އެވެޓާ

ހޮލީވުޑް

ކުރި ހަރަދު ހޯދަން އެކަނި ވެސް 'އެވެޓާ 2' އަށް 2 ބިލިއަން ބޭނުންވާނެ

'އެވެޓާ: ދަ ވޭ އޮފް ވޯޓާ' ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2022

'އެވެޓާ 2' އުފަައްދަން ކުރި ހަރަދު ލިބޭނީ ވެސް އެ ފިލްމަށް މަދުވެގެން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެން ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމެރަން ބުނެފި އެވެ.

'އެވެޓާ: ދަ ވޭ އޮފް ވޯޓާ'ގެ ޑައިރެކްޓަރު ކެމެރަން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ބޮކްސް އޮފީހުން އެ ފިލްމަށް އެވަރުގެ އާމްދަނީއެއް ނުލިބިދާނެތީ އެވެ. 'އެވެޓާ'ގެ ސީކުއެލްއަކީ މި އަހަރު އެންމެ ބޮޑު އުއްމީދެއް ކުރެވޭ އެއް ފިލްމެވެ.

އަނެއްކޮޅުން އެއީ ކެމެރަން މިހާތަނަށް ޑައިރެކްޓު ކުރި އެންމެ ބަޖެޓު ބޮޑު ފިލްމަށް ވުމުން އޭނާ އަށް އޮތް ޕްރެޝަރު ވެސް ބޮޑެވެ. ފިލްމު އުފައްދަން ބޮޑު ހަރަދެއް ހިނގައި، ގިނަ ދުވަސްތަކެއް ހޭދަވިއިރު އެއީ އޮތް ގޮންޖެހުމެއްކަން އޭނާ ފާހަގަ ކޮށްފައިވެ އެވެ.

ފިލްމަށް ހަރަދުވި ސީދާ ބަޖެޓު ނުބުނި ނަމަވެސް ކެމެރަން ބުނީ އެއީ ފިލްމީ ތާރީހުގައި އެންމެ ގޯސް ވިޔަފާރި އަށް ވެދާނެ ކަމަށެވެ. ފިލްމު އުފައްދަން ހޭދަވި ހަރަދާ އަޅާބަލާއިރު ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވާނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ ތިންވަނަ ނޫނީ ހަތަރުވަނަ ފިލްމަށް ވެގެންނެވެ.

މިހާތަނަށް ހޮލީވުޑް ބޮކްސް އޮފީހުގެ އެންމެ ކާމިޔާބު ފިލްމަކީ 2009 ވަނަ އަހަރު ނެރުނު 'އެވެޓާ' އެވެ. އެ ފިލްމަށް 2.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 'އެވެންޖާންސް: އެންޑް ގޭމް' އަށެވެ. އެ ފިލްމަށް 2.7 ބިލިއަން ޑޮލަރު ލިބިފައިވާއިރު 'ސްޓާ ވޯސް: ދަ ފޯސް އަވޭކެންސް' އަށް 2.07 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

'އެވެޓާ: ދަ ވޭ އޮފް ވޯޓާ' ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް