ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ބައެއް މީހުންނަކީ ނަސީބުވެރިންނެވެ. އަނެއް ބަޔަކީ، ގަދައަޅާ ކުރާ މަސައްކަތުން އުފާވެރިކަން ހޯދާ މީހުންނެވެ.

އެޕިސޯޑް 1

ބައެއް މީހުންނަކީ ދިރިއުޅުމުގައި ވަރަށް ނަސީބު ގަދަ މީހުންނެވެ. ލޯބިވާ މައިންބަފައިންނާއި މުއްސަނދިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުންނެވެ. އަނެއް ބައި މީހުންނަކީ ނަސީބު ދެރަ މީހުންނެވެ. ހިތްހަމަޖެހުމާއި އުފަލަކީ އެބައި މީހުންނަށް ތަޖުރިބާ ކޮށްލަން ލިބޭ ކަންކަމެއް ނޫނެވެ. ނަމަވެސް މީހުން ބުނެ އުޅެއެވެ. ކޮންމެ ކަމަކަށް ވެސް ގަދައަޅައި މަސައްކަތް ކޮށްފި ނަމަ އެ ކަމެއް ހާސިލްވެއެވެ. ނަމަވެސް ބުރަ މަސައްކަތުންނެވެ. ހަޔާތުގައި މި ހޭދަ ކުރާ މަދު ދުވަސްކޮޅަކީ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ހޭދަ ކުރެވޭ ދުވަސްތަކެކެވެ. ތިމާއަށް ދިމާވާ ހުރިހާ ކަންކަމަކީ ތިމާ ހިތްހަމަޖެހޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަން ތިމާއަށް އިބުރަތަކަށް ވެދެއެވެ.

ސާނިޔާ އިނީ މިފަދަ ހިޔާލުތަކަކަށް ގެއްލިފައެވެ. މާލޭ ފަޅަށް ދޯނި ވަން ކަން ވެސް އެނގުނީ ސާނިޔާގެ ބައްޕަ ހާރޫނު އައިސް ގޮވާލުމުންނެވެ. ސާނިޔާ ހިނިތުންވެލަމުން ދޯނިން ފޭބިއެވެ. މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ހިތަށް ވެރިވީ އުފާވެރިކަމެވެ. ކުރިމަތިން ފެންނަން އޮތް މާރުކޭޓަށް ބަލާލިއެވެ. އެކި މީހުން ހޭބޯ ނާރާ އުޅެނީ ވިޔަފާރި ކުރުމުގައެވެ. ބިންމަތީ ގޯނި ފަތުރައިގެން ތަރުކާރީ އާއި މޭވާގެ އިތުރުން ތަފާތު ވައްތަރުގެ ފަތްޕިލާވެލި ވެސް އެތަނުގައި އަތުރާފައި ހުއްޓެވެ. ފަތްކޭލާއި ބަނބުކޭލެވެ. ދަނޑިއަލުއްވާއި އަލައެވެ. ފޭރާއި ޖަނބުރޯލާއި އަތައެވެ. ކަރަ އާއި ބަރަބޮލެވެ. ފަޅޮލާއި އަނބެވެ. ކޮންމެ މީހަކު ވެސް ގޮވަމުން ދިޔައީ އޭނަ ގާތަށް އައުމަށެވެ. އަގުހެޔޮ ވާނެ ކަމުގައި ބުނަމުންނެވެ.

ދުރުގައި ބަލަހައްޓައިގެން ހުރި ސާނިޔާއަށް މި މަންޒަރު ވަރަށް މަޖާވިއެވެ. އެކި މީހުންނާ ދިމާލަށް ވަކިވަކިން ބަލަމުން ދިޔައެވެ. ގިނައީ ސާނިޔާ ބައްޕަގެ އުމުރުގެ މީހުންނެވެ. އެ ވަގުތު ހާރޫނު އައިސް ސާނިޔާ އަތަށް ތަންމަތި ބޮނޑި ދިއްކޮށްލިއެވެ. ސާނިޔާ އޭގައި ހިފިއެވެ. ހާރޫނު ވަށައިގެން ހޯދާލިއެވެ. އަދި މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ.

"އައްސަލާމް އަލައިކުމް،" ސާނިޔާގެ ފުރަގަހުން އައި މީހަކު ހާރޫނާއި ސަލާމް ކޮށްލަމުން ބުންޏެވެ.

"ވައަލައިކުމް ސަލާމް،" ހާރޫނު ވަރަށް ބޮޑަށް ހީނލާފައި ސަލާމް ބަލައިގަތެވެ.

"ކޮބާ ތިއާދެވުނީ ދޯ. ބޯޓު އަންނަލެއް ލަސްވެގެން މަސް މާރުކޭޓަށް ވަދެލާފައި މި އައީ. ދަތުރު ކިހިނެއް؟ ކަނޑު ގަދަތަ؟ ހަދީޖާމެން ރަނގަޅުތަ؟" ހާރޫނާ ވާހަކަ ދެއްކި މީހާ އެއް ފަހަރާ ސުވާލުތައް ބަންޑުން ކޮށްލިއެވެ.

"މަންނާނު. ކަލޭ ހަމަ އެއްގޮތަކަށް ވެސް ބަދަލެއް ނުވޭ. އަދިވެސް ހަމަ އެހާ ސުވާލު ގިނަ. އާނ. ހަދީޖާމެން ވަރަށް ރަނގަޅު. ވަރަށް ފަހުން ވިހާ ގަދަވީ،" ހާރޫނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އެ ހިނިގަނޑުގައި މަންނާނު ވެސް ބައިވެރިވިއެވެ.

"ހިނގާ ގެއާ ވީކޮޅަށް ދަމާ. ނާހިދާ އެބަ ހުރި ވަރުގެ ކޮޅަށް ސައި ހަދާފައި. އެ ގޮއްޔެ ވެސް އާދޭ އަވަހަށް،" ސާނިޔާއަށް އިޝާރާތް ކޮށްލާފައި މަންނާނު ބުންޏެވެ.

ހަތް މިނެޓް ހިނގި ފަހުން ގެއަކަށް އައިސް ވަދެވުނެވެ. ސާނިޔާ ހުރީ ވަރަށް ބޮޑަށް ފެން ބޮވާފައެވެ. ނަމަވެސް ބުނާކަށް ނުކެރުނެވެ. ދޮރާށިން އެތެރެއަށް ވަން އިރު ގޯތިތެރެ ބޮޑުވެފައި ތަނަވަހެވެ. ގެއަށް ވަންނަ އިރު ކަނާއަތް ފަރާތުގައި އުސްކޮށް ހެދިފައި ހުރި ޖަނބުރޯލު ގަހެއް ހުއްޓެވެ. ގަހުގެ ދަށުގައި ޖޯލިފައްޗެއް ހުއްޓެވެ. ވާއަތް ފަރާތުގައި ހުރީ އުނދޯއްޔެކެވެ. އޭގައި އިށީނދެ އިނީ މަންނާނުގެ އަންހެނުން ނާހިދާއެވެ. ނާހިދާ އިނީ ހަނޑޫ ހޮވާށެވެ. ކައިރީގައި އިތުރު ދެ އަންހެން ކުދިން ވެސް ތިއްބެވެ. ނަމަވެސް އެ ކުދިން ތިބީ ބިންމަތީގައެވެ. ފައިވާން މަތީ އިށީނދެ ލައިގެންނެވެ. އެއް ކުއްޖަކު އިނީ މަސް ކޮށާށެވެ. ހީވާގޮތުން އެއީ ވަރަށް ހަރު މަސްތަކެކެވެ. މަސް ކޮށަން އިނީ ފޯއްވަޅިންނެވެ. ދެން އިން ކުއްޖާ އިނީ ކުޑަ ވަޅިއެއް ހިފައިގެން ކާށިން، ބޮނބިނަރު ސާފު ކުރާށެވެ.

ސާނިޔާމެން ފެނުމާ އެކު، ކުރަން އިން ކަންތައް ހުއްޓާލާފައި ނާހިދާ އައެވެ. އަތް ފޮޅަމުންނެވެ.

"ނާހިދާ، މިތިބީ ހާރޫނުމެން. މިއީ އެ މަންޖެ. އަދި ނަން ވެސް އަހާނުލެވޭ ދޯ؟" މަންނާނު ބުންޏެވެ.

"އާނ. މިއީ ސާނިޔާ. އަހަރެންގެ ދެވަނަ އަންހެން ދަރި. މަންނާނުމެންނަށް ވަރަށް އިތުބާރު ކޮށްފައި މީނަ މާލެ މި ގެނައީ. ސާނިޔާ އަބަދުވެސް އުޅޭނީ ކިޔަވާ ހިތުން. އެހެންވެ އޭނަ މަންމަ ބުނެފި އެކަން އޭނައަށް ކޮށްދެން ވާނޭ،" ސާނިޔާގެ ބޮލުގައި ހާރޫނު ފިރުމާލަމުން ބުންޏެވެ.

"ހިނގާ އެތެރެއަށް. ހުންނާނެ ސައި ހަދާފައި." ސާނިޔާގެ އަތުގައި ހިފައިގެން ސައި ކޮޓަރިއާ ދިމާލަށް ދިޔައީ ނާހިދާއެވެ. ސާނިޔާ ހިނގައިގަންނަމުން ޖޯލިފަތި ކައިރީގައި ތިބި ދެ ކުދިންނަށް ބަލާލިއެވެ. އެ ކުދިން ހިނިތުންވެލިއެވެ. ފަހަތުން ހާރޫނާއި މަންނާނު ވެސް ދިޔައެވެ.

ސައި ކޮޓަރިއަށް ވަދެވުމާއެކު ނާހިދާގެ އަތްމަތި ހަލުއިވިއެވެ. ތަރުމޯޒުން އަޅާދިނީ ކަޅު ސައެވެ. ފެން ބޮވާފައިވާ ސާނިޔާ މި ވަގުތު ބޭނުންވީ ކަރުތެރެ ތެންމާލާނެ ބުއިމެކެވެ. ހޫނު އެއްޗެއް ބުއިމުން އިތުރަށް ކަރު ހިއްކާނެތީއެވެ. ސާނިޔާ އެކި ދިމަދިމާ އަށް ބޯދީ ބަލަމުން ދަނިކޮށް ނާހިދާއަށް އެ މަންޒަރު ފެނުނެވެ.

"އެކޮއި ކިހިނެއް ވީ؟ ކޯއްޗެއް ދޭންވީ؟" ނާހިދާ އެހިއެވެ. "ތިހެން ބީރައްޓެހި ވެފައި ނީންނާތި. ކޮންމެ ކަމަކަށް ބޭނުން ވިޔަސް ވާނެ ބުނަން. އިނގޭ؟"

"ފެން." ސާނިޔާ މާލެ އައުމަށް ފަހު ފުރަތަމަ ބަސް ބުނެވުނީ އަދި ކިރިޔާއެވެ. ނާހިދާ ހިނިތުންވެލަމުން ފެން ތަށި ދިއްކޮށްލިއެވެ.

ސައިބޮއެ އަވަދިވެގެން ނާހިދާ ދިޔައީ ސާނިޔާއަށް ކޮޓަރި ދައްކާށެވެ. ހާރޫނާއި މަންނާނު ނުކުތީ ގޯތިތެރޭގެ ފެންޑާއަށް ދުފާލާށެވެ.

"މަންނާނު. މަ ބުނަން އޮތް ވާހަކައަކީ އެމަންޖެ ރަނގަޅަށް ބަލާތި. ކުށެއް ކުރެވުނަސް މައާފު ކުރާތި. ކުއްޖާ އުމުރުން ސަތާރަ އަހަރު ފުރިފައި ހުއްޓަސް އަދި ވަރަށް ޅަ ވާނެ. އުޅޭނީ ވެސް އެ ކަހަލަ ގޮތަކަށް. އެހެންނު ވާނީ؟ ހަދީޖާ އެ ގޮއްޔެ ލައްވާ އެއްވެސް ކަމެއް ނުކުރުވާނެ،" ޝަހާދަތް އިނގިލީގައި އިން ބިލެތްހުނި ކޮޅު ދުލު ކުރީގައި ޖައްސާލަމުން ހާރޫނު ވާހަކަ ދެއްކިއެވެ.

"ހާރޫނު ދައްކާ ވާހަކަ. މި މަންނާނެއް ހާރޫނު ދެރަވެ ރުޅި އަންނަ ވަރުގެ ކަމެއް ނުކުރާނަން. މަށަށް މިއަދު މިހާ ފަސޭހައިގައި މި އުޅެވެނީ ވެސް ހާރޫނު ޒުވާން އިރު މަށަށް ފަށައިދިން ވިޔަފާރިން. އެދުވަހު އެހީ ނުވި ނަމަ މަފަކީރު އުޅޭނެ ހާލެއް ވެސް ނޭނގެ. މަ އެއްބަނޑު މީހުންދެކެ ނުވާ ލޯބި ހާރޫނު ދެކެ ވަން. އެހެންވީމަ ތިކަމާ ކަންބޮޑު ނުވޭ. އެ ގޮއްޔެ އަހަރެމެން ބަލާނީ އުފަން ދަރިއަކު ބަލާހާ ލޯބިން،" ހާރޫނުގެ އަތުގައި ހިފާލަމުން މަންނާނު ބުންޏެވެ.

ސާނިޔާ ގޮވައިގެން ނާހިދާ ގޮސް ވަނީ ދެ އެނދު ހުރި ކޮޓަރިއަކަށެވެ.

"މިއީ ސާނިޔާގެ އެނދު. މިއީ އަހަރެންގެ ދަރިފުޅު ސާދާގެ އެނދު. މިހުރީ އަލަމާރި. މީގައި ދެ މީހުންގެ އެއްޗެހި ބެހެއްޓޭނެ،" ނާހިދާ ދެއްކީ ފޮތިން ހަދާފައިވާ ޒިބު ލީ އަލަމާރިއެކެވެ. އެނދުގައި ތަންމަތި އަޅާފައި ވަނީ ވަރަށް ރީތިކޮށް ތަރުތީބުންނެވެ.

"އަހަރެންގެ ދަރިފުޅަކީ ވަރަށް ސާފުތާހިރު ކުއްޖެއް. ކޮޓަރިތެރެއަށް ކުނި އަޅައި ނުހަދާތި އިނގޭ. ވީ ވަރަކުން ސާފުކޮށްގެން އުޅެވޭތޯ ބަލާތި. މި ކޮޓަރި ނޫނަސް އަދި އިތުރު ކޮޓަރިއެއްގައި ކުދިން ތިބޭނެ. އެއީ ވެސް ރަށަކުން އައިސް ތިބި ދެ ކުދިން. އެ ކުދިންގެ ކޮޓަރިއަށް ސާނިޔާ ނުލީ ތިއީ އަހަރެންގެ ފިރިމީހާގެ ވަރަށް ގާތް ރައްޓެއްސެއްގެ ކުއްޖަކަށް ވީތީ،" ނާހިދާ ތަފުސީލު ކިޔާދިނެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔައެވެ.

ސާނިޔާ އެނދު މައްޗަށް ވެއްޓިގަތެވެ. އަދި ތުންފަތަށް އުފާވެރިކަން ވެރިވިއެވެ. ސާނިޔާ މާލެއައީ އެހެން ބޭނުމެއްގައެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް