ފުޓްބޯޅަ

ވޭލްސްއަށްޓަކާ ބޭލް ދެ ވަނަ ޑިވިޝަނުގައި ކުޅެފާނެތަ؟

ބޭލް އަށް ކާޑިފް އިން ވަނީ އޮފާއެއް ދީފައި

ކޮންޓްރެކްޓް ހަމަވުމުން ރެއާލް މެޑްރިޑުން ދޫކޮށްލާފައިވާ ވޭލްސްގެ ވިންގާ ގެރެތު ބޭލް ގެންދިއުމުގެ މަސައްކަތް އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ވޭލްސްގެ ކާޑިފް ސިޓީން ފަށައިފި އެވެ.

ބޭލްގެ މަންދޫބުން ވަނީ ކާޑިފްގެ ޗެއާމަން މެހްމެޓް ޑަލްމަންއާ މަޝްވަރާކުރަމުން އަންނަކަން ބީބީސީ އަށް ކަށަވަރުކޮށްދީފަ އެވެ.

އެކަމަކު އޭނާ އުމުރުން 32 އަހަރުގައި، ދަށް ޑިވިޝަނެއްގައި ކުޅެފާނެތޯ ސުވާލު އުފެދެ އެވެ. ކާޑިފް އަކީ ބޭލްގެ އުފަން ސިޓީ އެވެ. އެހެންވެ ފަހަރުގައި އެ ކްލަބް އަލުން ޕްރިމިއާ ލީގަށް އަރަން ކުރާ މަސައްކަތަށް އެހީވާން އޭނާ އެ ކްލަބާ ގުޅިދާނެ އެވެ.

ބީބީސީން ބުނާ ގޮތުގައި ބޭލްގެ މިވަގުތުގެ އެންމެ ބޮޑު ފޯކަސްއަކީ 1958 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ވޭލްސް ގޮވައިގެން މި އަހަރުގެ ނޮވެމްބަރުގައި ގަތަރުގައި ފަށާ މުބާރާތުގައި ވާދަކުރުމެވެ. 

ބޭލްގެ މޮޅު ކުޅުމާ އެކު އެންމެ ފަހުގެ ދެ ޔޫރޯ އަށް ވެސް ވޭލްސް ކޮލިފައިވި އެވެ. އޭގެ ތެރެއިން 58 އަހަރަށް ފަހު ބޮޑު މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރު، 2016 ގެ ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނެވެ. އެ ގައުމުގެ ފުޓްބޯޅަ ހަޔާތުގައި ދެ ވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިދިނީ ބޭލް ހިމެނޭހެން، މިދިޔަ ދެ ޔޫރޯގައި ވެސް ކުޅުނު ރަން ޖީލުގެ ކުޅުންތެރިންނެވެ. އެހެންވެ މި އަހަރުގެ ވޯލްޑް ކަޕް ބޭލް އަށް ވަރަށް މުހިއްމެވެ.

ކާޑިފް އާއި ވޭލްސް އިން ބޭނުންކުރަނީ އެއް ޓްރެއިނިން ސެންޓަރު ކަމުން ކާޑިފްއާ ގުޅިއްޖެ ނަމަ އޭނާ އަށް ވޭލްސްގެ މެޑިކަލް އޮފިޝަލުންނާ އެކު މަސައްކަތްކުރެވޭނެ އެވެ.

ބޭލް އަކީ ވަރަށް ގިނައިން އިންޖަރީއާ ކުރިމަތިވާ ކުޅުންތެރިޔެކެވެ. އެހެންވެ ވޯލްޑް ކަޕަށް ފިޓްކޮށް ހުންނަން އޭނާ ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

އެކަމަކު މުސާރަ މައްސަލައަކަށް ވެދާނެ އެވެ. ރެއާލުން އޭނާ އަށް ހަފުތާއަކު 600،000 ޕައުންޑް ދިނެވެ. މިއީ، ބީބީސީން ބުނާ ގޮތުގައި މިއީ ކާޑިފްގެ މުޅި ސްކޮޑަށް ހަފުތާއަކު ލިބޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ.

މީޑިއާ އިން ބުނާ ގޮތުގައި ފައިސާ އަށް ވުރެ ވެސް ބޭލް އަށް މިވަގުތު މުހިއްމީ ވޯލްޑް ކަޕެވެ.

ބޭލް އަށް އިތުރު އޮފާތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އެމެރިކާގެ މޭޖާ ލީގުގެ ކްލަބްތަކާއި އޭނާގެ ކުރީގެ ކްލަބް ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް ވެސް ހިމެނެ އެވެ. ބޭލް ވަނީ 2020/2021 ގެ ސީޒަނުގައި ލޯނެއްގެ ދަށުން ވެސް ޓޮޓެންހަމް އަށް ކުޅެފަ އެވެ.

ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އިން ކެރިއަރު ފެށި ބޭލް ވިދާލީ 2007 އިން 2013 އަށް ޓޮޓެންހަމް އަށް ކުޅުނުއިރެވެ. އޭނާ 2013 ގައި ރެއާލަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޔޫރޯ އަށެވެ.

ރެއާލަށް އޭނާ 258 މެޗު ކުޅެދީ 106 ގޯލް ޖެހި އެވެ. އެ ޓީމާ އެކު އޭނާ ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި ސްޕެނިޝް ލީގު ތިން ފަހަރު ހޯދި އެވެ. އެކަމަކު ފަހަކަށް އައިސް އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓޭ ގޮތެއް ނުވި އެވެ. އަދި ރެއާލް ސަޕޯޓަރުންނާ ވެސް އޭނާއާ މައްސަލަ ޖެހުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް