އެޕަލްގެ ބާނީ ސްޓީވް ޖޮބްސް 2007 ވަނަ އަހަރު އައިޕޮޑް ޓަޗް ލޯންޗުކުރައްވަނީ. (ފޮޓޯ/ ގެޓީ އިމޭޖެސް)

އެޕަލްއިން 21 އަހަރަށް ފަހު އައިޕޮޑް ހެދުން ހުއްޓާލައިފި

އައިޕޮޑު ވަނީ މިއުޒިކް ހޯދުމާއި އަޑުއެހުމާއި ހިއްސާކުރުމަށް އިންގިލާބެއް ގެނުވާފައި

އާންމުންގެ މެދުގައި މިއުޒިކު އަޑުއެހުމަށް 2،000ގެ އަހަރުތަކުގެ ކުރީކޮޅު އިންގިލާބެއް ގެނުވި އައިޕޮޑު ހެދުން ހުއްޓާލަން މަޝްހޫރު އެޕަލް ކުންފުނިން ނިންމައިފި އެވެ.

މީގެ 21 އަހަރު ކުރިން، 2001ގައި ނެރުނު އެންމެ ފުރަތަމަ އައިޕޮޑަށް 1،000 ލަވަ އެޅެ އެވެ. މިއަދު އެޕަލްގެ ސްޓްރީމިން ހިދުމަތުން އެކަނި ވެސް 90 މިލިއަން ލަވަ ލިބެން އެބަހުއްޓެވެ.

އައިޕޮޑުގެ ފުރަތަމަ މޮޑެލްތަކަށް ފަހު 2007ގައި އައިޕޮޑް ޓަޗު އެޕަލްއިން ނެރެފައިވާ އިރު، އައިޕޮޑް ޓަޗް ޑިޒައިންކޮށްފައި ވަނީ އައިފޯނުގެ ފުރަތަމަ ވާޝަން ވެސް ޑިޒައިންކުރި ޓީމުންނެވެ. އަދި އެޕަލްއިން އައިފޯނު ނެރުމާ އެކު އައިޕޮޑްގެ ވިޔަފާރިއަށް ލޮޅުން އެރި އެވެ.

އެޕަލްއިން އެންމެ ފަހުން އައިޕޮޑްގެ ވާޝަންއެއް ނެރެފައި ވަނީ 2019ގަ އެވެ. އަދި މިވީ 21 އަހަރުގެ ތާރީހުގައި އައިޕޮޑުގެ އެތައް ވާޝަންއެއް ވަނީ ފެނިގެން ގޮސްފަ އެވެ. މީގެ ތެރޭގައި ނެނޯ، ޝަފްލް އަދި އައިޕޮޑް ޓަޗް ހިމެނެ އެވެ.

އައިޕޮޑު ވިއްކުން ހުއްޓާލުމާ ގުޅޭ ރިޕޯޓެއް. (ވީޑިއޯ/ ކޭޓީއެލްއޭ)

މިވަގުތު ހުރި ސްޓޮކުތައް ހުސްވަންދެން އައިޕޮޑް ޓަޗު ގަނެވޭނެ ކަމަށް އެޕަލްއިން ވަނީ ބުނެފަ އެވެ.

"އައިޕޮޑުގެ ސަބަބުން މިއުޒިކު ހޯދުމާއި އަޑުއެހުމާ އަދި ހިއްސާކުރުމަށް އިންގިލާބެއް އައި،" އެޕަލްގެ ވޯލްޑްވައިޑް މާކެޓިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ގްރެގް ޖޮސްވިއަކް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް