ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ ލަނޑެއް ޖަހާފައި އުފާފާޅުކުރަނީ.

ރިއަލް މެޑްރިޑް

އެމްބާޕޭ ދާދި އަވަހަށް ރެއާލަށް ބަދަލުވާނެ

އޭނާ ވަނީ ރެއާލްއާ އެކު އެއްބަސްވުމަކަށް އައިސްފައި

ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ދާދި އަވަހަށް ރެއާލް މެޑްރިޑަށް ބަދަލުވާކަން އިއުލާންކުރާނެ ކަމުގެ ޔަގީންކަން އެ ކްލަބަށް އެބައޮތް ކަމަށް ސްޕެއިނުގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ގުއިލަމް ބަލަގޫ ބުނެފި އެވެ.

ރެއާލުން އަންނަނީ މިދިޔަ ސީޒަނުން ފެށިގެން އެމްބާޕޭ ހޯދަން މަސައްކަތްކުރަމުންނެވެ. މިދިޔަ ސީޒަނަށް ފަހު އޭނާ ގަންނަން ރެއާލުން ހުށަހެޅުމުން ޕީއެސްޖީން ފުރަގަސްދިނީ އެވެ.

އެކަމަކު މި ސީޒަނަށް ފަހު އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވާތީ ޕީއެސްޖީގެ ރުހުން ނެތި އޭނާ އަށް އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ. ބީބީސީން އޭޕްރިލް މަހު ރިޕޯޓްކުރި ގޮތުގައި އޭނާ ވަނީ ރެއާލާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

އެކަމަކު ޕީއެސްޖީން ފަހުން އޭނާ އަށް ދެ އަހަރުގެ ކޮންޓްރެކްޓް ހުށަހެޅި އެވެ. އެގޮތުން އެ ކޮންޓްރެކްޓުގައި ސޮއިކުރުމުން 27 މިލިއަން ޑޮލަރުގެ މުސާރައިގެ އިތުރުން ބޯނަސްގެ ގޮތުގައި 195 މިލިއަން ޑޮލަރު ދޭން އެ ކްލަބުން ހުށަހެޅި ކަމަށްވެ އެވެ. އެއަށް އޭނާ އެއްބަސްވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީން ބޭނުންވީ ގަތަރުގައި މި އަހަރު ނޮވެމްބަރުގައި ފަށާ ވޯލްޑް ކަޕުގެ ނިޔަލަށް އެމްބާޕޭ އެ ކްލަބުގައި ބެހެއްޓުމެވެ. ޕީއެސްޖީއަކީ ގަތަރުގެ ކުންފުންޏަކުން ހިންގާ ކްލަބެކެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އެ ޓީމު ދެކޭ ހުވަފެން ސީދާވޭތޯ އިތުރު ދެ އަހަރެއްގައި މަޑުކުރުވަން ވެސް ބޭނުންވަނީ އެވެ. އޭގެ އަނެއް ފައިދާއަކީ އެމްބާޕޭ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ އަންނަ ސީޒަނަށް ފަހު ވިއްކާލެވެން އޮތުމެވެ. އޭރުން ވޯލްޑް ކަޕުގެ ތެރޭގައި އޭނާ މަޑުކުރުވުމަށް ފަހު، އަންނަ ސީޒަނަށް ފަހު ވިއްކާލައިގެން ބޯނަސް ފައިސާ ސަލާމަތްކުރެވޭނެ އެވެ.

އެކަމަކު އިތުބާރު ހިފޭ މަސްދަރުތައް ބުނާ ގޮތުގައި އޭނާ މިހާރު އެ ހުށަހެޅުމަށް ފުރަގަސްދީ ރެއާލަށް ބަދަލުވުމާ މެދު ގޮތް ނިންމައިފަ އެވެ. އެގޮތުން ޖޫން މަހު ނޭޝަންސް ލީގުގައި ފްރާންސަށް ކުޅުމުގެ ކުރިން އެމްބާޕޭ ރެއާލަށް ބަދަލުވާކަން އިއުލާންކުރާނެ ކަމަށް އެ ކްލަބުން ގަބޫލުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަލަގޫ ބުނި ގޮތުގައި ޕީއެސްޖީން ފަހުން ބޯނަހަކާ އެކު ކޮންޓްރެކްޓް ހުށަހެޅުމުން، ރެއާލާ އެކު އެމްބާޕޭ ވީ އެއްބަސްވުމަށް ބަދަލެއް ގެންނަން އޭނާ މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެ އެއްބަސްވުމަށް އެމްބާޕޭ އިހުތިރާމްކުރާނެ ކަމުގެ އިތުބާރު ރެއާލަށް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިއަރު ފެށި އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ ރެކޯޑް އަގެއްގައި 2017 ގަ އެވެ. އޭނާ ވަނީ އެ ޓީމަށް 216 މެޗުން168 ގޯލް ޖަހައިދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް