ހިޔާ ފްލެޓެއްގެ އިމާރާތެއް ކައިރީގައި ވައިގަދަވެ، ޕާކުކޮށްފައި ހުރު ސައިކަލުތަކެއް ބިންމައްޗަށް ވެއްޓިފައި

ގަދަ ވަޔާއެކު ހިޔާ ސަރަހައްދުގެ ބައެއް ސައިކަލުތައް ވެއްޓި ގެއްލުން

ގަސްތައް މަދުކޮށް ހުސްކޮށް އޮންނަ ދިމަދިމާލުގައި ވަރަށް ބޮޑަށް ވައިގަދަވޭ

މުހިންމު ނުކުތާތައް

ކުރިއަށް އޮތް ދުވަސްތަކަކީ ވައިގަދެވެ، ވިއްސާރަ ކުރާނެ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ލަފާ ކުރޭ

ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް

ވަޔާއެކު ވާރޭވެހެމުން ދިޔަ ގަޑީގައި ވައި ގަދަވުމުގެ ސަބަބުން ޕާކިން ލޮޓުތަކުގައި ހުރި ވަރަށް ގިނަ ސައިކަލުތައް ވަނީ ވެއްޓިފަ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް ކައިރީގައި ވައިގަދަވެ، ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއް ޕާކިން ޒޯނުގެ ތެރެއަަށް ވެއްޓިއްޖެ އެވެ.

ހޫނުގަދަ ދުވަސްތަކަކަށް ފަހު ހުޅަނގު މޫސުން ފެށިފައިވާއިރު، އެކަމުގެ ވިއްސާރަ ވަނީ މާލެއަށް ވެސް ކުރަން ފަށައިފަ އެވެ. މެޓް އޮފީހުން ވަނީ އަންނަ ހޮނިހިރު ދުވަހާ ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މީގެ ކުރިން ވެސް ލަފާ ކޮށްފަ އެވެ.

ވީ ކިހިނެއް؟ - މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަދަ ވަޔާއެކު ވާރޭވެހެމުން ދިޔަ ގަޑީގައި ވައި ގަދަވުމުގެ ސަބަބުން ޕާކިން ލޮޓުތަކުގައި ހުރި ވަރަށް ގިނަ ސައިކަލުތައް ވަނީ ވެއްޓިފަ އެވެ. އެ ސައިކަލުތަކަށް އެކި ވަރުގެ ކުދި ގެއްލުންތައް ލިބިފައިވެ އެވެ.

މީގެ ކުރިން ވެސް ވިއްސާރަވެ، އާދައާ ހިލާފަށް ވައިގަދަވާ ދުވަސްތަކުގައި ހިޔާ ސަރަހައްދުގައި ޕާކްކޮށްފައި ހުންނަ ސައިކަލުތައް ވެއްޓި ގެއްލުންވެފައި އެބަ ހުއްޓެވެ.

ހިޔާ ފްލެޓު ސަރަހައްދުގެ އިމާރާތްތައް ހުންނަ ދިމާލުގައި ގަސްތަކާ އެއްޗެހި މަދުވުމުން ބޮޑެތި ހުސް ޖާގަތައް ހުންނަ ދިމަދިމާލުގައި ވަރަށް ވައިގަދަވެ އެވެ. އެގޮތުން، ވައިގަދަވާ ދުވަސްތަކުގައި ވެއްޔާއި ކުނިބުނި ވައިގެ ތެރެއަށް ގޮސް އެނބުރެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ހުޅަނގު މޫސުން ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކަކީ ވައިގަދެވެ، ވިއްސާރަ ކުރާނެ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

އާއްމު ގޮތެއްގައި ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން އާއްމުކޮށް ފެށެނީ، މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކުންނެވެ. އެއަށް ފަހު، މެދުރާއްޖެތެރެއަށް އޭގެ އަސަރުކޮށް، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގުގެ ވިއްސާރަ ފެތުރިގެންދެ އެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ ގޮތް:

  • 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުން

  • އެ ގޮތުގައި ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ވިއްސާރަ ދިގުލައިގެން ދިއުން

  • ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރަށް ވައި ޖެހުން

  • އެ ގޮތުގައި ދެ ދުވަހަށް ވުރެ ދިގުލައިގެން ދިއުން




އިތުރު އާޓިކަލް

އިތުރު އާޓިކަލް