ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުމުގެ ކުރިން އެޗުޑީސީގެ މުވައްޒަފުން އެ ރަށުގައި: މި ރަށް ހަދައި އަދި މެނޭޖްކުރަނީ ވެސް އެޗުޑީސީން. (ފޮޓޯ/އެޗުޑީސީ)

ކުޑަގިރި

ކުޑަގިރި ހުޅުވާ ދުވަހަށް ކަނޑައެޅި 300 ޖާގަ ފުލްވެއްޖެ

ބުކިންއަށް ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެޗުޑީސީއިން ބުނޭ. ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ބުކިން ހައްދަން އުޅުމުން ވެބްސައިޓާއި އެޕްލިކޭޝަނަށް ބާރުބޮޑުވެ، ބައެއް މީހުންނަށް ބުކިން ހެއްދޭ ގޮތެއް ނުވި
9 ފެބްރުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ހުޅުވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ބުކިންއަށް ހުޅުވާލުމާ އެކު ފުރަތަމަ ދުވަހުގެ ހުރިހާ ޖާގަތައް ފުލްވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެ އާއި ހުޅުމާލެއިން ފުރައިގެން ދެވެން އޮންނަ ކުޑަގިރިއަށް ހާއްސަ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ބުކިންއަށް ހުޅުވާލީ މިއަދު ހަވީރު 4 ޖެހިއިރެވެ. އާންމުކޮށް ދުވާލަކު 500 މީހުންނަށް ދެވޭ ގޮތަށް ހަމަޖައްސާފައިވާ ރަށް ހުޅުވާ ދުވަހު ފުރުސަތު ދެނީ 300 މީހުންނަށެވެ.

ތަފްސީލު - އެޗުޑީސީއިން ބުނި ގޮތުގައި ބުކިންއަށް ހުޅުވާލިތާ ގާތްގަނޑަކަށް ބައިގަޑިއެއް ހާއިރުގެ ތެރޭގައި، މާލެއިން ފުރާ ޖާގަތައް ވަނީ ފުލްވެފަ އެވެ.

ފުރަތަމަ ދުވަހު ވެސް ދަތުރުދާން ގިނަ ބަޔަކު ބޭނުންވާކަން އެނގުނީ، އެޕްލިކޭޝަނާއި ވެބްސައިޓަށް ބާރުބޮޑުވެ، ބުކިން ހައްދަން އުޅެއުޅެ ވެސް ބައެއް މީހުންނަށް އެކަން ނުކުރެވުމުންނެވެ. ހާއްސަކޮށް ވެބްސައިޓަށް ބާރުބޮޑުވެ، ވެބްސައިޓުން އެއްގޮތަކަށް ވެސް ބުކިން ނުހެއްދޭ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރި އެވެ.

ބުނީ ކީކޭ؟ - އެޗުޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މިމްރާހު އަހްމަދު 'ދައުރު'އަށް ވިދާޅުވީ ދަތުރުދާނެ ތަނެއް ބޭނުންވެފައިވާ މިންވަރު ބުކިންއަށް ހުޅުވާލުމާ އެކު ލިބުނު ތަރުހީބުން ވެސް ފެނިއްޖެ ކަމަށެވެ.

"ލިބިގެންދިޔަ ތަރުހީބުން ވެސް ފެނިގެންދިޔައީ މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށަކަށް ބޭނުންވެފައިވާ މިންވަރު. މިއީ ހަގީގަތުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވައުދު ވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް،" އޭނާ ވިދާޅުވި އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް

  • ދަތުރުދާ މީހުންނަށް ބޭނުންވާނެ ޒަމާނީ ގިނަ ވަސީލަތްތައް ހުންނާނެ

  • ދެވޭނީ ދުރާލާ ބުކިން ހައްދައިގެން

  • ރަސްމީ ބަންދު އަދި ހަފްތާބަންދު ދުވަސްތައް ހާއްސަކޮށްފައިވަނީ ދިވެހިންނަށް އެކަނި؛ އެ ދުވަސްތަކުގައި ކުޑަގިރިއަށް ދާން އެއްވެސް އަގެއް ނުނަގާނެ

  • ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް ދިއުމަށް ފެރީ ޓިކެޓް ވިއްކަނީ ކޮޅަކަށް 25ރ. އަށް

  • ބަންދު ނޫން ދުވަސްތަކުގައި ރަށަށް އެރުމަށް 'އެންޓްރެންސް ފީ'ގެ ގޮތުގައި 50ރ. ދައްކަން ޖެހޭ

ފަސްމަންޒަރު - ކުޑަގިރިއަކީ، މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާން ބޭނުންކުރަމުން އައި ކުޑަ ބަނޑޮސް، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބަޔަކަށް ރިސޯޓު ހަދަން ދިނުމާ ގުޅިގެން ކުރިމަތިވެފައި އޮތް ހުސްކަން ފޫބެއްދުމަށް މި ސަރުކާރުން ވައުދުވެގެން ހެދި ރަށެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން އެންމެ ފުރަތަމަ ޕިކްނިކް ރަށެއްގެ ގޮތުގައި ހަމަޖައްސަން ނިންމީ ކ. އެނބޫދޫފަޅުގައި ކްރޮސްރޯޑްސްގެ ބޭނުމަށް ހިއްކާފައިވާ ރަށްތަކުގެ ތެރެއިން އަދި ބޭނުން ނުކޮށް އޮތް ރަށެއްގަ އެވެ. 

ނަމަވެސް، ކްރޮސްރޯޑްސްގެ އެ ރަށް ހެދުމުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ދިއުމާ ގުޅިގެން، ކުޑަގިރި ފަޅުން ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހެދި ނަމަވެސް، އެނބޫދޫފަޅުގައި ވެސް އެފަދަ ރަށެއް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް