އުރީދޫގެ ގޭމިން ޕްލެޓްފޯމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އުރީދޫ

ޮަޕަބްޖީގެ ބޮޑު މުބާރާތަކާ އެކު އުރީދޫގެ ގޭމިން ޕްލެޓްފޯމު އިފްތިތާހުކޮށްފި

މިއީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީއެއް ބިނާކޮށް، ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި ސިނާއަތުގައި ހުރި ފުރުސަތުތަކާ ގުޅުވާލަދިނުމަށް ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށް އުރީދޫން ބުނޭ

އުރީދޫން އެ ކުންފުނީގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް 'އުރީދޫ ނޭޝަން - ގޭމާސް ލޭންޑް' ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރޭ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި، ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ އެކި ފަރާތްތަކުގެ ހާޒިރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްލެޓްފޯމު އިފްތިތާހުކޮށްދެއްވީ:

  • ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

  • އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އާއި މިނިސްޓަރު މައުސޫމް އުރީދޫ ނޭޝަން ގޭމިން ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވަނީ. (ފޮޓޯ/އުރީދޫ)

ތަފްސީލު - މި ޕްލެޓްފޯމަކީ، އުރީދޫން ބުނި ގޮތުގައި، ރާއްޖޭގައި ގޭމިން ކޮމިއުނިޓީއެއް ބިނާކޮށް، ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި ސިނާއަތުގައި ހުރި ފުރުސަތުތަކާ ގުޅުވާލަދިނުމަށް ތައާރަފުކުރި ޕްލެޓްފޯމެކެވެ.

އުރީދޫ ނޭޝަންގެ ޕާޓްނަރުންނަކީ:

  • ވީއާރު ކެފޭ

  • ގޭމް ރޫމް

  • އެންމެން ގޭމިން

  • އީ2އެސް

އުރީދޫ ނޭޝަންގެ ފީޗާތައް:

  • އައިޓިއުންސް، ނިިންޓެންޑޯ އަދި ޕްލޭސްޓޭޝަން ފަދަ ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމުތަކުގެ ގިފްޓް ކާޑު ގަނެވޭނެ

  • ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޮބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ މޮބައިލް އަދި ރޮބްލޮކްސް ފަދަ ގިނަ ގޭމުތަކަށް ހާއްސަ މޮބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެ

  • އަގުހުރި އިނާމު ލިބޭ ލޯކަލް އަދި ބޭރުގެ މުބާރާތްތައް ކުރިއަށްދާނެ

  • މުބާރާތްތައް ލައިވްކޮށް ސްޓްރީމް ކުރާނެ

  • ގޭމިންއާ ގުޅޭ ހަބަރުތައް ބަލާލެވޭނެ

  • އުރީދޫ ނޭޝަން ޝޮޕް - މި އޮންލައިން ފިހާރަ އިން ގޭމް، ގޭމިން ކޮންސޯލް އަދި ގޭމިންއާ ގުޅޭ އެކި ގެޖެޓުތައް ގަނެވޭނެ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މޮބައިލް މުބާރާތް

އުރީދޫ ނޭޝަންގެ ތެރެއިން އެކި ގޭމްތަކަށް ހާއްސަ މުބާރާތްތައް ބާއްވަން ރާވާފައި ވާއިރު، މި ޕްލެޓްފޯމްގެ ފުރަތަމަ މުބާރާތް ކަމަށްވާ 'އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް' ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްފަ އެވެ.

އެ މުބާރާތުގެ ޕްރައިޒް ޕޫލަކީ 100،000ރ. އެވެ. އުރީދޫން ބުނީ އެ ޗެމްޕިއަންޝިޕްގައި ޕަބްޖީގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ، ލެވަލް މަތިވާ ވަރަކަށް ފައިސާގެ އިނާމު އިތުރުވަމުންދާނެ ކަމަށެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާ އާއި ލިބޭ ވަނަތައް އުރީދޫ ނޭޝަންގެ ލީޑާބޯޑުން ފެންނަން ހުންނާނެ އެވެ.

މީގެ އިތުރުން، އުރީދޫ ފައިބާ ސުޕަނެޓްގެ ގޭމިންއަށް ހާއްސަ އާ ދެ ޑޭޓާ ޕެކްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެއީ:

  • 50 ޖީބީ ޕެކް: 50 ޖީބީގެ ޑޭޓާ އެލަވަންސް، 50ރ.އަށް

  • 100 ޖީބީ ޕެކް: 100 ޖީބީގެ ޑޭޓާ އެލަވަންސް، 100ރ.އަށް

އަލަށް ތައާރަފުކުރި މި ޑޭޓާ ޕެކްތައް ބޭނުން ކުރެވޭނީ އެކްޓިވޭޓް ކޮށްގެން 24 ގަޑިއިރަށެވެ.

ބުނީ ކީކޭ؟ - އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ އުރީދޫ ނޭޝަންއާ އެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

"އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފް ކުރުމަކީ މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށްވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ، ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނިމުގެ އަޒުމުގައި."

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ. (ފޮޓޯ/އުރީދޫ)

އުރީދޫން ބުނި ގޮތުގައި، އުރީދޫ ނޭޝަންގެ އަމާޒަކީ އެ ކުންފުނީގެ ވަރުގަދަ 4ޖީ އަދި 5ޖީ ނެޓްވޯކާއި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ އެކު ހަދާފައިވާ ޕާޓްނަޝިޕްތަކުގެ އެހީގައި ގޭމިންއާ ގުޅުންހުރި ހުރިހާ ހިދުމަތަކާއި މައުލޫމާތު އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ.

އެނގުން މުހިންމު - ގޭމިން އަކީ ހަމައެކަނި މުނިފޫހިފިލުވަން ނުވަތަ ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއްގެ ބަދަލުގައި ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެކެވެ. ބޭރު ދުނިޔޭގައި މިއީ ބޮޑު އާމްދަނީއެއް ވެސް ލިބޭ ކަމެކެވެ. މި ދާއިރާ އިން ތަނަވަސްކޮށްދޭ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ:

  • ޑިޒައިނަރުން

  • ޑިވެލޮޕަރުން

  • ޕްރޮގްރާމަރުން

  • އިންޖިނިއަރުން

  • ޕްރޮފެޝަނަލް ގޭމަރުން

  • ސްޓްރީމަރުން

އުރީދޫން ބުނި ގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް މި ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް