ކޮކާ-ކޯލާ

ގަތީ އެންމެ ކޯކު ފުޅިއެއް: އެ ދަނީ ވޯލްޑް ކަޕްގެ މެޗެއް ބަލާލަން ގަތަރަށް

ކޮކާކޯލާ އިން ވޯލްޑް ކަޕާ ދިމާކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންގައި ހުރިހާ ހަރަދަކާއި އިތުރު މީހަކާ އެކު ވޯލްޑް ކަޕް މެޗެއް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ހޯދިދާނެ
17 އޮކްޓޯބަރު 2022

މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މުބާރާތާ ދިމާކޮށް ކޮކާކޯލާ އިން މިދިޔަ މަހު 'އަންކެޕް، ބިލީވް، ފްލައި'ގެ ނަމުގައި ބޮޑު ޕްރޮމޯޝަނެއް ފެށި އެވެ. އެއީ ކޮކާކޯލާ، ކޮކާކޯލާ ޒީރޯ އަދި ސްޕްރައިޓް ފުޅީގެ ރަން މަތިގަނޑުގެ ދަށުގައިވާ ކޯޑު އެސްއެމްއެސް ކޮށްލައިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަންގެ އެންމެ ބޮޑު އަދި ގިނަ މީހުން ބޭނުންވާ އިނާމަކީ ހުރިހާ ހަރަދަކާ އެކު ވޯލްޑް ކަޕް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތެވެ. ސީދާ އެ އިނާމު ހޯދަން ބައެއް މީހުން ގިނަ އަދަދަކަށް ކޯކު ފުޅި ގަނެ އެވެ. ގިނައިން ގަތުމަކީ އިނާމު ލިބުމުގެ ފުރުސަތު ބޮޑުވާ ކަމެއް ނަމަވެސް، މިދިޔަ ހަފްތާގައި ކޮކާކޯލާ އިން މާގިރި ހޮޓެލްގައި ބޭއްވި އިވެންޓުގައި ބައެއް ނަސީބުވެރި ފަރާތްތަކާ ބައްދަލުވެ، އެ މީހުން ދެއްކި ވާހަކަތައް މުޅިން ތަފާތެވެ.

ކުޑަ ހަރަދެއް ކޮށްގެން ގަތަރުގެ ފުރަތަމަ ދަތުރު

"ހަމަ އެންމެ މަތިގަނޑެއް،" މިދިޔަ ހަފްތާގައި ނެގި ގުރުގައި ގަތަރަށް ދިއުމުގެ ފުރުސަތު ލިބުނު ހަސަން ވަހީދު ގާތުގައި، އެސްއެމްއެސް ފޮނުވީ ކިތައް ކޯކު މަތިގަނޑުގެ ކޯޑުތޯ އެހުމުން ބުންޏެވެ.

އެހާ ކުޑަ ހަރަދެއް ކޮށްގެން ގަތަރަށް ދެވޭތީ އޭނާ ހުރީ ވަރަށް އުފާ ވެފަ އެވެ.

"ވަރަށް އުފާވޭ، ދުވަހަކު ދެވުނު ހިސާބެއް ނޫން. އަނެއްކާ ވޯލްޑް ކަޕް މެޗެއް ބަލައިލެވޭ ގޮތަށް ދެވޭތީ،" އޭނާ ބުންޏެވެ.

އެންމެ މަތިގަނޑެއްގެ ކޯޑު ފޮނުވައިގެން ގަތަރު ދަތުރު ލިބުނު ހަސަން ވަހީދު. (ފޮޓޯ/ކޮކާ ކޯލާ)

ހުރިހާ ހަރަދަކާ އެކު ވޯލްޑް ކަޕް މެޗެއް ބަލަން ގަތަރަށް ދިއުމުގެ ފުރުސަތު ކޮކާކޯލާއިން ދެނީ އިތުރު ބައިވެރިއެއް ވެސް ގެންދެވޭ ގޮތަށެވެ. ހަސަން ބުނީ އެކުގައި ގެންދާނެ މީހަކު ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.  

'ސަޕޯޓު ކުރާ ޓީމު ނުކުޅުނަސް އޯކޭ'

އެއް މަތިގަނޑު ނޫނަސް، ގަތަރަށް ދިއުމުގެ ފުރުސަތު ހުސައިން ޝަމީމަށް ވެސް ލިބުނީ މާ ބޮޑު ހަރަދެއް ކޮށްގެން ނޫނެވެ.

"ހަ މަތިގަނޑު [ކޯޑު އެސްއެމްއެސް ކުރީ]. މިކަހަލަ ލަކީޑްރޯއެއްގައި ފުރަތަމަ ފަހަރަށް މި [ނަސީބު] ލައްވާލީ،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕް މެޗެއް ބަލާލަން ގަތަރަށް ހިލޭ ދާން ލިބުނު ނަމަވެސް، ކަން ދިމާކުރި ގޮތުން ޝަމީމް ސަޕޯޓުކުރާ ޓީމު މިފަހަރު އެ މުބާރާތުގައި ނުކުޅެ އެވެ.

"ސަޕޯޓު ކުރަނީ އިޓަލީއަށް އެކަމަކު މިފަހަރު އިޓަލީ ނުކުޅޭ. ދެން ދިމާވާ ޓީމަކަށް ސަޕޯޓު ކުރާނީ،" ހިނިގަނޑެއް ޖަހާލުމަށް ފަހު އޭނާ ބުންޏެވެ.

ހުސައިން ޝަމީމު: އޭނާ އެސްއެމްއެސް ކުރީ ހަ މަތިގަނޑުގެ ކޯޑު. (ފޮޓޯ/ކޮކާ ކޯލާ)

ޝަމީމް ބުނީ އެ ދަތުރުގައި އޭނާއާ އެކުގައި ގެންދާނީ އަންހެނުން ކަމަށެވެ.

އެ ޕްރޮމޯޝަންގައި ގަތަރު ދަތުރެއްގެ އިތުރުން ދެން ހިމެނޭ އިނާމުތަކަކީ:

  • ޕްލޭސްޓޭޝަން 5، ފީފާ 2022 ސީޑީއާ އެކު

  • ވޯލްޑް ކަޕް 2022ގެ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހުލާ'

  • ކޮކާކޯލާ ކޭހެއް

އޭގެ ތެރެއިން ޕީއެސް 5އެއް ލިބުނު ހުސައިން އާލިމް ވަނީ ގަތަރު ދަތުރު ލިބުނު މީހުންނަށް ވުރެ މާ ގިނައިން ހަރަދުކޮށްފަ އެވެ.

"50 އަށް ވުރެ ގިނަ މަތިގަނޑުގެ ކޯޑު އެސްއެމްއެސް ކުރިން،" އޭނާ ބުންޏެވެ.

"ވަރަށް ހެޕީ. ވަރަށް ސަޕްރައިޒްވި، އެހާ ގިނަ މީހުންގެ ތެރެއިން ޕީއެސް 5އެއް ލިބުނީމަ."

ޕީއެސް 5 ލިބުނު ހުސައިން އާލިމް 50އަށް ވުރެ ގިނަ މަތިގަނޑުގެ ކޯޑު ފޮނުވި. (ފޮޓޯ/ކޮކާ ކޯލާ)

'އަންކެޕް، ބިލީވް، ފްލައި' ޕްރޮމޯޝަން:

  • ޕްރޮމޯޝަން ކުރިއަށްދާނީ 31 އޮކްޓޫބަރުގެ ނިޔަލަށް

  • މިހާތަނަށް ހަ ހަފްތާގެ ނަސީބުވެރި ފަރާތްތައް ވަނީ ހޮވާފައި؛ ބާކީ ތިން ލަކީޑްރޯ އެބައޮތް

  • ކޮކާކޯލާ، ކޮކާކޯލާ ޒީރޯ އަދި ސްޕްރައިޓްގެ ރަން މަތިގަނޑުގެ ދަށުގައިވާ ކޯޑު އެސްއެމްއެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

  • އެސްއެމްއެސް ފޮނުވާނީ 2626އަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް