ކޮސްޓަރިކާގެ ކޭޝާ ފުލާ ސްޕެންސް (4) ޖަޕާން ކޮލަށް ލަނޑު ޖަހަނީ

ޖަޕާނަށް ފަހު ވަގުތު ކޮސްޓަރިކާ ނުހިފެހެއްޓި ހާސްކަމެއްގެ ތެރެއަށް

ގަދަ 16 އަށް ދާން ޖަޕާނަށް ދެން ފުރުސަތު އޮންނާނީ ސްޕެއިން މެޗުގައި ރަނގަޅު ނަތީޖާޢެއް ނެރެގެން
27 ނޮވެމްބަރު 2022

ގަދަ 16 އިން ފަސޭހައިން ޖާގައެއް ހޯދޭނެ ކަމަށް ބަލައި މިއަދު ޖަޕާނުން ކުޅުނު މެޗުގެ ފަހު ވަގުތުކޮޅު ކޮސްޓަރިކާ އިން ޖެހި ހަމައެކަނި ލަނޑާ އެކު، ގަތަރު ވޯލްޑް ކަޕްގައި ޖަޕާން ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ފުރަތަމަ މެޗުގައި ޖަރުމަން ބަލިކޮށް ދުނިޔެއަށް ހައިރާންކަން ގެނެސްދިން އޭޝިއާ ތަމްސީލްކުރާ ޖަޕާނުން މިއަދު ވެސް މޮޅުވެވޭހާ ރަނގަޅަށް، ހާއްސަކޮށް ފަހު ހާފުގައި ކުޅުނެވެ. އެކަމަކު މެޗު އެނބުރުނީ ސްޕެއިން އަތުން 7-0 އިން ބަލިވެފައި އޮތް ކޮސްޓަރިކާގެ ކޭޝާ ފުލާ ސްޕެންސް 81 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. މިއީ މުބާރާތުގައި ކޮސްޓަރިކާއިން ގޯލާ އަމާޒުކުރި ފުރަތަމަ ހަމަލާ ވެސް މެ އެވެ.

ގްރޫޕް އީ މިހާރު ތަރުތީބުވެފައި އޮތީ ސްޕެއިން އާއި ޖަޕާން އަދި ކޮސްޓަރިކާ ތިން ޕޮއިންޓް އެއްވަރުވެގެންނެވެ. ނަމަވެސް ހަތް ލަނޑުގެ ފައިދާއާ އެކު އެއް ވަނާގައި ސްޕެއިން، ދެ ވަނާގައި ޖަޕާން އަދި ތިން ވަނާގައި ކޮސްޓަރިކާ އެވެ.

މިރޭ ދަންވަރު ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ މެޗުން ސްޕެއިން ބަލިވެއްޖެ ނަމަ ހަތަރު ޓީމު ތިން ޕޮއިންޓުން އެއްވަރުވާނެ އެވެ. ސްޕެއިން މޮޅުވެއްޖެ ނަމަ ގަދަ 16 ކަށަވަރުވެ، ދެ ވަނަ ޖާގަ ހޯދުމުގެ ހަނގުރާމަ އޮންނާނީ އަނެއް ތިން ޓީމުގެ މެދުގަ އެވެ.

ޖަޕާންގެ އިތުރުން ސައުދީ އަރަބިއްޔާ އަށް ވެސް ވީ މިކަހަލަ ގޮތެކެވެ. ޕޮލެންޑް އަތުން މޮޅުވެގެން ގަދަ 16 ކަށަވަރުވާން އޮތަސް، އަދި އެ މެޗުން މޮޅުވާނެ ވަރަށް ފުރުސަތު ލިބުނަސް، 2-0 އިން އިއްޔެ ބަލިވީ އެވެ.

އެކަމަކު މި ދެ ޓީމުގެ އިތުރުން އޭޝިއާގެ އަނެއް ތިން ޓީމު ކަމަށްވާ އީރާނާއި ސައުތު ކޮރެޔާ އަދި އޮސްޓްރޭލިޔާއަށް ވެސް ގަދަ 16އަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މުބާރާތުގައި ކުޅޭ އޭޝިއާގެ ހަ ވަނަ ގައުމު، އަދި މުބާރާތް ބާއްވާ ގަތަރު މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް