މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އޮންލައިން އަޑުއެހުމުގައި ލަމްހާ: އޭނާ އަޑުއެހުމުގައި ބައިވެރިވީ މާފުށީ ޖަލުގައި ހުރެގެން.

މޭރީގެ މަރު

ލަމްހާގެ ދިފާއީ ހެކިތަކެއް ބަލައިނުގަތުމަށް ދައުލަތުން އެދިއްޖެ

ލަމްހާގެ ފަރާތުން ހުށަހެޅި ގިނަ ހެކިވެރިންނަކީ ދައުލަތުން ވެސް ހުށަހަޅާފައި ހުރި ހެކިވެރިން

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި އެކަމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައި ބަންދުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ދިފާއުގައި ހުށަހަޅާފައި ހުރި ހެކިތަކެއް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި 19 އޮކްޓޯބަރު 2021ގައި އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރި މޭރީ ދަންޖެހުނު ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ފަހުން:

  • މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުންޏަސް، ފުލުހުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މަރާލުމުގެ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަން ފެށި

  • މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން، އޭނާ އޮތީ މަރާލާފައިކަން ކަށަވަރުވި

  • މޭރީ މަރާލި ކަމަށް މާވިންގެ މައްޗަށް އަދި އެކަމުގައި ބައިވެރިވި ކަމަށް އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ބައިވެރިވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާކޮށްފައި

  • މާވިން އާއި ލަމްހާގެ ޝަރީއަތް ފަށާފައި ވާއިރު، އެ ދެ މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފައި

ވީ ކިހިނެއް؟ - ލަމްހާ އާއި މާވިންގެ މައްސަލަ ވަކިން ކުރިއަށް ގެންދާއިރު، މިއަދު ވަނީ ލަމްހާގެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހެޅި ޝަރީއަތުގެ ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. ދައުލަތުން ހުށަހެޅި ހަމައެކަނި ހުށަހެޅުމުގައި އެދުނީ، ލަމްހާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށެވެ. ލަމްހާގެ ފަރާތުން ހުށަހެޅި ގިނަ ހެކިތަކަކީ ދައުލަތުން ވެސް ހުށަހަޅާފައި ހުރި ހެކިތަކެވެ.

ބަލައިނުގަތުމަށް ދައުލަތުން އެދުނު ހެކިތައް

ލަމްހާގެ މަންމަ އާއި ދައްތަ:

  • ތަހުގީގުގައި ފުލުހުންނަށް ދިން ބަޔާނާ ދިމާ އިދިކޮޅު ކަންކަން ސާބިތު ކުރަން ދިފާއުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ބުނެ ލަމްހާގެ މަންމަ އާއި ދައްތަގެ ހެކިބަސް ބަލައިނުގަތުމަށް ދައުލަތުން އެދުނު

  • އެ ހެކި ދިފާއުން ހުށަހަޅަނީ އުފައްދައިގެން، ނޭނގޭ ވާހަކަތަކެއް ދެއްކުމަށް ކަމަށް ބެލެވޭ ކަމަށް ދައުލަތުން ބުނެފައިވޭ

މައްސަލަ ތަހުގީގު ކުރި ފުލުސް މީހާ:

  • ސާފު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރި ފުލުސް މީހާ ވެސް ދިފާއުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވޭ 

  • ދައުލަތުން ވަނީ އެ ހެކިވެރިޔާ ވެސް ބަލައިނުގަތުމަށް އެދިފައި 

  • ދައުލަތުން ބުނީ، ތަހުގީގުގައި ސާފުނުވާ ކަމެއް އޮތް ނަމަ އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅައިގެން އިބްތިދާއީ މަރުހަލާގައި ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށާއި ޝަރީއަތުގެ މަރުހަލާގައި އެ ވާހަކަތައް ނުދެއްކޭނެ ކަމަށް

ލަމްހާގެ އިންޓަވިއުއެއް ނެގި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ:

  • ދައުލަތުން ބުނީ، ދިފާއުން ސުވާލު އުފައްދަން ބޭނުންވަނީ އެ އިންޓަވިއުގެ އޯޑިއޯ ނެގި ގޮތާއި އެ އޯޑިއޯ ބަލައިގަތުމާ މެދު ކަމަށް ވާނަމަ އެއީ އިބްތިދާއީ މަރުހަލާގައި ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށް

ލަމްހާ ވާހަކަދެއްކި މީހެއް ކަމަށްވާ އިއްޒުއްދީން އަދުނާން:

  • ލަމްހާ އާއި އިއްޒުއްދީން އަދުނާން ކިޔާ މީހަކާ ދެމެދު ދައްކާފައިވާ ވާހަކަތަކަކާ ބެހޭ ގޮތުން ސުވާލުކުރަން އިއްޒުއްދީން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވޭ 

  • އެއީ ދައުލަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ބެހޭ ގޮތުން ސުވާލު އުފައްދަން ކަމަށް ބެލެވޭ ކަމަށް ދައުލަތުން ބުނޭ

  • އެކަމަކީ ވެސް ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅައިގެން އިބްތިދާއީ މަރުހަލާގައި ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށް ދައުލަތުން ބުނި

އައިޖީއެމްއެޗްގެ އިސް ދެ މީހަކު:

  • ދައުލަތުން ބުނީ، އެ ހެކިވެރިން ހުށަހަޅަނީ ލަމްހާ އަތުން ފެނުނު ބޭސްތަކަކީ އައިޖީއެމްއެޗުން ހޯދި ތަކެތި ނޫންކަން ސާބިތުކުރަން ކަމަށް ބެލެވޭ ކަމަށް 

  • ދައުލަތުން ހެކި ހުށަހަޅާފައިވާ ދާއިރާގެ ތެރެއިން ހުށަހަޅައި ސުވާލުކުރުމަށް އެ ހެކި ބަލައިގަތުުމަށް ފުރުސަތު ދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ދައުލަތުން ބުނެފައިވޭ 

  • އެ ބޭސްތަކަކީ އައިޖީއެމްއެޗުން ގެނައި ތަކެތި ކަމަށް އޭނާ ތަހުގީގުގައި ބުނެފައި، ފަހުން ސެނަހިޔާ އިން ގޮތް ނޭނގޭ ބައެއްގެ އަތުން ލިބުނު ތަކެތި ކަމަށް ބުނެފައި ވާކަން ދައުލަތުން ފާހަގަކުރި

ޑރ. ޔޫސުފް ޝާން:

  • މޭރީގެ މަރަކީ މެޑިކޯ ލީގަލް ކޭސްއެއް ކަމަށް ސިޓީއެއްގައި ޑރ. ޔޫސުފް ޝާން ލިޔުއްވާފައިވާތީ، އެހެން ބަޔާން ކުރި ސަބަބު ކިޔައިދޭން ދިފާއުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވޭ 

  • އެ ހެކި ބަލައިގަތުމާ ދެކޮޅު ހަދައި ދައުލަތުން ބުނެފައި ވަނީ އޭނާ ހުށަހަޅަނީ ކޮން ދިފާއެއް ސާބިތު ކުރަން ކަމެއް ލަމްހާގެ ފަރާތުން ބުނެ ނުދެވޭ ކަމަށް 

  • ޝާން ކޯޓުގައި އެއީ މެޑިކޯ ލީގަލް ކޭސްއެއް ނޫން ކަމަށް ބުނި ނަމަވެސް، އެކަމުން އެއްވެސް ނަތީޖާއެއް ނުނުކުންނާނެ ކަމަށް ބުނި

ބުނީ ކީކޭ؟ - ދިފާއީ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުގެ ވާހަކަތަކާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ޖެހޭ ކަންކަން ދިފާއަށް އެނގޭ ކަމަށެވެ. ޔާމީން ވިދާޅުވީ، ދިފާއުން އެ ހެކިތައް ހުށަހަޅައިގެން ސުވާލުކޮށްގެން ސާފު ކުރަން ޖެހޭ ކަންކަން އެބަ ހުރި ކަމަށާއި އެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ޔާމީން ވިދާޅުވީ، ދައުލަތުން އެ ހެކިން ހުށަހަޅައިގެން ސުވާލުކުރުމުން ދިފާއުން ކްރޮސް އެގްޒަމިންކޮށް ސުވާލު ކުރާއިރު، ދިފާއަށް ބައެއް ކަންކަން ސާފު ނުކުރެވޭނެ ކަމަށެވެ. އެ މަރުހަލާގައި ސުވާލުކުރެވޭނީ ދައުލަތުން ސުވާލުކުރާ ދާއިރާގެ ތެރެއިން ކަމަށްވާތީ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ދިފާއުން ދެއްކި ވާހަކަތަށް ދައުލަތުން ރައްދު ދިން އިރު، ދެ ފަރާތުން ވެސް ވަނީ ގިނައިރުތަކެއް ވަންދެން ގާނޫނީ ސަބަބުތައް ދައްކައި ބަހުސްކޮށްފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުށަހެޅުންތަކާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. އެކަމަށް އޮގަސްޓު މަހު އެ ކަމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ލަމްހާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ އިން ދިފާއުވުމަށް އޭނާ 11 ހެއްކެއް ހުށަހަޅާފައި ވާއިރު، ދައުލަތުން ވަނީ ދައުވާތައް ސާބިތުކުރުމަށް 110 ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި 74 ޝަފަހީ ހެއްކެއް އަދި 36 ކިތާބީ ހެއްކެއް ހިމެނެ އެވެ.

ލަމްހާގެ މައްޗަށް ކުރާ ދައުވާތައް

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ: 110 ހެކި ހުށަހެޅި އިރު، އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެކި 36 ކިތާބީ ހެކި

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ: ޖުމްލަ 18 ހެއްކެއް ހުށަހެޅި އިރު އޭގެ ތެރެއިން 11 ހެއްކަކީ ޝަފަހީ ހެކި އަދި ހަތް ހެއްކަކީ ކިތާބީ ހެކި

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ: ޖުމްލަ 18 ހެއްކެއް ހުށަހެޅި އިރު އޭގެ ތެރެއިން 11 ހެއްކަކީ ޝަފަހީ ހެކި އަދި ހަތް ހެއްކަކީ ކިތާބީ ހެކި

މާވިންއާ ދެކޮޅަށް ވެސް ދައުލަތުން ވަނީ 110 ހެކި ހުށަހަޅައިފަ އެވެ. މާވިންގެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ދިފާއީ ހެކި ހުށަހަަޅަން އޭނާއަށް އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދީފަ އެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް