ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުޑިޝަރީ

ޑިސްޓްރިކްޓް ކޯޓު އުފައްދައި ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ޝަރުއީ ދާއިރާ ހަރުދަނާ ކުރަން އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވި ބިލުތަކުގައި ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރަން ވަނީ ހިމަނާފައި
25 އޭޕްރީލު 2022

ރާއްޖޭގެ އެކި ސަރަހައްދުތައް ޖުޑީޝަލް ޑިސްޓްރިކްޓުތަކަކަށް ބަހާލައި، އެ ސަރަހައްދުތަކަށް ހާއްސަ ޑިސްޓްރިކްޓު ކޯޓުތަކެއް އުފެއްދުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރަން، ކަމާ ގުޅޭ ބައެއް ގާނޫނުތައް އިސްލާހުކުރަން އޭޖީ އޮފީހުން އެކަމާ ބެހޭ ބިލުތައް އެކުލަވާލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ތަފްސީލު - އޭޖީ އޮފީހުން ފޮނުވި ބިލުތަކުގައި އިސްލާހުތަކެއް ގެނައުމަށް ނިންމާފައި ވަނީ ދެ  ގާނޫނަކަށެވެ. އެއީ:

  • ކޯޓުތަކުގެ ގާނޫނު

  • ފަނޑިޔާރުންގެ ގާނޫނު

ކޯޓުތަކުގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހު

ކޯޓުތަކުގެ ގާނޫނަށް ގެންނަން އޭޖީ އޮފީހުން ހުށަހަޅާ މައިގަނޑު އިސްލާހަކީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ. އެ ބަދަލުތަކަކީ:

  • ރާއްޖޭގެ އެކި ސަރަހައްދުތައް ޝަރުއީ ޑިސްޓްރިކްޓުތަކަށް ބަހައިލުން

  • އެ ޑިސްޓްރިކްޓުތަކުގައި ޑިސްޓްރިކްޓު ކޯޓުތަކެއް އުފެއްދުން

  • ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކުރުން

  • ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ 'ސާކިޓްތަކެއް' ގާއިމްކުރުން

  • އެ ސާކިޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުން

  • ކޯޓުތައް ހިންގުމާ ގުޅޭ މި ނޫން ބައެއް އުސޫލުތަކަށް ބަދަލު ގެނައުން

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހު

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކަކީ، އޭޖީ އޮފީހުން ބުނި ގޮތުގައި، ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ބައެއްކަން ކަށަވަރު ކުރުމެވެ.

އެކަމާ ގުޅޭ އުސޫލުތަކެއް ގާނޫނުގައި ކަނޑައެޅުމާ އެކު ގާނޫނަށް އިސްލާހު ގެނެސްގެން ފަނޑިޔާރުންނާ ގުޅޭ ބައެއް ކަންކަން މިހާރަށް ވުރެ ތަފްސީލުކުރަން އޭޖީ އޮފީހުން ފޮނުވި ބިލުގައި ހިމަނާފައިވެ އެވެ. މިހާރަށް ވުރެ ހަރުދަނާ ކުރަން ހިމެނި ކަންކަމަކީ:

  • ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުން

  • ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހު ކުރުން

  • ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އިސްލާހުތައް އިތުރަށް ތަފްސީލު ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް