ވިކްޓްރީގެ ރައީސް ހުސެއިން އާދަމް (ކ-3) ބޯޑުގެ އެހެން މެމްބަރުންނާ އެކު.

ފުޓްބޯޅަ

ވިކްޓްރީން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދައްކައިފި

ވިކްޓްރީން އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން

ވިކްޓްރީއާ އަލަށް ހަވާލުވި ބޯޑުން، އެ ކްލަބުން ދިވެހި އަދި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ހަމަކޮށް އެފްއޭއެމްއާ ހަވާލުކޮށްފި އެވެ.

ވިކްޓްރީ އަކީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އާއި ކްލަބް ލައިސަންސިންގެ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެފްއޭއެމުން 2019 ވަނަ އަހަރު ސަސްޕެންޑްކޮށްފައިވާ ކްލަބެކެވެ. އެހިސާބުން ފެށިގެން އެ ކްލަބުގެ ހަރަކާތްތައް ހުއްޓިފަ އެވެ. ކްލަބް އަލުން ހަރަކާތްތެރިވާން ފެށީ މިދިޔަ މަހުގެ ފަހުކޮޅު އާ ބޯޑެއް އިންތިހާބުކުރި ހިސާބުންނެވެ.

ކްލަބުގެ ދަރަނިތައް ދައްކަން ޖެހޭ ފައިސާ ހަމަކުރިކަން އާ ބޯޑުން މި މަހުގެ ކުރީކޮޅު އިއުލާންކުރި އެވެ. މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުސާރަ ދިނުމަށްޓަކައި އެ ފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ހައްގުވެރިންނަށް އެފްއޭއެމުން އެ ފައިސާ ރައްދުކޮށްދޭނެ ކަމަށެވެ.

ވިކްޓްރީން ބުނެފައިވާ ގޮތުގައި ދިވެހި 22 ކުޅުންތެރިންއަކަށާއި ބިދޭސީ ހަތަރު ކުޅުންތެރިއަކަށް ގަވާއިދުން މުސާރަ ނުދެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ފައިސާ ދެއްކުމާ އެކު އެފްއޭއެމުން ދާދި އަވަހަށް ވިކްޓްރީގެ ސަސްޕެންޝަން އުވާލާނެ އެވެ. އެކަމަކު އެ ކްލަބް ފަށަން ޖެހޭނީ ދެ ވަނަ ޑިވިޝަނުންނެވެ. އެ ކްލަބުން މިހާރު ވަނީ ޖުލައި 4 ގައި ފަށަން ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމަށް ވާދަވެރި ޓީމެއް އެކުލަވާލުވުމުގެ މަސައްކަތް ފަށާއިފަ އެވެ.

ވިކްޓްރީ ވެއްޓިފައިވާ މާލީ ވަޅުގަނޑުން އެ ކްލަބް ނަގައިދިނުމުގައި އިސްކޮށް މަސައްކަތްކުރެއްވީ ކްލަބުގެ އާ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ ކަމަށްވާ މުލިއާގޭ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް އެވެ. އޭނާ އަކީ 1980ގެ ތެރޭގައި އެ ކްލަބުން ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. އެގޮތުން ހުސެއިން އަކީ 1986 އާއި 1987 ގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓްރީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ވިކްޓްރީއާ އޭރު ވާދަވެރި ނިއު ރޭޑިއަންޓަށް ވެސް ކުޅުއްވައިފަ އެވެ. ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅައިގައި ވެސް ހުސެއިން ފާހަގަކުރެވުނެވެ.

ވިކްޓްރީއާ ހަވާލުވެވަޑައިގަތުމަށް ހުސެއިން ވިދާޅުވީ އެ ކްލަބަކީ ދިގު މާޒީއެއް އޮތް އަދި ވަރަށް ގިނަ ބަޔަކު ބުރަ މަސައްކަތްކޮށްފައި އޮތް ކްލަބެއް ކަމަށާއި ފައިސާ ނެތިގެން ވިކްޓްރީ ވުޖޫދުން ގެއްލިގެންވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ވިކްޓްރީއަކީ އެ ކްލަބް 1972 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. އެއީ ގައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު މިލްކުކުރި ހަމައެކަނި ޓީމެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި ފުރަތަމަ ދިވެހި ކްލަބް ވެސް މެ އެވެ. އެކަމަކު މެނޭޖްމަންޓް ބަދަލުވެ، މާލީ މައްސަލަތައް ދިމާވެ ވަރަށް ބޮޑަށް އަޑިއަޅާލީ އެވެ.

ވިކްޓްރީއާ އެކު ރާއްޖޭގެ ފުޓްބޯޅައިގައި ރަސްކަންކުރި ނިއު ވެސް އޮތީ މުސާރަ މައްސަލައިގައި ސަސްޕެންޑްކޮށްފަ އެވެ. އެ ކްލަބް ވެސް އޭގެ ތެރެއިން ސަލާމަތްކޮށް އަލުން ފުޓްބޯޅައިގައި ވާދަކުރެވޭ ހާލަތަކަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އާ އިންތިހާބު މާދަމާރޭ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް