ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ފުލުހުންގެ އިސްވެރިންތަކަކާ އެކު. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޓެރަރިޒަމް

އައިއެސް ޖަމާއަތުގައި އިސްކޮށް އުޅޭ ކަމަށް ބެލެވޭ ދިވެއްސަކު އަތުލައިގެންފި

ދިވެހި ފުލުހުން، 30 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ އެފްބީއައި އަދި އީޔޫގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭން
23 ފެބްރުއަރީ 2022

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސްް)ގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ރާއްޖޭން ހައްޔަރުކޮށްފައި ވާކަން ފުލުހުން މިރޭ ހާމަކޮށްފި އެވެ. ދިވެހި ފުލުހުންނާއި އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ދިވެއްސެކެވެ.

ވީ ކިހިނެއް؟ - ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓުތަކެއްގައި ހާމަކުރެއްވި ގޮތުގައި، ދިވެހި ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 6ގައި މާލޭންނެވެ. އެއީ، ހަމީދު ވިދާޅުވި ގޮތުގައި:

  • 30 އަހަރުގެ ދިވެހި ފިރިހެނެއް

  • ޔޫރަޕްގެ ގައުމުތަކުގައި، ވަކިން ހާއްސަކޮށް އެ ގައުމުތަކުގެ ވެރިންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހެއް

  • އޭނާ އެ ކެމްޕޭނުތައް ހިންގަނީ ރާއްޖޭގައި ދިރިއުޅެމުން

  • 2015 އިން ފެށިގެން އެފަދަ ކެމްޕޭނުތައް ހިންގާ ކަމަށް ބެލެވޭ

"މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ދިވެހި ފުލުހުންނާއި އެފްބީއައިގެ އިތުރުން، އީޔޫގެ ދެ ގައުމެއްގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ނޫސްބަޔާނެއް އާންމުކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ކަމެއް - ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު މިދިޔަ ޑިސެމްބަރު މަހު ވަނީ އިސްލާހުކޮށްފަ އެވެ. އެ އިސްލާހުތަކުގެ ދަށުން، ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ހައްޔަރުކޮށްފައި ބޭތިއްބުމުގެ އިތުރުން، ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރަން ފުލުހުންނަށް ތިން މަސްދުވަސް ލިބޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.

ފަސްމަންޒަރު - ސީރިއާ ފަދަ ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް އެ ތަންތަނަށް ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވެ އެވެ. ރާއްޖޭގައި ވެސް ދީނީ ގޮތުން ހަރުކަށި ފިކުރު ފެތުރެމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ވެސް މިދިޔަ މޭ މަހުގެ 6ގައި ޓެރަރިސްޓް ހަމަލާއެއް ދީފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް