ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބުދެއްވަނީ. (ފޮޓޯ/ މަޖިލިސް)

ހިލޭ ގޯތި ދިނުން ނިމުމަކަށް ގެންނަން ޖެހޭ: އަސްލަމް

ޒަމާނުއްސުރެ ވެސް ރަށްރަށުން ގޯތި ދިނުމުގައި އިސްކަން ދެނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށް އަސްލަމް ވިދާޅުވި

ޒަމާނުއްސުރެ ރާއްޖޭގެ ރަށްރަށުން ހިލޭ ގޯތި ދިނުމުގެ ސިޔާސަތު ބަދަލުކުރަން ޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ ސުކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައި ވާއިރު، ގޯތިތައް ދޫކުރަނީ މާލެއަށް ނިސްބަތްވާ މީހުންނަށެވެ. މާލެ ސަރަހައްދުން ގޯތި ދޫކުރަނީ ހަމައެކަނި މާލެ މީހުންނަށް ކަމަށް ވާތީ އާއި އެ ގޯތިތައް ދޫކުރަނީ ހިލޭ ކަމަށް ވާތީ، ބައެއް މީހުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ބުނީ ކީކޭ؟ - މާލޭ މީހުންނާއި އަތޮޅުތެރޭގެ މީހުންގެ މެދުގައި މިހާރު އުފެދިފައިވާ ގޯތި ދިނުމުގެ ބަހުސާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ފުރަތަމަ އަލިއަޅުވާލެއްވީ ގޯތި ދިނުމުގައި ޒާމާނުއްސުރެ ރާއްޖޭން ގެންގުޅެމުން އަންނަ އުސޫލަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ދިވެއްސަކު ފުރާ ފުރިހަމަވެ، ބޮޑުވުމުން ދައުލަތުން ބަންޑާރަ ގޯތި ދޫކުރޭ؛ އެއީ ޒަމާނުއްސުރެ އެކަން އޮތް ގޮތް

  • އޭރު ވެސް ރަށްރަށުން ގޯތި ދިނުމުގައި އިސްކަން ދެނީ އެ ރަށެއްގެ ރައްޔިތުންނަށް 

  • އެއް އިރެއްގައި މާލޭން އަމިއްލައަށް ބިން ހިއްކުމުން، އެ ބިމުގެ އެއް ބައި ސަރުކާރަށް ނެގުމަށް ފަހު އަނެއް ބައި އެ މީހަކަށް ލިބޭ

  • ފަހުން، މާލެ ސަރަހައްދުން ގޯތި ދޫނުކޮށް ވިއްކަން ފެށި ނުވަތަ ފްލެޓު އެޅުމަށް ފަހު އެ ތަންތަން ވެސް ދިޔައީ ވިއްކަމުން؛ އެއީ އަތޮޅުތަކުގައި ކަން ކުރާ ގޮތެއް ނޫން

"ހުޅުމާލޭގެ ބިން ހިއްކަން އަކަމީޓަރަކަށް ޑޮލަރު ޖެހުނު މިންވަރަކަށް، އެހެން ރަށެއްގައި އެކަން ކުރި ނަމަވެސް އެ ވަރަށް ޑޮލަރު އެބަދޭ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގައި ވެދާނެ ފަހަރެއްގައި މާލޭގެ ބިމަކީ، ހުޅުމާލޭގެ ބިމަކީ އަގު ވަރަށް ބޮޑު އެއްޗަކަށް ވީމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި ތިބެނީ ކަމަށް އެ ތަނުން އެންމެ ތަންކޮޅެއް ވެސް ހިލޭ ނުއެއް ދެވޭނޭ،" އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލޭގެ މަގެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ އެއްވެސް ރަށަކުން އެ ރަށަކަށް ނިސްބަތް ނުވާ މީހަކަށް ގޯތި ދިނުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެކަމަކު ގޯތި ދޭ އިރު އެ ރަށުގެ ރައްޔިތުންނަށް އިސްކަން ދިނުމަކީ ޒާމާނުއްސުރެ އަމަލުކުރަމުން އަންނަ ގޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު ވެސް ކައުންސިލްތަކުން ގޯތި ދޫކުރުމުގެ އުސޫލު އެކުލަވާލާ އިރު، އިސްކަން ދެނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. އެހެންވެ، މާލޭން ގޯތި ދޫކުރުމުގައި މިހާރު އަމަލުކުރަމުން އަންނަނީ އެހެން ރަށްރަށުން ވެސް އަމަލުކުރަމުން އަންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ދިވެހިންގެ ތެރޭގައި އޮންނަ "ރަށު ވަންތަކަން" ދޫކޮށްލައި މުޅި ގައުމަށް ވިސްނަން ޖެހެ އެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭން ގޯތި ދޫކުރުން ހުއްޓާލުމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި މިހާރު އުފެދިފައިވާ "ރާއްޖެ ތެރޭ މީހާ، މާލޭ މީހާ"ގެ ޒުވާބަށް ހައްލެއް އަންނާނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ގެންނަންވީ ކޮން ބަދަލުތަކެއްތޯ އަޅުގަނޑު ވަރަށް އޯޕަން. އެހެން ނަމަވެސް، އަޅުގަނޑުގެ ވިސްނުން މި ދެންނެވީ، މިއީ ސިޔާސަތެއް ނޫން. މީގެ ތެރޭގައި ކަމުދާ ވާހަކަތަކެއް ހުރެއްޖެ ކަމަށް ވަންޏާ ސިޔާސަތުތައް ބަދަލުކުރަން ވިސްނުމަކީ ރަނގަޅު ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓް ދޫކުރުމަށް ހިންގާ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 26 އަށެވެ. މި ސްކީމްގެ ދަށުން:

  • ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުން

  • ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3،750،000 އަކަފޫޓު

  • ދޫކުރާ ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން

  • އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު

ކޮމެންޓް (2)

ހަސަން

24 އޯގަސްޓު 2022
ހިލޭ ބިންދޭ ޒަމާން މާޒީ، ސަރުކާރުން ފްލެޓް އެޅިމާ ހުންނާނީ ރަގަޅަށް. ލާރި ނެތްމީހުން ބޮޑެތި ސިންގާ ބިން ހޯދއިން ކީއްކުރާނީ؟
0 0

ހިތަދޫ 2

24 އޯގަސްޓު 2022
އަގުމަގު ކުރަނީ އެކަނި އަކަފޫޓަކަށް ޖެހޭ ވަރެއް ނޫން އެތަނުން ވެލިއު ނެރެވޭނެ ވަރު، ސަރުކާރަށް ވެސް އެތަން ނަގާ ބަޔަކަށްވެސް. ދެން ހިތުން މާމޮޅު މީހެއް،
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް