ތަތްތެޅުނަސް، ކިލާނުވި އަޒުމެއްގައި، ފަސްއެނބުރި ބެލުމެއް ނެތް ރޭހެއްގައި

ކުރިން މީހުންނާ ކުރިމަތިލާކަށް ނުކެރޭ. މީހުން ގިނަ ތަނެއްގައި ވާހަކަ ދައްކާކަށް ނުކެރޭ. ސްޓޭޖަކަށް އަރައި ވާހަކަ ދައްކަން ފަށާއިރަށް އާގަނެ ބަސްހުއްޓޭ ގޮތްވޭ. ސިފަ އާއި އުޅުމުގައިވީ މިޒާޖު އޭނާ ގެންދިޔައީ ސަފުގެ އެންމެ ފަހަތަށް. މިއީ އެ ދިރިއުޅުން ބަދަލުކޮށްލި ވާހަކަ.
15 ސެޕްޓެމްބަރު 2022
3

ކުރީ ސަފަށް އަރަން ނުކެރި، މީހުން ގިނަ ތަނެއްގައި ފިޔަވަޅެއް އަޅާލަން ނުވަތަ އަނގައިން ބުނެލަން ނުކެރި ހުންނަން ޖެހުނު ހަނދާނެއް ވޭ ހެއްޔެވެ؟ ބީރައްޓެހި ބަޔަކާ ކުރިމަތިލައި ވާހަކަ ދައްކަން ފަށާ އިރަށް އާގަނެ، ބަސްހުއްޓި ހަތަރެސްފައި ފިނިވެ، ގަނޑުވެ، މީހާ އެކުގައި ގަބުވި ދުވަހެއް ހަނދާނަށް އާދޭ ހެއްޔެވެ؟ ލިބިފައިވީ ސިފަ އާއި އުޅުމުގައިވީ މިޒާޖާ ހެދި މުޖުތަމައިން ބާކީވެ އެކަހެރިވެ އެކަނިވެރިވީ ހަނދާނެއް ހިޔާލުގައި އެބަހުރި ހެއްޔެވެ؟

މީގެ އެއްވެސް ކަމެއް ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ތަޖުރިބާކޮށްފައިވާ ނަމަ ލަމްސާ ހުސެއިން މި ކިޔައިދޭ ވާހަކަތަކުން ފަހަރުގައި ގައިން ހީބިހިނަގައިފާނެ އެވެ. އުމުރުން 38 އަހަރުގެ ދުވަސްތައް ގުނަމުން އަންނަ މި ފިޓްނެސް ޓްރެއިނަރު އަދި ޓީއެފްޖީގެ ފިޓްނެސް މެނޭޖަރުގެ ހަޔާތުން މިއަދު އިތުބާރާއި ޔަގީންކަން ނުވަތަ އުފާވެރި އެތައް ކުލައެއް ބަބުޅަމުން ދިޔަޔަސް އޭނާގެ މި ދަތުރު ފެށީ މަތީގައި ކިޔައިދިން އެ ހުރިހާ ހާލަތަކާއި ތުރާލަކާއި އުނދަގުލަކުން ތަތްތެޅި ނިކަމެތިވެފައިވީ ނަފުސެއްގެ ގޮތުގަ އެވެ.

އެކަމަކު މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ލަމްސާ އެ ވަނީ އެ ތޮށިގަނޑު ތަޅާލާފައި ނުކުމެ އޭނާގެ ހަޔާތުގެ އެންމެ ވަރުގަދަ ރޭސް ކާމިޔާބުކޮށްފަ އެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ޕްރިމިއަމް ޖިމާ އެކު 10 އަހަރު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު ލަމްސާ ބުނަނީ ކަސްރަތުގެ މި ދުނިޔެ އަށް ވަދެވުމަކީ އޭނާގެ ދިރިއުޅުން އެކުގައި ބަދަލުކޮށްލި ކަމެއް ކަމަށެވެ.

އޭނާގެ ބައްޕަ އަކީ ކުރީގެ ސިޔާސީ ބޭފުޅެކެވެ. މަންމަ އަކީ ސިއްހީ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ. އާއިލީ ވިޔަފާރީގެ ތެރެއަށް ބޮޑުވި ލަމްސާ މާސްޓާސް ފުރިހަމަކުރީ ބިޒްނަސްގެ ދާއިރާއިންނެވެ. އަދި އެއަށް ފަހު ޕީއެޗްޑީ ޕްރޮގްރާމް ފަށައިގެން ވަކި ހިސާބަކުން މެދުކަނޑާލިއިރު ވެސް ފިޓްނެސްގެ ދާއިރާ އޭނާގެ ދުރުމީއަކަށް އެއްވެސް ދުވަހަކު ނާރަ އެވެ.

އެކަމަކު ލަމްސާ ބުނަނީ މިހެންނެވެ.

"އަޅުގަނޑު ދަންނަ މީހުންނަށް އެނގޭނެ ފިޓްނެސް އަޅުގަނޑުގެ ލައިފަށް ގެނައީ ވަރަށް ވަރަށް ބޮޑު ޓްރާންސްފޮމޭޝަނެއްކަން. އަދި ހަމައެކަނި ފިޒިކަލް ޓްރާންސްފޮމޭޝަނެއް ނޫންކަން ވެސް. ފިޒިކަލް ޓްރާންސްފޮމޭޝަނާ އެއްވަރުގެ ބަދަލެއް މެންޓަލީ ވެސް އަޅުގަނޑުގެ ލައިފަށް އައި،" މަތީ ތައުލީމު ހާސިލުކުރި ދާއިރާގެ ޑެސްކު ޖޮބް ދޫކޮށް ފިޓްނެސް އިންޑަސްޓްރީގައި އެޅި ފުރަތަމަ ފިޔަވަޅާއެކު ދިރިއުޅުން ބަދަލުވެގެން އައި ގޮތް ކިޔައިދެމުން ލަމްސާ ބުންޏެވެ.

"މިހެން ކިޔާދިނަކަސް އަދި ނޭނގިދާނެ. އަދި އަޅުގަނޑު އާންމުކޮށް ނުދަންނަ މީހަކަށް އަޅުގަނޑުގެ ކުރީގެ ފޮޓޯތަކެއް ފެނިއްޖެއްޔާ ކާކުކަން ވަކިކުރަން ވެސް ނޭނގޭނެ. އަޅުގަނޑު ހުރީ އެހާ ވެސް ފަލަކޮށް."

ލަމްސާ ޓީއެފްޖީގެ ރެޑިކަލް ފިޓްނެސް ކްލާހެއް ނަގައިދެނީ.

ކުޑައިރު ވެސް އަދި ފުރާވަރުގައި ވެސް އޭނާ ހުރީ ވަރަށް ފަލަކޮށެވެ. ލަމްސާ ބުނީ އެންމެ ފަލަވެ، ބަރުވިއިރު ބަރުދަން 80 ކިލޯ އަށް ވުރެ މައްޗަށް އަރައިގެންދިޔަ ކަމަށެވެ. އަދި އެ ބުރަކަމާއި ބަރުހެލިކަމުގެ އަސަރު އޭނާގެ ދިރިއުޅުމަށް ކުރީ ހަމައެކަނި ލޯގަނޑު ދެއްކި ތަސްވީރެއްގެ ގޮތުގައެއް ނޫނެވެ. އެއަށް ވުރެ ވެސް ބޮޑު އަދި ސީރިއަސްކޮށެވެ.

"ފިޓްނެސް އަށް މިގޮތަށް އިންޓްރެސްޓް ނެތުމަށް ވުރެ ބޮޑަށް އަޅުގަނޑު ބުނާނީ ހިތަކަށް ވެސް ނާރައޭ މިކަހަލަ ކަމެއް ނުވަތަ ދާއިރާއެއްގައި މިހެން އުޅެވިދާނެ ކަމަކަށް އަޅުގަނޑަކަށް. އެހާ ފިޓްނޫން މީހަކަށްވީމަ ކުރީގަ މިގޮތަށް އެކްޓިވް ލައިފެއް އުޅެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ އޭރަކު. ހިއެއް ނުކުރަން. އެ ކޮންފިޑެންސެއް ނެތް،" ލަމްސާ ކިޔައިދިނެވެ.

"އެންމެފަހުން ފަލަވެގެން ގޮސް ސިއްހީ މައްސަލަތައް ދިމާވާން ފެށީ. ހޯމޯނަލް މައްސަލަތަކާ ވެސް ކުރިމަތިވި. ޑޮކްޓަރަކަށް ދެއްކީމަ އިންޒާރު ދިން ކުދިން ހޯދަން ވެސް އުނދަގޫވާނެއޭ."

ލަމްސާ ބުނީ ދުޅަހެޔޮ ލައިފްސްޓައިލަކާ ދިމާލަށް ދިއުމުގެ ފެށުމަކީ އެއީ ކަމަށެވެ. އަދި މިހާރު ވެސް، މިއަދު ވެސް ނުވަތަ މާދަން ވެސް އޭނާ ދުވާ ހަޔާތުގެ ރޭހުގައި އެ ނޫން އެހެން އެއްވެސް މަގުސަދެއް ނެތެވެ.

"ކިޔަވަން އުޅުނުއިރު ވެސް ރައްޓެހިންނާ އެކު ޖިމަށް ގޮސް އުޅުނިން. އެކަމަކު ބޮޑަށް ސަކަރާތްޖެހުމަށޭ ބުނެވޭނީ. ނަމަވެސް ފަހުން ވަގުތު ހޯދައިގެން، ފަތިހު ހޭލައިގެން ބައިވެރިވާން ފެށީ ބޫޓުކޭމްޕެއްގައި. އެއީ މެލޭޝިއާގައި ކިޔަވަން އުޅުނު ދުވަސްވަރު،" ލަމްސާ ކިޔައިދިނެވެ.

"ނަމަވެސް އަޅުގަނޑު އޭގައި ބައިވެރިވީކީ އެއްގޮތަކަށް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިކޭކަށެއް ނޫން. ބޭނުންވީ ފިޓްވާން. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފިޓްކޮށް ހެލްތީކޮށް ހުރުމަކީ ދުވަހަކު ވެސް ނިމޭނެ ދަތުރެއް ނޫން."

ލަމްސާ ބުނިގޮތުގައި އެންމެ ބޮޑު މަގުސަދަކަށްވީ އޭނާ، އެހެން މީހަކަށް ނުވަތަ ބަޔަކަށް އުނދަގުލެއް ނުވާވަރުގެ ހާލަތަށް ގެންގޮސްދިނުމެވެ.

"އުމުރުން ދުވަސްވެ މުސްކުޅިވެގެންދާއިރު އަޅުގަނޑާ ގުޅިގެން އެހެން މީހަކު ބުރަ އުފުލަން ނުޖެހޭނެ ހާލެއްގައިވުން އެއީ އަޅުގަނޑުގެ އެންމެ ބޮޑު މަގުސަދަކީ. އަމިއްލަ އަށް އަމިއްލަ ނަފުސު ގޮވައިގެން އަބަދު ވެސް ދެވޭނެ ދުވަހަކަށް މަސައްކަތްކުރުން،" އޭނާ ބުންޏެވެ.

"އުމުރުން ދުވަސްވެ މުސްކުޅުވާ ވަރަކަށް ކޮންމެ މީހަކަށް ވެސް ސިއްހީ މައްސަލަތައް ކުރިމަތިވާނެ. އެކަމެއް ނުހުއްޓުވޭނެ. އެކަމަކު އެފަދަ ހާލަތަކާ އަމިއްލަ އަށް ކުރިމަތިލާން ކޮންމެ މީހަކަށް ވެސް ތައްޔާރުވެވިދާނެ މިފަދަ ގޮތަކަށް ފިޓްނެސް އަދި ލައިފްސްޓައިލް ބައްޓަންކޮށްގެން."

ތައިލެންޑްގައި މިދިޔަ މަހު ލަމްސާ ސްޕާޓަންސް އޮބްސްޓެކްލް ރޭހެއް ފުރިހަމަކުރަނީ.

ގަވާއިދުން ކަސްރަތު ކުރުމަކީ ދިރިއުޅުމަށް ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް ހީނުކުރާ ވަރުގެ ސްޕީޑެއްގައި ގެނެސްދޭ ކަމެކެވެ. ލަމްސާ ބުނީ އޭނާ މީގެ 10 ވަރަކަށް އަހަރު ކުރިން މި ދަތުރު ފެށިއިރު މަސްގުޅަކައިގެން ހިނގައިނުގަނެވުމުގެ އިތުރުން ޓީއެފްޖީ އަށް ވަދެ މީހުންނާ ކުރިމަތިލައި ވާހަކަ ދައްކަން ވެސް އެންމެ ފުރަތަމަ އުނދަގޫވި ކަމަށެވެ. ނަމަވެސް އެ ހުރިހާ އުނދަގުލަކާއި ހުރަހެއް ތަޅައި ކުދިކުދިކޮށް، ދަލަށް ހަދައި އޮހޮރުވައިލީއެވެ.

"ޓީއެފްޖީ އަށް ވަންއިރު މީހުންގެ ކުރިމަތީގައި ވާހަކަ ދައްކާކަށް ވެސް ނުކެރޭނެ. އާގަންނާނެ ވާހަކަ ދައްކާއިރު. އެ ކޮންފިޑެންސެއް ނެތް. ސްޓޭޖު ފްރައިޓް ވަރަށް ބޮޑަށް ހުރި. ކެރިގެން ކުރިމަތިލާކަށް ނުކެރޭ،" ލަމްސާ ކިޔައިދިނެވެ.

"އަމިއްލަ އަށް ކަސްރަތުކޮށްފަ މީހުންނަށް ކަސްރަތު ކިޔައިދީ، މެނޭޖުކޮށް ލީޑަޝިޕް ދައްކައިގެން މީހުން ގޮވައިގެން އުޅެން ޖެހުނު. އެކަންވީ އާދައިގެ ކަމަކަށް ނޫން. އެންމެ ފުރަތަމަ ދުވަސްކޮޅު ހުންނަން ސްޓޭޖަށް އަރައި، ކިޔާނެ އެއްޗެއް ނޭނގި އަނގައިން ބުނަން ވެސް ނުކެރިފައި."

"އަބަދުވެސް ފަހަތުގައި ފިލައިގެން އުޅުނު މީހަކަށްވީމަ ކުރިއަށް ނުކުތުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށް. އެކަމަކު މަޑުމަޑުން ކުރިއަށް ޖެހެން ފެށުމުން މީހުން އަޅުގަނޑު ބަލައިގަންނަން ފެށި."

"ޓީއެފްޖީއާ ގުޅުމަކީ ހަމައެކަނި ކެރިއާ ބަދަލުވުމެއް ނޫން. މުޅި މީހާގެ ކެރެކްޓާ ވެސް އެއްކޮށް ބަދަލުކޮށްލި ކަމެއް. ތަޖުރިބާއެއް."

ބިޒްނަސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރި ނަމަވެސް ލަމްސާގެ ހިތް މިހާރު އޮތީ ފިޓްނެސްގެ ދުނިޔެއަކަށް ފައްތަރުކޮށް ނިމިފަ އެވެ. މިހާރު އޭނާ އަކީ ސެޓިފައިޑް ފިޓްނެސް ޓްރެއިނަރެއް ވެސް މެ އެވެ. އޮބްސްޓެކަލް ރޭސިން އާއި ރަނިން އަދި ބޮޑީ ޓްރާންސްފޮމޭޝަނަށް ހާއްސަ މާސްޓާ ޓްރެއިނަރެކެވެ.

"މިހާރު އެންމެ ޝައުގުވެރިވާ ކަމަކީ އޮބްސްޓެކްލް ރޭސްތައް. މިސާލަކަށް ސްޕާޓަން ރޭސް ކަހަލަ. އޭގެ ރޭހެއްގައި އަޅުގަނޑު ފުރަތަމަ ބައިވެރިވީ 2017 ވަނަ އަހަރު. މިހާތަނަށް އަޅުގަނޑު ވާނީ އޮބްސްޓެކްލް 25 ރޭސް ފުރިހަމަކޮށްފައި،" ލަމްސާ ބުންޏެވެ.

ފޮޓޯތަކުން މި ފެންނަނީ އޭނާ އެންމެފަހުން، މިދިޔަ މަހު ބައިވެރިވި އޮބްސްޓެކްލް ރޭސް ފުރިހަމަކުރާތަނެވެ. އޮބްސްޓެކްލް ރޭސްގެ އިތުރުން ދިގު ދުވުމަކީ ވެސް ލަމްސާގެ މި ދަތުރުގައި މިހާރު ފެވަރިޓެކެވެ. އެކަމަކު އުފާވެރި އެހެން ހަބަރެއް ވެސް އެބައޮތެވެ.

ކުރިއަށް އޮތް ސްޕާޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ލަމްސާ ބައިވެރިވާނީ ދިވެހިން ތަމްސީލުކޮށްދޭ ރަސްމީ އެމްބެސެޑަރެއްގެ ގޮތުގަ އެވެ.

"އެއީ އަންނަ ޑިސެމްބަރު މަހު ދުބާއީގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕް. ސްޕާޓަން ރޭސްގެ ކޮމިއުނިޓީ އެމްބެސެޑަރެއްގެ ގޮތުގައި އަޅުގަނޑު އޭގައި ބައިވެރިވާއިރު މިފަދަ ރޭސްތަކަށް އަދި ފުރުސަތުތަކަށް ވީހާ ވެސް ގިނަ ދިވެހިން އަހުލުވެރިކުރުވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް،" ލަމްސާ ބުންޏެވެ.

"މިކަހަލަ ރޭހެއް ހަގީގަތުގައި ކޮންމެ މީހަކަށް ވެސް ފުރިހަމަކުރެވިދާނެ. އަދި ކެރިގެން ކުރިމަތިލައިފި ނަމަ ފިޓްނެސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދިރިއުޅުން ބަދަލުކޮށްލެވިދާނެ."

ލަމްސާ އޭނާ އާއްމުކޮށް ފެންނަ ގޮތަށް

"އެ ހުރިހާ ބިރަކާ ކުރިމަތިލާން އަޅުގަނޑަށް ފުރުސަތު ލިބުނީ ފިޓްނެސްގެ ދާއިރާއިން. ކުރިން ބިރުގަތަސް މިހާރު އެ ބިރުވެރިކަމެއް ނެތް. އެ ޝެލްއިން ވަރަށް ބޮޑަށް ނުކުމެވިއްޖެ. މިހާރު ބޮޑު އޯޑިއެންސަކާ ކުރިމަތިލައި، ވާހަކަ ދައްކައި އެމީހުންނަށް ކްލާހެއް ނަގައިދޭން ވެސް ކެރޭނެ."

"ބިރު ކަނޑާލާފައި، ޖެހިލުމެއް ނެތި ފަށައިގަތީމަ ހަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެ."

ލަމްސާގެ ހަޔާތަކީ އޭގެ މިސާލެއްކަން ޔަގީނެވެ. ބިރާއި ނުތަނަވަސްކަމުން އެއް އިރެއްގައި ތަތްތެޅި ކިލާވެފައިވިޔަސް މިހާރު މިއީ މުޅިން ތަފާތު ލަމްސާއެކެވެ.

ކޮމެންޓް (3)

މުޙައްމަދު

15 ސެޕްޓެމްބަރު 2022
ސަޅި! އޯލް ދަ ބެސްޓް
4 0

ސަޅި

15 ސެޕްޓެމްބަރު 2022
ވަރުގަދަ އަޒުމެއް! ވަރަށް ސަޅި!
7 0

ފަރުހާދު

15 ސެޕްޓެމްބަރު 2022
ފަހަތް ނުބަލއި ކުރިއަށް. ބާރަށް ކުރިއަށް ދޭ. ރަނގަޅުވާނެ
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް