ރައީސް ސޯލިހު، އެމްޕީއެލްއަށް 36 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެމްޕީއެލް އިން ހިލަ އާއި ހިލަވެލި ބޭލުމުގެ ހިދުމަތް އަންނަ އަހަރު ފަށާނެ: ރައީސް

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެމްޕީއެލް އިން އެ ހިދުމަތް ފަށާނީ ތިލަފުށީގެ ބަލްކު ޓާމިނަލް އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ނިމުމުން
24 ސެޕްޓެމްބަރު 2022

އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ތިލަފުށީ ބަލްކު ޓާމިނަލް ނިމުމުން އެމްޕީއެލް އިން މުޅިން އަލަށް ހިލަ އާއި ހިލަވެލި ގެނެސް ބޭލުމުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ، މުޅިން އާ ހިދުމަތެއް ކަމަށްވާ، ހިލަ އާއި ހިލަވެލި ގެނެސް ބޭލުމުގެ ހިދުމަތް ފަށަން އެމްޕީއެލް އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހު، އެމްޕީއެލްއަށް 36 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - ރައީސް ސޯލިހު ވިދާޅުވީ އެމްޕީއެލް އިން އެ ހިދުމަތް ފެށުމުން ހިލަ އާއި ހިލަވެލި އެތެރެކުރާ ވިޔަފާރިވެރިންނާއި އާންމުންނަށް ވެސް އެކަމުން ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"ތިލަފުށީގައި މިހާރު ތަރައްގީކުރަމުން އަންނަ ބަލްކު ޓާމިނަލް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ނިމުމުން، ހިލަ އާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި އާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ތަފުސީލު - އެ ހިދުމަތް ފެށުމުން އާންމުންނަށް ލިބޭނެ އިތުރު ފަސޭހަތަކުގެ ގޮތުގައި ރައީސް ސޯލިހު ފާހަގަކުރެއްވި މައިގަނޑު ދެ ކަމަކީ:

  • މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާއީ ބޮޑެތި ހަރަކާތްތައް މަދުވުން

  • މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ހިދުމަތްތަކަށް ބޭނުންކުރަން ހުސްކުރެވުން

ތިލަފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ބަނދަރުގައި ހުރި މައްސަލަތަކަށް ގުޅީފަޅު ބަނދަރުން ހައްލު

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި އޭގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ވެސް އަލިއަޅުވާލެއްވެވި އެވެ. އެގޮތުން، ރައީސް ވިދާޅުވީ ވިދާޅުވީ ވިޔަފާރި ބަނދަރަށް އަންނަންވާ ވަރުގެ ތަރައްގީއެއް ނާންނަ ކަމަށާއި އެއީ މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަން އެ މަނިކުފާނު ވެސް ގަބޫލުކުރައްވާ ކަމަށެވެ.

"އިންޑިއާ ކަނޑުގައި ރާއްޖެ މި އޮތް ތަނުގެ ގޮތުން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ހާސިލުކުރެވޭނެ. ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްގީވެފައި އޮތް ނަމަ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިހާރު ހުންނާނީ މިއަށް ވުރެ މާ މަތީގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ބައެއް މުހިންމު ކަންކަމަކީ:

  • މާލޭ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު

  • ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް މާލެއަކު ނެތް؛ ބަނދަރު ބޮޑު ކުރެވޭކަށް ވެސް ނެތް

  • ޖާގައިގެ ދަތިކަމުގެ ސަބަބުން ބޭރުން ގެންނަ މުދާ ވަިޔފާރިވެރިންނަށް ފޯރަނީ ލަހުން؛ އެއީ އިގުތިސާދަށް ލިބޭ ބޮޑު ގެއްލުމެއް

  • މާލޭ ވިޔަފާރި ބަނދަރާއި ސަރަހައްދީ ބަނދަރުތައް ހަރުދަނާ ކުރަން ގިނަ މަސައްކަތްކެއް އަންނަނީ ކުރަމުން

  • ހދ. ކުޅުދުއްފުއްޓާއި އައްޑޫގެ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އިމްޕޯޓް އަދި އެކްސްޕޯޓު ހަރަކާތްތައް ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ދިރުން އަންނާނެ

  • ގދ. ތިނަދޫ ސަރަހައްދީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވުމުން އަމަލީ މަސައްކަތް ފެށޭނެ

އަޅުގަނޑުމެން ގުޅީފަޅުގައި ބަނދަރު ތަރައްގީ ކުރަނީ މާލޭ ވިޔަފާރި ބަނދަރާއި މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ހަރަކާތްތަކަށް ވެސް ޖާގަ ލިބޭ ވަރަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެން ދަތިކަން ހައްލުކުރުމަށް އެ ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ގުޅިފަޅު ބަނދަރަށް ބޭނުންވާ ބިމުގެ އެއް ބައި މިހާރު އެ އޮތީ ހިއްކާ ނިމިފައި. އަނެއް ބައި ހިއްކައި ނިމުމާ އެކު، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ބީލަމަށް ހުޅުވައިލެވޭނެ،" ރައީސް ވިދާޅުވި އެވެ.

ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. (ފޮޓޯ/އޯޝަނޮހޯލިކްމޯލްޑިވްސް)

ރައީސް ސޯލިހު ވިދާޅުވީ ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ހަރަކާތްތައް ހަލުވިވެ، ހިދުމަތްތައް އަވަސްވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ވެސް ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގުޅީފަޅުގައި ބަނދަރު ތަރައްގީ ކުރަނީ މާލޭ ވިޔަފާރި ބަނދަރާއި މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ހަރަކާތްތަކަށް ވެސް ޖާގަ ލިބޭ ވަރަށް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްގީއަށް މި ކުރާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރަށް ހަލުވިވެގެން ދިއުން. އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދިއުން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް