ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ. (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)

ތަކުރާރުވީ ކުރީ މެޗުގެ ގޯސްތައް: މޮރިއޭރޯ

ރާއްޖެ އަށް އޭޝިއަން ކަޕުގެ ޖާގައެއް މިހާރު ނެތް

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އުޒްބެކިސްތާން އަތުން 4-0 އިން ދިވެހިރާއްޖެ ބަލިވި މެޗުގައި، ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭން ދެއްކީ ވަރުގަދަ ކުޅުމެއް ކަމަށާއި މައްސަލައަކަށްވީ ކުރީ މެޗުގެ ގޯސް ތަކުރާރުކުރެވުން ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ފުރަތަމަ މެޗުން ތައިލެންޑް އަތުން 3-0 އިން ބަލިވެފައިވުމާ އެކު ރޭގެ ނަތީޖާއާ އެކު ރާއްޖެ ވަނީ އޭޝިއަން ކަޕަށް ކޮލިފައިނުވެ ކަޓައިފަ އެވެ.

ރާއްޖެ އަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލުނީ ބާކީ އޮތް ސްރީ ލަންކާ މެޗުން މޮޅުވިޔަސް ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުގެ ފުރުސަތު ނެތުމުންނެވެ.

ދެ މެޗު ކުޅުނުއިރު ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އުޒްބެކިސްތާނެވެ. ދެ ވަނައިގައި އޮތީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތައިލެންޑެވެ. މިރޭ ތައިލެންޑް އަތުން 2-0 އިން ބަލިވި ލަންކާ އޮތީ ޕޮއިންޓެއް ނުލިބި ތިން ވަނައިގަ އެވެ. ލަންކާ އަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެކަމަކު ރާއްޖެ އަށް ވުރެ ލަންކާގެ ލަނޑުގެ ތަފާތު ރަނގަޅެވެ.

މޮރިއޭރޯ ބުނީ ރޭގެ މެޗުގައި ފެނިގެންދިޔައީ ވަކިވަކި ކުޅުންތެރިންގެ ގޯސްތަކެއް ކަމަށާއި މުޅި ޓީމުގެ މަސައްކަތް ޖުމްލަކޮށް ރަނގަޅު ކަމަށެވެ.

"ކުޅުންތެރިންނާ މެދު އަހަރެން ފަހުރުވެރިވޭ،" މޮރިއޭރޯ ބުންޏޭވެ.

އޭނާ ބުނީ ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބި ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށާއި އެކަމަކު މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ.

"މެޗަށް ފަހު އުޒްބެކިސްތާން ކޯޗު އަހަރެމެންނަށް ތައުރީފުކުރި. މީހުންނަށް އެބަ ފާހަގަކުރެވޭ އަހަރެމެން މަޑުމަޑުން ކުޅުން ރަނގަޅުކުރަމުން އަންތަން،" މޮރިއޭރޯ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭން ބޭނުންވަނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ޖެހިލުމެއް ނެތި ކުޅެން ކަމަށާއި ފަހަތުގައި ތިބުމުގެ ބަދަލުގައި ބޭނުންވަނީ ރަނގަޅު ފުޓްބޯޅައެއް ކުޅެން ކަމަށެވެ.

ރާއްޖޭގެ ހަމްޒާ (ވ) އަތުން ބޯޅަ ހޯދަން އުޒްބެކިސްތާން ކުޅުންތެރިޔަކު މަސައްކަތްކުރަނީ. (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)

"އަހަރެމެންގެ ވިސްނުމެއް ނޫން 10 ކުޅުންތެރިން އޭރިއާ ތެރޭ ޑިފެންސް ކުރަން ބޭތިއްބުމަކީ. އަހަރެމެން މަސައްކަތްކުރަން ރަނގަޅު ފުޓްބޯޅައެއް ކުޅެން. ބައެއް ފަހަރު ކާމިޔާބުވޭ އަނެއް ބައި ފަހަރު ގޯސްހެދޭ. އެކަމަކު މި ފެންވަރުގައި ކުޅޭއިރު ހެދޭ ގޯސްތަކުގެ އަގު އަދާކުރަންޖެހޭ،" މޮރިއޭރޯ ބުންޏެވެ.

ރާއްޖެ އަށް ދެން އޮތީ އަންގާރަ ދުވަހު ލަންކާއާ ދެކޮޅަށެވެ. މޮރިއޭރޯ ބުނީ އެ މެޗުން ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށާއި އެނބުރި ގައުމަށް ދާން ބޭނުންވަނީ މޮޅަކާ އެކު ކަމަށެވެ.

"އެކަމަކު އެ މެޗު ފަސޭހަނުވާނެ. އެއީ ވަރުގަދަ ޓީމެއް،" މޮރިއޭރޯ ބުންޏެވެ.

އުޒްބެކިސްތާނުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން އެލްޑޯ ޝޮމޮރުޑޯފް ވަނީ ރާއްޖެ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. އޭނާ އަކީ އިޓާލިއަން ލީގުގެ އޭއެސް ރޯމާ އަށް ކުޅޭ ފޯވާޑެކެވެ.

މިއީ އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ އަށް ފަހަކަށް އައިސް ލިބުނު އެންމެ ރަނގަޅު ފުރުސަތު ނަމަވެސް މާބޮޑު ތައްޔާރުވުންތަކެއް ނެތެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި، ކޮލިފައިންގެ ކުރިން ރާއްޖޭން މި އަހަރު ކުޅުނީ ބައިނަލްއަގްވާމީ އެންމެ މެޗެކެވެ. އެއީ މާޗު މަހު މާލޭގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗެވެ.

ކޮލިފައިންގެ ކުރިން ރާއްޖޭން އެކުވެރިކަމުގެ މެޗެއް ނުކުޅެ އެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް ތަމްރީން ކޭމްޕެއް ވެސް ނުބާއްވަ އެވެ. އެފްއޭއެމުން ބުނީ އޭގެ ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުމުން، އިތުރު ދަތުރެއް ކުރަން ޖެހިއްޖެ ނަމަ ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވާނެތީވެ، ޓެކްޓިކްސް އަށް މަސައްކަތްކުރަން އެ ވަގުތު ބޭނުކުރަން ކޯޗު ލަފާ ދިނުމެވެ.

ރާއްޖެ އަށް ތައްޔާރުވާން ވަގުތު ގެއްލުނީ ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރަން ޖެހުމެވެ. އެ ޓީމުގެ ކުޅުންތެރިން އެނބުރި އައިސް ގައުމީ ޓީމުގެ ފުލް ސްކޮޑަށް އެއްކޮށް ތައްޔާރުވާން ލިބުނީ ދެ ހަފުތާއެއްހާ ދުވަހެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް