯފްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި މި މަހު 3،302.07 ޑޮލަރު (49،531ރ) ދޭން ވަނީ ނިންމައިފަ އެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގެ މުވައްޒަފުންނަށް ޖެނުއަރީ ސާވިސް ޗާޖަށް ލިބެނީ، އެއަށް ވުރެ ގާތްގަނޑަކަށް 300 ޑޮލަރު މަދު އަދަދެއް ކަމަށްވާ 3،054 ޑޮލަރު (47،092ރ) އެވެ.

ވަން އެންޑް އޮންލީ ރީތި ރަށް: މިއީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް

ވޮލްޑޯފްގައި 740 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އިރު ވަން އެންޑް އޮންލީ ރީތިރަށުގައި މުވައްޒަފުންގެ އަދަދު 790 އަށް ވުރެ ގިނަ އެވެ.

 ހުރިހާ ރިސޯޓަކުން މި މަހު ލިބޭ ސާވިސް ޗާޖުގެ ހިސާބުތައް މި މަހު 25 ގައި އެނގޭނެ އެވެ. މި ދެ ރިސޯޓަށް ވުރެ ވެލާ ޕްރައިވެޓް އައިލެންޑް ފަދަ ރިސޯޓްތަކުގެ ސާވިސް ޗާޖު ބޮޑުވުން އެކަށީގެންވެ އެވެ. އެކަމަކު އެއީ ވޮލްޑޯފް އާއި ރީތިރަށަށް ވުރެ މާ މަދުން މުވައްޒަފުން އުޅޭ ރިސޯޓްތަކެވެ. 

ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގު ބޮޑު އެއް މަންޒިލަށް ވާތީ، މަތީ ފަންތީގެ ރިސޯޓްތަކުގެ ސާވިސް ޗާޖު، އޮކިއުޕެންސީ ރަނގަޅު ދުވަސްވަރު ވަރަށް ބޮޑުވެ އެވެ.

އެނގުން މުހިއްމު - ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހެ އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާ އެކު ބަހަން ޖެހެ އެވެ.

ސާވިސް ޗާޖަށް ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި ސާވިސް ޗާޖް ބެހުމުގައި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް