(ފޮޓޯ/ރޮއިޓާސް)

ސަލާމަތީ ކަންބޮޑުވުންތަކާ އެކު ޗައިނާގެ 5 ކުންފުންޏެއްގެ ވިޔަފާރިއަށް އެމެރިކާގައި ހުރަސްތަކެއް

އެމެރިކާ ސަރުކާރުން އަންނަނީ ޗައިނާގެ މުވާސަލާތީ ކުންފުނިތައް އެމެރިކާގައި އޮޕަރޭޓު ކުރުމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން
27 ނޮވެމްބަރު 2022

ޗައިނާގެ ފަސް ކުންފުންޏަކުން އާ މުވާސަލާތީ ސާމާނު ވިއްކުމާއި އިމްޕޯޓު ކުރުން ގައުމީ ސަލާމަތީ ކަންބޮޑުވުންތަކާ ހެދި އެމެރިކާ އިން މަނާކޮށްފި އެވެ. 

އެމެރިކާ އިން މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ހުއާވޭ، ޒީޓީއީ، ދަހުއާ، ހައިޓޭރާ އަދި ހިކްވިޝަންއާ ދެކޮޅަށެވެ. 

މިއީ މިފަދަ ފިޔަވަޅެއް ގައުމީ ސަލާމަތީ ކަންބޮޑުވުންތަކާ ހެދި އެމެރިކާގެ އިދާރާތަކުން އެޅި ފުރަތަމަ ފަހަރެވެ. 

އެމެރިކާގެ ގައުމީ ސަލާމަތަށް ބުރޫއަރާނެ ފަދަ ސާމާނެއް ނުވިއްކާ ކަމަށް ހިކްވިޝަން ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މި ފިޔަވަޅުގެ ސަބަބުން "އެމެރިކާގެ ގައުމީ ސަލާމަތީ ކަންކަން ރައްކާތެރިކުރަން އެއްވެސް ކުރިއެރުމެއް ނުލިބޭނެ އިރު، މީގެ ސަބަބުން އެމެރިކާގެ ކުދި ވިޔަފާރިތަކާއި، ސަރަހައްދީ އިދާރާތަކާއި، ސްކޫލު ޑިސްޓްރިކްޓުތަކާއި، އާންމު ފަރުދުން އެމީހުންގެ ގެ އާއި، ވިޔަފާރިތަކާއި، މުދާ ހިމާޔަތް ކުރުމުގެ އަގު ބޮޑުވެގެން ދާނެ،" ކަމަށް އެ ކުންފުނިން ބުންޏެވެ. 

ހުއާވޭ އާއި ޗައިނާގެ މުވާސަލާތީ އެހެން ކުންފުނިތަކުން ވަނީ ބެއިޖިންގްގެ ސަރުކާރަށް މައުލޫމާތު ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. 

ޗައިނާގެ ފަސް ކުންފުންޏެއްގެ ވިޔަފާރި އާއި އިމްޕޯޓުތައް މަނާކުރުމަށް ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ) އިން ވަނީ ބުނެފަ އެވެ. 

"އިތުބާރު ނުހިފޭ މުވާސަލާތީ ސާމާނު ވިއްކުން އަހަރެމެންގެ ބޯޑަރު ތެރޭގައި ހުއްޓުވުން ފަދަ ފިޔަވަޅުތައް އަޅައިގެން އަހަރެމެންގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެފްސީސީ އިން މަސައްކަތް ކުރާނެ،" އެ ކޮމިޝަންގެ ޗެއާވުމަން ޖެސިކާ ރޮސެންވޯސެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. 

"މި އާ ގަވާއިދުތަކަކީ މުވާސަލާތީ ގޮތުން ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކުން އެމެރިކާގެ ރައްޔިތުން ރައްކާތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެއް."

އެފްސީސީގެ މި ފިޔަވަޅުގެ ސަބަބުން އަސަރު ކުރާނީ ޗައިނާގެ މި ފަސް ކުންފުނިން އަލަށް އީޖާދުކޮށް ވިޔަފާރި ކުރާ މުވާސަލާތީ ސާމާނުތަކަށެވެ. މި ކުންފުނިތަކުން މިހާރު އެމެރިކާއަށް އެތެރެކޮށް ވިއްކަމުން އަންނަ މުވާސަލާތީ ސާމާނުތައް މި ގަވާއިދުގެ ދަށުން އިސްތިސްނާވެ އެވެ. 

ނަމަވެސް މި ކުންފުނިތަކުން މިހާރު ވިއްކަމުން އަންނަ ސާމާނުތަކަށް ވެސް މުސްތަގުބަލުގައި މި ފިޔަވަޅު އެފްސީސީ އިން އަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

އެމެރިކާގެ އެފްސީސީ އިން ޗައިނާގެ މުވާސަލާތީ 5 ކުންފުންޏަކާ ދެކޮޅަށް އެޅި  ފިޔަވަޅުތަކާ ބެހޭ (ވީޑިއޯ/ވިއޯން)

ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މައުލޫމާތުތައް ޖާސޫސުކޮށްގެން ހޯދަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކާ އެކު ވޮޝިންޓަނުން އަންނަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

އެމެރިކާގެ މާކެޓަށް ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ވަދެ ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ފުރަތަމަ ހަނިކޮށްފައި ވަނީ ބަރަކް އޮބާމާގެ ސަރުކާރުގަ އެވެ. އަދި ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގައި މި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، މިހާރު ހުންނެވި ޖޯ ބައިޑަންގެ ސަރުކާރުން ވެސް މި އަންނަނީ މިކަމުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް