އަލް ކްލެސިކޯގެ މެޗެއްގައި ޕިއެރޭ އެމެރިކް އޯބަމަޔަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަލީގާ

ބާސެލޯނާ މާލީ ގޮތުން ހަމަނޭވާއެއް ލައިފި

އެ ޓީމަށް ދެން ކުޅުންތެރިން ގެނެވޭނެ

ބާސެލޯނާ އިން އެ ކްލަބުގެ ކުރިއަށް 25 އަހަރުގެ ސްޕެނިޝް ލީގުގެ ޓީވީ ރައިޓްސްގެ 10 ޕަސެންޓް، އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސިކްސްތު ސްޓްރީޓް ޕާޓްނާސް އަށް ވިއްކާލަން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި އެއްބަސްވުމުގެ ދަށުން ބާސެލޯނާ އަށް މި ސީޒަނުގައި ހަރަދުކުރަން 267 މިލިއަން ޔޫރޯ ލިބޭނެ އެވެ. މިއީ ދަރަނި ބިލިއަނަކަށް އަރައި މިވަގުތަށް ހަރަދުތައް ހުއްޓިފައިވާ ކްލަބަށް ލިބޭނެ ބޮޑު ލުޔެކެވެ.

ބާސެލޯނާގެ މެމްބަރުން ވަނީ ޓީވީ ރައިޓްސް 25 ޕަސެންޓާ ހަމަޔަށް އިތުރު އިންވެސްޓަރުންނަށް ވިއްކާލަން ހުއްދަ ދީފަ އެވެ.

އަދި ކްލަބުގެ ދަރަނިތައް މެނޭޖްކުރުމަށް ފައިސާ ހޯދުމަށްޓަކައި ކްލަބުގެ ލައިސެންސިން އާއި މާޗެންޑައިޒިންގެ 49.9 ޕަސެންޓް ވިއްކާލަން ވެސް ވެސް ވަނީ ހުއްދަ ދީފަ އެވެ.

ބާސެލޯނާ އިން ބުނި ގޮތުގައި އެ ކްލަބުގެ ފުޓްބޯޅަ ޓީމު ވަރުގަދަކުރުމަށާއި މާލީ ގޮތުން ފައިދާހުރި އަހަރަކަށް ހެދުމަށް މި ދެ ޑީލުން 600 މިލިއަން ޔޫރޯ ނެރެވޭނެ ކަމަށެވެ.

ބާސެލޯނާ އަށް ދިމާވި މާލީ މައްސަލަތާ ހެދި އެ ޓީމަށް މިދިޔަ ސީޒަނުގައި ލިއޮނަލް މެސީގެ ކޮންޓްރެކްޓް ވެސް އާކުރެވޭ ގޮތެއް ނުވި އެވެ. އޭނާ އެހެންވެ ޕީއެސްޖީ އަށް ބަދަލުވީ އެވެ.

މި ޑީލު ހަމަޖެހުމާ އެކު ބާސެލޯނާ އިން އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެ ޓީމަށް ކުޅެން އެއްބަސްވެފައިވާ ޗެލްސީގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސެން އާއި އޭސީ މިލާނުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭގެ ކޮންޓްރެކްޓް ރަޖިސްޓްރީކުރުމެވެ. މީގެ އިތުރުން ބަޔާން މިއުނިކުގެ ރޮބަޓް ލެވޮންޑޮސްކީ ގެނައުމުގެ މަސައްކަތް ވެސް ރަސްމީކޮށް ފަށާނެ އެވެ.

މި ކުޅުންތެރިންނާ އެކު ވަރުގަދަ ޓީމެއް ބިނާކުރުމުގެ މަސައްކަތް އޮތީ ކޯޗު ޒަވީ ހެނާންޑޭސް އަށެވެ. މިދިޔަ އަހަރު ހަވާލުވެ އޭނާ ނިސްބަތުން ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް