ނައިޖީރިއާގެ ސޮކޮޓޯ ސިޓީ. (ފޮޓޯ/ ގެޓީ އިމޭޖެސް)

ނައިޖީރާ

ނައިޖީރިއާގައި ދަރިވަރަކު މަރާލުމުން މުޒާހަރާ ކުރާތީ ކާފިއު ހިންގަނީ

އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ކްރިސްޓިއަން ދަރިވަރަކު މަރާލާފައިވަނީ އޭނާއާ އެއް ކުލާހެއްގެ މުސްލިމް ދަރިވަރުންތަކެއް

ނައިޖީރިއާގައި މިދިޔަ ހަފްތާގައި ކްރިސްޓިއަން ދީނުގެ ދަރިވަރަކު މަރާލުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސޮކޮޓޯ ސިޓީގައި 24 ގަޑިއިރުގެ ކާފިއުއެއް އިއުލާނުކޮށްފި އެވެ.

ވަޓްސްއެޕް ގްރޫޕެއްގައި އިސްލާމް ދީނާ ދެކޮޅަށް ވާހަކަދެއްކި ކަމަށް ތުހުމަތުކޮށް ޑެބޯރާ ސެމުއެލް ނަމަކަށް ކިޔާ ދަރިވަރަކަށް ތަޅައި އަނިޔާކޮށް އޭނާގެ ގައިގައި ރޯކޮށްލާފައި ވަނީ މުސްލިމު ދަރިވަރުންތަކެކެވެ.

ނައިޖީރިއާގެ ގިނަ މުސްލިމުންނާއި ކްރިސްޓިއަނުން ވަނީ ސެމުއެލް މަރާލުން ކުށްވެރިކޮށްފަ އެވެ. އޭނާ މަރާލުމާ ގުޅިގެން އިއްޔެ ކުރި މުޒާހަރާތަކުގެ ބައިވެރިން ޓަޔަރު ފަދަ އެއްޗެހީގައި ހުޅުޖަހާފައި ވާއިރު، ފުލުހުން ވަނީ އެ މީހުން މައިތިރިކުރުމަށް ކަރުނަ ގޭސް ޖަހާފަ އެވެ.

މުޒާހަރާކުރި ބައެއް ފަރާތްތަކުން ވަނީ ނައިޖީރިއާގެ އެންމެ އިސް މުސްލިމް އިމާމު އަދި ސޮކޮޓޯގެ ސުލްތާން މުހައްމަދު ސައާދު އަބޫބަކާގެ ގަނޑުވަރަށް ވެސް ވަދެގަނެފަ އެވެ.

ސުލްތާން މުހައްމަދު ވެސް ސެމުއެލް މަރާލުން ކުށްވެރި ކުރައްވާފައި ވާއިރު، މި ކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ވަނީ ގޮވާލައްވާފަ އެވެ.

ކާފިއު އިއުލާނުކުރައްވަމުން ސޮކޮޓޯގެ ގަވަރުނަރު އަމީނު ވަޒީރީ ތަަމްބުވަލް ވަނީ މުޒާހަރާކުރަމުންދާ ފަރާތްތަކުން ސުލްހަމަސަލަސްކަން އިސްކޮށް ގެއަށް ދިއުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އެފްރިކާގެ އެންމަ ބޮޑު އާބާދީއެއް އޮންނަ ނައިޖީރިއާގެ އުތުރުގައި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުން އަންނައިރު، ދެކުނުގައި ގިނައީ ކްރިސްޓިއަނުންނެވެ. ދޭތެރެ ދޭތެރެއިން އެ ގައުމުގައި ދީނީ ހަމަނުޖެހުންތައް ހިނގާއިރު، އުތުރުގެ ހިސާބުތަކުގައި މިފަދަ ހާދިސާތައް ވަކިން ގިނަ އެވެ. 

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވެސް ވަނީ ސެމުއެލް މަރާލުން ކުށްވެރި ކުރައްވައި އަދުލުވެރި ތަހުގީގަކަށް ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް