ކައިޝާ

ސުމެއް، ފަހެއް، ސަތޭކަ: ކައިޝާ މިއީ ސަތޭކައަކުން އެކެއް

އޭނާގެ އަތުގައި އޮތީ 700ރ. ޕޯސްޓަރު ހަދައި އިއުލާނު ކުރުމުން ބޫޓުކޭމްޕަށް އައީ 5 މީހުން. އެ 5 މީހުން ދެން ބަދަލުވީ 100 މީހުންނަށް. 'ޓްރެއިން ވިތު ކައި' ދެން ފެތުރިގަތީ މުޅި ރާއްޖެ އަށް. މިއީ ސަތޭކައިގެ އެ ވާހަކަ
18 އޯގަސްޓު 2022
2

ކައިޝާ ސަލީމްއާ ބައްދަލުވެ އޭނާގެ ވާހަކަ ލިޔެ ބައުވިއިރު ވެސް ނުލިޔެވި އޮތް ވަރަށް އާދަޔާހިލާފު އެއް ވާހަކަ ނުވަތަ މާ ގިނަ ބަޔަކު އެއްގޮތަކަށް ވެސް ފާހަގަނުކުރާ ވަރަށް އިންސްޕަޔަރިން އެއް ވާހަކަ ބާކީ އެބައޮތްކަން ފަހުމުވީ މި އިންޓަވިއު ނަގަން ހޭދަވި 45 މިނެޓަށް ފަހު އޮފީހަށް އެނބުރި ދިއުމަށް ކުރި ދަތުރުމަތީގަ އެވެ. ކައިޝާ، ވަރަށް މީރުކޮށް ކައްކާ ވާހަކަ އާއި އޭނާ އަށް އެންމެ ކަމުދާ އޭތި މީތީގެ ވާހަކަ ކުރިން ލިޔުނީމެވެ. އޭނާ ގްރީސްގެ ވެރިރަށް އެތެންސްގައި ހުސްފައިގައި 42 ކިލޯމީޓަރުގެ މެރަތަން ރޭހެއް ޖަހައި ދިވެހި އަންހެނުންގެ ރިކޯޑް ފޮތުގައި ފައިތިލަ ސާބިތުކުރި ވާހަކަ ވެސް މީހުން ލިޔުނެވެ. އެކަމަކު އެއީ ވަރަށް ބަސްމަދު، ލަދުރަކި، މީޑިއާއާ ވަރަށް ވެސް ބީރައްޓެހި ކައިޝާއެކެވެ.

ނަމަވެސް މިދިޔަ ފަސް އަހަރު ތެރޭގައި ކައިޝާގެ އެ މިޒާޖާއި ސިފަތައް މި ވަނީ އެއްކޮށް ބަދަލުވެފަ އެވެ. އިންޓަވިއުގައި މިފަހަރު އޭނާ ދެއްކި އިތުބާރާއި ސާބިތުކަން ސާބިތުކޮށްދެނީ ހަމަ އެންމެ ކަމެކެވެ. އަދި މީހުން ބުނާ ވާހަކައަކީ ވެސް މި އެވެ. – ކާމިޔާބީއާ ރައްޓެހިވާ ވަރަކަށް ތިމާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ އެވެ.

އެހެންވީމާ 32 އަހަރުގެ މި ފިޓްނެސް ޓްރެއިނަރުގެ ހަޔާތުގައި ކިޔައިނުދޭ ވާހަކައަކަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ މި އިތުބާރާއި ޔަގީންކަމާއި އުފާވެރިކަމުން ފައްކާވެފައިވާ ކައިޝާ ސަލީމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

އޭނާގެ ހަޔާތުން ހޮވައި ނަގާ ނަމަ އެ އިންސްޕަޔަރިން ސްޓޯރީއަކީ 'ޓްރެއިން ވިތު ކައި' އެވެ. ސުމަކުން ފެށި ފިޓްނެސް ބްރޭންޑް މިދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިޓްނެސް ބްރޭންޑަށް އޭނާ ބަދަލުކޮށްލި އާދަޔާހިލާފު ހިތްވަރެވެ.

އެއް އިރެއްގައި އެހާ ބަސްމަދު، ލަދުރަކި ކެރެކްޓާއެއް ރާއްޖޭގެ ފިޓްނެސް ދާއިރާގައި މިއަދު އެންމެ ރައްޓެހިން ގިނަ އަދި އެންމެ ބާރަށް އަނގަތަޅާ، އެންމެ ޕޮޒިޓިވް އެނާޖީ އަށް ބަދަލުކޮށްލީ ކޮން ކަމެއް ހެއްޔެވެ؟

އޭނާ ވެއްޓުނު އަޑިގަނޑާއި ތެދުވެ ދުއްވައިގަތް ގޮތާއި އަނެއްކާވެސް އޭނާ ވައްޓާލި ގޮތެވެ.

'އަހަރެންގެ އަތުގައި އޮތީ 700ރ.'

ވަރަށް ގިނަ މީހުން ކައިޝާ ދަންނަނީ 'ޓްރެއިން ވިތު ކައި'ގެ ނަމުގައި އޭނާ ހިންގި އައުޓްޑޯ ބޫޓޫކޭމްޕްތަކުންނެވެ. އެކަމަކު މީގެ ހައެއްކަ އަހަރު ކުރިން އޭނާގެ ފިޓްނެސް ލައިފުގައި ނެތް ހަމައެކަނި ތަޖުރިބާއަކީ އައުޓުޑޯގައި އެގޮތަށް ބޫޓުކޭމްޕް ހިންގުމެވެ. ކައިޝާ އަކީ 2010 ވަނަ އަހަރުން ފެށިގެން ތަމްރީނުވެ މުޅިން ވެސް އިންޑޯ ޖިމްތަކުގައި ޓްރެއިނިން ކްލާސްތަކާއި ސެޝަންތައް ނަގައިދެމުން ދިޔަ ޒުވާނެކެވެ. މި އާދަޔާހިލާފު ކެރިއަރުގެ ފެށުމުގައި އޭނާ ތަމްރީނުވެފައި ވަނީ ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގައި އެންމެ ވަރުގަދަ ދެ ނަން ކަމުގައިވާ ހީޓާއި ޓީއެފްޖީގަ އެވެ. އަދި ޓީއެފްޖީގައި ހަތް އަހަރު ވަންދެން ޓްރެއިނަރެއްގެ ގޮތުގައި ވެސް އުޅުނެވެ.

އެކަމަކު ދެން މި އަންނަނީ އޭނާގެ ފުރަތަމަ ވެއްޓުމެވެ. – ދިމާވި ހާލަތަކާ ގުޅިގެން އޭނާ ޓީއެފްޖީގެ ވަޒީފާ ދޫކޮށްލީ އެވެ.

އޭރު އޭނާ އަކީ އެންމެ ވައްތަރެއްގެ ކަސްރަތަކަށް ހާއްސަވެފައިވީ ޓްރެއިނަރެއް ނޫނެވެ. މަލްޓި ޓާސްކިން، މަލްޓި ސްކިލްޑް ފިޓްނެސް ޓްރެއިނަރެކެވެ. އެކަމަކު ޓީއެފްޖީގެ ކެރިއަރު ނިމުމުން އައީ ވަރަށް ބޮޑު ހުސްކަމެކެވެ.

"އެ ހިސާބަށް ދިޔައީމަ އަހަރެން ހުރީ ހަމަ އަސްލަށް ވެސް ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައި. އެހިސާބުން އަލުން، ސުމަކުން ފަށަން ޖެހުނީ،" ކައިޝާ ކިޔައިދިނެވެ.

އެކަމަކު ސުމަކުން ފަށަން ވެސް ދާނީ ކޮން ތާކަށް ހެއްޔެވެ؟ ދެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ މި ސުވާލުތައް ބޮލު ތެރޭގައި އެނބުރެމުން ގޮސް ހޫނުކުރި ސިކުނޑި ފިނިކޮށްދިން ހިޔާލަކަށްވީ އައުޓްޑޯ ބޫޓުކޭމްޕެވެ.

"އެކަމަކު އައުޓްޑޯ ބޫޓްކޭމްޕިން އަކީ އަޅުގަނޑުގެ ފިޓްނެސް ޖާނީގައި އޭރު ދުވަހަކު ވެސް ތަޖުރިބާކޮށްފައިވީ ކަމެއް ނޫން."

އަމިއްލަ ނަފުސަށް އުފައްދަން މަޖުބޫވެފައިވީ އިތުބާރާ އެކު އޭނާގެ ހުރިހާ ސަމާލުކަމެއް ހުސްކޮށްލީ އައުޓްޑޯ ބޫޓުކޭމްޕެއްގެ ޕްރޮގްރާމަށެވެ.

"ދެން މި ބޫޓްކޭމްޕް ފަށަންވެގެން އަޅުގަނޑު އަމިއްލައަށް ކޮރަލް ޑްރޯ އިން މުޅި ދުވަހު ކޮމްޕިއުޓަރު ކައިރީގައި އިނދެގެން ހެދީ ޕްރޮމޯޝަނަލް ޕޯސްޓަރެއް. ދެން ދިޔައީ މި ޕޯސްޓަރު ޕްރިންޓްކުރުވަން ފޮޓޯކޮޕީ ހައްދައިދޭ ތަނަކަށް،" ކައިޝާ ކިޔައިދިނެވެ.

"އެ ޕޯސްޓަރު ކުލަކޮށް އަޅުގަނޑު ބޭނުންވާ އަދަދު ޕްރިންޓްކުރަން އެރީ 700ރ."

އެއީ ވަޒީފާ ގެއްލި ގޮތްހުސްވެފައި ހުރި ކައިޝާގެ ބޭންކް އެކައުންޓުގައި ހުރި ހަމައެކަނި އަދަދެވެ.

"ދެން އެ އަގާ މެދު ވިސްނަން ހުރެފައި، އެންމެ ފަހުން 700ރ. ދީފައި ކުލަކޮށް އެ ބޫޓުކޭމްޕްގެ ޕޯސްޓަރުތައް ޕްރިންޓްކޮށްގެން ދިޔައީ."

ކައިޝާ ބުނީ އެ ދުވަހު ގޮތް ނިންމަން އުނދަގޫވިޔަސް، އެ ނިންމުމާ މެދު މިއަދު އޭނާ އެއްވެސް ދެރައެއް ނުވާ ކަމަށެވެ. އެއާހިލާފަށް އެއީ އޭނާ އެންމެ އުފާވި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.

ޕްރިންޓްކުރި ޕޯސްޓަރުތައް ދެތިން އެކުވެރިޔަކާ އެކު ގޮސް އޭނާ ބަހައި ހުސްކުރީ ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށެވެ. އޭނާ ފަށަން ތައްޔާރުވަމުން ދިޔަ ފިޓްނެސް ބޫޓުކޭމްޕުގައި ބައިވެރިވުމަށް އެ އެންމެނަށް ދައުވަތުދެމުންނެވެ.

'އެންމެ ފުރަތަމަ 0، ދެން އައީ 5'

ބަރާބަރު ފަސް މީހުންނެވެ. އަތުގައި އޮތް 700ރ. ހުސްކޮށް ޕްރިންޓްކުރި ޕޯސްޓަރުތައް މުޅި ހުޅުމާލެއަށް ބަހައި ހުސްކޮށްގެން ކައިޝާގެ ބޫޓުކޭމްޕާ ގުޅެން ފުރަތަމަ ދިޔަ މީހުންގެ އަދަދެވެ. ވަރަށް ގިނަ މީހުން ކައިޝާ އާއި އޭނާގެ ބޫޓުކޭމްޕަށް ސުމެއް ދީފައި އެންމެ ފުރަތަމަ ފޯނު ކަނޑާލީ އެވެ.

"އެންމެ ފުރަތަމަ ގުޅި ދެ މީހުން ވެސް ކުރި ސުވާލަކީ ކާކުހޭ ކައި އަކީ؟ ކޮބައިހޭ ބޫޓުކޭމްޕަކީ؟" ކައިޝާ ކިޔައިދިނެވެ.

"ސަބަބަކީ ކައި އަކީ އޭރު އެއްވެސް ބަޔަކަށް އެނގޭ މީހެއް ނޫން. ދަންނަ މީހެއް، ދަންނަ މޫނެއް ނޫން. އެހެންވީމަ އެންމެން ވެސް ހިތަށްއެރީ ކޮން ކައިއެއް ހެއްޔޭ މިއީ؟"

އެހެން ނުވާންވީ ސަބަބެއް ނެތެވެ.

"ދެން އަޅުގަނޑުގެ ބެސްޓްފްރެންޑް ބުނެފި ދާނަން ހެއްޔޭ ތި ފަސް މީހުންނަށް އެއް މަސް ވަންދެން ކްލާސް ނަގައިދޭން؟" ކައިޝާ ކިޔައިދިނެވެ.

ބެސްޓްފްރެންޑް ވެސް އެހެން ނާހަންވީ ސަބަބެއް ނެތެވެ. އެކަމަކު ކައިޝާގެ ހިތަށްއެރީ މިހެންނެވެ.

"އެކަކު އަޔަސް އެމީހާ ގޮވައިގެން ވެސް ދާނީއޭ ހިތަށްއެރީ. އެކަނި ދާން ޖެހުނަސް ދާނީއޭ. އެކަނި ގޮސް އަމިއްލައަށް ޓްރެއިނިން ހަދާލާފައި އަންނަން ޖެހުނަސް ދާނީއޭ."

"އޭގެ ކޮންމެ މީހަކު އައީ 1،000ރ. ޕޭކޮށްގެން. އެހެންވީމަ ފަސް މީހުން އަޔަސް، 5000ރ. ވެސް އޭރު އެއީ އަހަންނަށް ވަރަށް ބޮޑު އަދަދެއް. އެ ކްލާސް ނަގައިދޭ ހިތުން ގޮސް އަހަރެން ހުރީ މޮޔަވެފައި."

ތައްޔާރުވެގެން ތެޅެމުން ފޮޅެމުން އޭނާ ދެން ދިޔައީ މާލޭގެ އެކުވެނި ދުވާ ޓްރެކަށެވެ. އެ ދުވަހުގެ މޫސުން ވެސް އޮތީ އޭނާއާ ދެކޮޅަށެވެ.

"ފަސް މީހުންނާ އެކު ގޮސް ފެށިތަނުން ވާރޭ އޮއްސާލައިފި. އެކަމަކު އަޅުގަނޑު ހިތަށް އެރީ ހެވޭ ވާރޭ ވެހުނަސް. ހުއްޓައެއް ނުލާނަމޭ. ކެންސަލްއެއް ނުކުރާނަމޭ މިއަދަކު،" އަޒުމު ވަރުގަދަކޮށް ކައިޝާ ކިޔައިދިނެވެ.

ވާރޭ ބޯކޮށްލުމުން، އެ ދުވަހު ދުވަން ގޮސް ޓްރެކުގައި ތިބި އެންމެން ހިޔަލަށް ވަދެ ފިލައިފި އެވެ. ނަމަވެސް ކައިޝާ އޭނާގެ ފަސް ކްލަޔަންޓުން ގޮވައިގެން އެ ވާރޭތެރޭގައި އޮހުރުވި ދަލަކީ މިއަދު އޭނާ ކިޔައިދޭން ބޭނުންވާ އެންމެ ފޮނި ވާހަކަ އެވެ.

"އެއީ ގައިން ހީބިހިނަގާލި ތަޖުރިބާއެއް. ކުޑަކުޑަ މީހަކު، އެ އޮތް ބޮޑު ދަނޑުގައި އެންމެ ފަސް މީހުން ގޮވައިގެން އެމީހުންގެ ލީޑަރަކަށް ވެގެން އުޅުނު ތަޖުރިބާ. އެ ފުރަތަމަ ތަޖުރިބާ އަދި ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ގެނެސްދިން އިމްޕެކްޓް އަދި ދެއްކި ކޮންފިޑެންސާއި ލީޑަޝިޕް އެންމެ މުހިންމުވީ،" ކައިޝާ ބުންޏެވެ.

ވާރެ އާއި ހަޔާތުގެ ގަނަތެޅުން އުފެއްދި ތޫފާނާކަށް ވެސް އޭނާ ދުލެއް ނުދިނެވެ. އެ ފޯރީގައި އޭނާ ދައްކައި 'ޓްރެއިން ވިތު ކައި'ގެ ނަމުގައި އިންސްޓަގްރާމްގައި ބްރޭންޑްވެ ފޮޓޯ އާއި ވީޑިއޯތަކުން އޭނާގެ ހުނަރުތައް އާންމުންނާ ހިއްސާކުރަން ފެށުމާ އެކު އިސާހިތަކު އެއްކަލަ ފަސް މީހުންގެ ގްރޫޕު ކުއްލިއަކަށް 100 މީހުންގެ ގްރޫޕަކަށް ބަދަލުވި އެވެ.

"ދެން އެންމެ ޕްލޭންކުރީ ޓްރެއިނާ ކައި ނުވަތަ ޓްރެއިން ވިތު ކައިގެ ނަމުގައި ބްރޭންޑްވާން. މީހުން ލައްވައި އަޅުގަނޑާ ދިމާލަށް ޓްރެއިނާ ކައިއޭ ކިޔުއްވަން ބޭނުންވީ،" ކައިޝާ ކިޔައިދިނެވެ.

"އޭރު މީހުން ލަދު ވެސް ގަންނާނެ، އެގޮތަށް ޓްރެއިނާވެގެން އުޅެން. ދިމާވެސް ކުރާނެ ދެން މީނަ މާ ޓްރެއިނާވެގެންނޭ އުޅެނީ ކިޔާފައި. ބައެއް މީހުން ކުރީ ދިމާ. އަނެއް ބައި މީހުން ކުރީ މަލާމާތް."

"އެކަމަކު އެއީ އަސްލު ކައި ބޭނުންވި ގޮތް. އެ ނަމުގައި އެންމެނަށް ކައި އެނގެން ބޭނުންވީ."

އެކަން އޭނާ ފަސޭހަކަމާ އެކު ކާމިޔާބުކުރި އެވެ. އަދި އައުޓްޑޯ ބޫޓުކޭމްޕިން މުޅި ރާއްޖޭގައި އެންމެ މަގްބޫލު އެއް ފިޓްނެސް ޓްރެންޑަށް ވެސް ބަދަލުކޮށްލި އެވެ.

"ދެން މީހުންތައް ފުލުފުލުގައި ގުޅަން ފަށައިފި. އަދި އެއް މަސް ވީއިރު 100 މެމްބަރުން ހަމަވެއްޖެ ބޫޓުކޭމްޕުގައި."

މާލެ ބޫޓުކޭމްޕުން ހިލުވާލައި ކައިޝާ ފުރައިގެން ދިޔައީ ހުޅުމާލެ އަށެވެ. ހުޅުމާލެ ބޫޓުކޭމްޕުން ކައްކާލުމަށް ފަހު އައްޑޫ ސިޓީއަށެވެ. އެއަށް ފަހު ފުވައްމުލަކަށެވެ. އަދި ފެތުރިގަތީ މުޅި ރާއްޖެއަށެވެ.

އެކަމަކު 'މި އެރުނީ އަދި ކިރިޔާ ފެނުން މައްޗަށް'

ކައިޝާގެ ސަޅި ކަމަކީ މި އެވެ. އޭނާ ހުންނަނީ ކޮންމެ ދުވަހަކު ވެސް އާ ކަމަކަށް ފެންބޮވައިގެންފަ އެވެ.  ގޯލާއި އަމާޒުތައް ވަނީ އެންމެ ކުޑައިރުން ފެށިގެން ކަނޑައަޅައި ނިމިފަ އެވެ. އަދި ކާމިޔާބީގެ ރަހަ ބަލަމުން އެ އަމާޒަށް ވާސިލުވާން މަގުކޮށައި ގާތްގަނޑަކަށް ނިމިފައިވިޔަސް އޭނާ ބުނަނީ މިއީ އަދި ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

"މިސާލަކަށް ޓްރެއިން ވިތު ކައި އެހާ މަޝްހޫރުވިއިރު ވެސް އަހަރެން ހިތަށްއެރީ އަދި ކިރިޔާ ފެނުން މައްޗަށޭ މި އެރުނީ. މައްޗަށް ބަލައިލީމަ ފެންނަން އެ އޮތީއޭ އަރައިގެންދާން ޖެހޭހާ ހިސާބު އަދި،" ކައިޝާ ބުނެލި އެވެ.

"އެއީ އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ކުރިއަށް ދާން މޯޓިވޭޓްވާ ގޮތަކީ. ކޮންމެ ދުވަހަކު ވެސް އިއްޔެ އަށް ވުރެ ގަދައަށް މަސައްކަތްކޮށްގެންނޭ ދެން އޮތް ހަރުފަތަށް އެރޭނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ."

ކައިޝާ އޭނާގެ މި ކާމިޔާބީގެ ފެށުމެއްގެ ގޮތުގައި ސިފަކުރީ އޭނާ ހޫނުފެނަށް ވައްޓާލި 'ޕްރޮގްރާމް' އިން ލިބުނު ތަޖުރިބާ އާއި ދަސްވި ފިލާވަޅެވެ. އޮންލައިންކޮށް ކައިޝާ ވިއްކި އެ ޕްރޮގްރާމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު ވެއްޓުނީ އޭނާ ސުމަކުން ފަށައިގެން ކޮޅަށް ނަގައި ފަރިކުރަމުން ދިޔަ ކެރިއަރެވެ.

"އެއީ އަސްލު ކާމިޔާބީގެ ފެށުމަކީ،" ކައިޝާ ބުނެލި އެވެ.

ނަމަވެސް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އަދި ކައިޝާ މި ބުނަނީ ވަރަށް ބޮޑު ތެދެކެވެ.

"ކާމިޔާބީއެއް ނުލިބޭނެ ކާމިޔާބީގެ ވާހަކަ ދައްކަން ތިބެގެންނެއް. އެކަމަކަށް މަސައްކަތްކޮށްގެން ކޮންމެ މީހަކު ވެސް ލައިފުގައި ކާމިޔާބުވާނީ."

"އެހެންވީމަ ނިދަން ވެސް ނޯވެވޭނެ އަޅުގަނޑަކަށް، ކަމެއް ކުރަން ރާވާފައި ގޮސް. ހުވަފެނުގައި ވެސް ފެންނާނީ އެކަމެއް ކުރަނިކޮށް. އަދި މީހުން މިހާރު ކޮންމެ އެއްޗެއް ކިޔަސް ނެގެޓިވްކޮށް ނުނަގަން. އަޅުގަނޑު މިހާރު އަޅައެއް ވެސް ނުލަން."

ފާޑުކިޔުމާއި ނެގެޓިވް އެނާޖީއަކަށް ކައިޝާގެ ހަޔާތުގެ މި ދަތުރުގައި އެއްވެސް ޖާގައެއް ނެތެވެ. އަދި ޓްރެންޑަކަށް ބަދަލުކޮށް ކައިޝާގެ އަމިއްލަ ބްރޭންޑްގެ ދަށުން ހިންގާ އައުޓްޑޯ ބޫޓުކޭމްޕްތައް ވެސް އެންމެ މުހިންމު ކަމަކަށް ނުވެ އެވެ. އޭނާގެ އަމާޒު މިހާރު އެއަށް ވުރެ މައްޗަށް އަދި އެއަށް ވުރެ މާ ބޮޑު ކަމަކަށް ސެޓުކޮށްފައި ހުރީމަ އެވެ.

"އަޅުގަނޑާ ދިމާލަށް މީހުން ލޯބިން ވެސް ބުނެފައި ހުރީ، ކަލެއަކަށް ނުވާނެއޭ. ނުވާނެއޭ ބުނެފިއްޔާމު އެކަމެއް ކުރާނަން. އަޅުގަނޑުގެ އެންމެ ބޮޑު ޑްރީމަކީ އަމިއްލަ މަސައްކަތުން ކުރިއަރައިގެން ގޮސް ފުދި ކާމިޔާބުވާން،" ހިތްވަރާއި ސާބިތުކަން ދައްކަމުން ކައިޝާ ބުނެލި އެވެ.

"އެ ހިސާބަށް ނުދެވެނީހެއް އަޅުގަނޑު ހުއްޓައެއް ނުލާނަން."

"މިއީ އަދި ހަމަ ފެށުމެއް. ހަމަ ކުޑަކުޑަ ފެށުމެއް."

އެއީ ތެދެކެވެ. 'ޓްރެއިން ވިތު ކައި'ގެ މި ދަތުރު އޮތީ ކުރިއަށެވެ. އެކަމަކު މިފަހަރު ބޫޓުކޭމްޕެއް ނޫނެވެ. ދެން އޮތް ޗެޕްޓަރަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް 'ޓްރެއިން ވިތު ކައި' އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ޖިމެވެ.

އާނއެކެވެ. ކައިޝާ ސަލީމްގެ ވާހަކަ ނިމެން އަދި ގާތް ވެސް ނުވެ އެވެ.

ކޮމެންޓް (2)

ސާއިދު

19 އޯގަސްޓު 2022
ކައިއަކީ އަހަރެންގެ މޯޓިވޭޓް ކުރިމީހަކީ އަހަރެން 24ގަޑިއިރު ހުސްފާގައި ދުވަން ހިތްވަރު ދިން މީހަކީ ކައި ކައި އަހަރެންކައިރީގައި ބުނީ ހިތްވަރާއެކު މަސައްކަތްކޮށްފިއްޔާމު ކާނިޔާބުވާނެޔޭ. އަހަރެން ކައިއަށް ސެލިއުޓް ކުރަން ތިޔައީ ލާމަސީލު ނަމޫނާ ކަބަލެއް
3 0

ކާއްޓޭ

18 އޯގަސްޓު 2022
އައި ލަވްޔޫ ކައި 🤎🤎🤎
3 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް