ތައިލެންޑްގެ ޝާހީ އާއިލާއާ ދެކޮޅަށް ބޭއްވި މުޒާހަރާގައި އެ ގައުމުގެ ރާނީއާ އެއްގޮތަށް ހެދުން އަޅައިގެން ޖަޓުޕޯން ރަތް ދޫލައިގެ މަތީގައި ހިނގާލަނީ

ތައިލެންޑްގެ ރާނީއާ އެއްގޮތަށް ހެދުން އެޅުމުން ޖަލަށް

ތައިލެންޑްގެ ޝާހީ އާއިލާ ހިމާޔަތްކުރަން އަމަލްކުރަމުން އަންނަނީ ވަރަށް ހަރުކަށި ގާނޫނަކަށް
13 ސެޕްޓެމްބަރު 2022

އެއީ ސިޔާސީ އެއްވުމެކެވެ. ރަސްކަމާ ދެކޮޅަށް އަޑުއުފުލުމުގެ އެއްވުމެއް ވެސް މެއެވެ. ޒުވާން އުމުރުގެ އަންހެނަކު، ފިޔާތޮށި ކުލައިގެ ހެނދުމެއްގައި ނުކުތެވެ. އޭނާގެ ފަހަތުގައި ކުޑަ ކުޑައެއް ހިފައިގެން ފިރިހެނަކު ހުރީ، އަވިން ހިޔާކޮށްދޭ ކަން ދައްކައިދިނުމުގެ ގޮތުންނެވެ.

އެކަމަކު ތައިލެންޑްގެ ޝާހީ އާއިލާގެ ހިމާޔާތުގައި އަމަލްކުރާ ހަރުކަށި ގާނޫނުން، އުމުރުން 25 އަހަރުގެ ޖަޓުޕޯން 'ނިއު' ސެއޮއެންގް ސަލާމަތެއް ނުވި އެވެ.

ކޯޓުގައި އޭނާ ބުނީ އެއީ 2020 ގައި އޮތް މުޒާހަރާގައި ސަގާފީ ހެދުމެއް އެޅުމުގެ ގޮތުން ލީ ހެދުމެއް ކަމަށެވެ. ޝާހީ އާއިލާއަށް މަލާމާތްކުރުމުގެ ނިޔަތެއް އޭނާގެ ނެތް ކަމަށް ވެސް ބުންޏެވެ.

"އަހަރެންގެ އެއްވެސް ނިޔަތެއް ނެތް މީހަކަށް މަލާމާތްކުރުމުގެ. އެ ދުވަހަށް އަހަރެން ހަމަ ޒީނަތްތެރިވީ ތައިލެންޑްގެ ސަގާފީ ހެދުމެއްގައި،" ހުކުމް އިއްވުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ޖަޓުޕޯން ބުންޏެވެ.

ތައިލެންޑްގެ ރާނީ ސުތިދާ އާއި ރަސްގެފާނު މަހާ ވަޖިރަކޮންގްކޯން: ޝާހީ އާއިލާގެ ހިމާޔާތުގައި ވަރަށް ހަރުކަށި ގާނޫނަކަށް އަމަލްކުރޭ

އެއީ 'ރަތް ދޫލައި'ގެ މުޒާހަރާއެއްގެ ގޮތުގައި ބޭއްވި ސިޔާސީ އެއްވުމެކެވެ. އެ އެއްވުމުގެ ބޭނުމަކީ އާދަޔާ ހިލާފު ބާރުތަކެއް ކޮންޓްރޯލްކުރަމުން އަންނަ ޝާހީ އާއިލާއާ ދެކޮޅަށް އަޑު އިއްވުމާއި ސަރުކާރަށް ވެސް ފާޑުކިއުމެވެ.

ތައިލެންޑްގެ ރާނީ ސުތިދާ ވަރަށް ގިނައިން ފިޔާތޮށި ކުލައިގެ ހެދުން ތުރުކުރައްވަ އެވެ. އަދި އަވިން ހިމާޔަތް ހޯއްދަވަން ކުޑަ ހިފައިގެން މީހަކު ވެސް ހުރެ އެވެ.

ތައިލެންޑްގެ ޝާހީ އާއިލާގެ ހިމާޔާތުގައި ހަދާފައިވާ ހަރުކަށި ގާނޫނުގެ ދަށުން ދައުވާނުކޮށް ތިން އަހަރު ހޭދަވުމަށް ފަހު އަލުން ދައުވާ ކުރަން މި ފެށީ 2020ގެ މުޒާހަރާއާ ގުޅިގެންނެވެ. އޭގެ ފަހުން 210 މީހަކާ ދެކޮޅަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ސޯޝަލް މީޑިއާގައި ޝާހީ އާއިލާއަށް ފާޑުކިޔަމުން ގެންދިޔަ މީހަކު މިދިއަ އަހަރު ވަނީ 43 އަހަރަށް ޖަލަށް ލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް