ޝަމްހާ އިވެންޓަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.

ދުވުން

5 ކިލޯމީޓަރުގެ ރެކޯޑަށް ފަހު ޝަމްހާ އަށް ދެން އޮތީ ބޮޑު ޓާގެޓެއް

ރާއްޖޭގެ 100 މީޓަރުގެ ރެކޯޑް އަދިވެސް އޮތީ އޭނާގެ އަތުގައި

ދިވެހިރާއްޖޭގެ އެންމެ ދުވެލި ބާރު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު، ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް އިއްޔެ މުގުރާލައިފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި 20:26 މިނެޓުން ދުވެގެން ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒް ހެދި ރެކޯޑް ޝަމްހާ މުގުރާލީ އިއްޔެ ޖަރުމަނުގައި އޮތް ރޭހެއްގައި 20:08 މިނެޓުން ދުވެގެންނެވެ.

ފަސް ކިލޯމީޓަރުގެ ރެކޯޑް 2017 ވަނަ އަހަރު ވެސް ހެދި ޝަމްހާ އަލުން މި ރެކޯޑް ހެދީ މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަން ފެށިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.

ޖަރުމަނުގެ ބާލިންގައި ދިރިއުޅޭ ޝަމްހާ ބުނީ އޭނާގެ އަމާޒަކަށްވީ، 20 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމުން ކަމަށެވެ. ދިވެހި އަންހެން ދުވުންތެރިޔަކަށް މިހާތަނަށް 20 މިނެޓަށް ވުރެ އަވަހަށް ފަސް ކިލޯމީޓަރުގެ ރޭހެއް ފުރިހަމައެއް ނުކުރެވެ އެވެ.

"އަލްހަމްދުލިﷲ. ދެން ފަހަރަކު،" ސަމްހާ، 40، ހުރީ އުއްމީދުގަ އެވެ.

ނަސްރު ވެސް ބުނީ ޝަމްހާ އަށް 19 ނުވަތަ 18 މިނެޓުން ފަސް ކިލޯމީޓަރު ދުވެވޭނެ ކަމަށާއި އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު ޝަމްހާގެ އަސްލު ޓާގެޓަކީ، އަދި މިވަގުތު ތަމްރީން ހަދަމުން އަންނަނީ ވެސް ސެޕްޓެމްބަރު މަހު އޮންނަ ބާލިން މެރެތަންއަށެވެ.

"ފުރަތަމަ ޓާގެޓަކީ މެރެތަން ހަތަރު ގަޑިއިރުން ނިންމުން،" ނަސްރު ބުންޏެވެ. "އޭގެ ފަހުން ސައުތު އޭޝިއާ ލެވެލް އަށް ގެންދިއުން އަމާޒަކީ."

ޝަމްހާ (ވ) އޭނާގެ ދަރިފުޅާ އެކު: ޝަމްހާއާ އެކު ރޭހުގައި ދަރިފުޅު ވެސް ދުވި.

ޝަމްހާ އަކީ އަމީނިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔައިރު 1990ގެ އަހަރުތަކުގެ ތެރޭގައި އެތުލެޓިކްސްގެ ތެރެއަށް ނުކުތް ދުވުންތެރިޔެކެވެ. އިޝްރަތު ހަމީދު ހަދާފައި އޮތް 100 މީޓަރުގެ ރެކޯޑް ޝަމްހާ އެންމެ ފުރަތަމަ މުގުރާލީ އުމުރުން 14 އަހަރުގައި 1998 ވަނަ އަހަރުގެ އަމީނިއްޔާ ސްޕޯޓްސްމީޓުގައި 13:08 ސިކުންތުން ދުވެގެންނެވެ. އޭނާ އެ ރެކޯޑް 1999 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އާކުރި އެވެ.

ޝަމްހާ 2001 ވަނަ އަހަރު ކެނެޑާގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި 12:27 ސިކުންތުން ދުވެގެން އާކުރި ރެކޯޑް އަދިވެސް މުގުރާލެވިފައެއް ނުވެ އެވެ. އެހެންވެ މިވަގުތު ވެސް ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ ޝަރަފް އޮތީ އޭނާގެ އަތުގަ އެވެ.

ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރެކޯޑް ވެސް 2011 ވަނަ އަހަރާ ހަމަޔަށް އޮތް ޝަމްހާ، ވަނީ 2000 ވަނަ އަހަރުގެ ސިޑްނީ އޮލިމްޕިކްސްގައި ދުނިޔޭގެ އޭރުގެ އެންމެ ބާރު ދުވުންތެރިޔާ މެރިއަން ޖޯންސްއާ އެއް ހީޓެއްގައި ދުވެފަ އެވެ.

ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް މެޑަލް ހޯދައިދޭނެ ކަމަށް އުއްމީދުކުރެވުނު ދުވުންތެރިޔާ އޭގެ ފަހުން ކުއްލިއަކަށް ދުވުމުން ގެއްލުނެވެ. ފަހުން އޭނާ ބުނި ގޮތުގައި އޭގެ އެއް ސަބަބަކީ 2001 ވަނަ އަހަރުގެ ޕާކިސްތާނުގައި ބާއްވަން އޮތް ސައުތު އޭޝިއަން ގޭމްސްގެ ރިލޭ އިން މެޑަލް ހޯދުމުގެ އުއްމީދުގައި ބުރަކޮށް މަސައްކަތްކުރަމުން އަންނަނިކޮށް ސެޕްޓެމްބަރު 11 ގެ ހަމަލާގެ ސަބަބުން އެ ގޭމްސް ކެންސަލްކުރުމުން ލިބުނު މާޔޫސްކަމެވެ.

އަނެއް ސަބަބަކީ ޖަރުމަން މީހަކާ ކައިވެނިކޮށްގެން 2003 ވަނަ އަހަރު އެ ގައުމަށް ބަދަލުވުމެވެ.  

ޝަމްހާ އަލުން ދުވުމުގެ ތެރެއަށް ރަސްމީކޮށް ނުކުތީ އޭގެ 11 އަހަރު ފަހުން ދިގު ރާސްތާ ދުވުންތަކުގެ ތެރެއިންނެވެ. އެގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން ދިން ފުރުސަތެއްގައި 2014 ވަނަ އަހަރު ޑެންމާކުގައި އޮޕް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކޮށް ގައުމީ ރެކޯޑް ހެދި އެވެ. އޭނާ އެ ފަހަރު 1 ގަޑި 42 މިނެޓުން ދުވެގެން ހެދީ 10 އަހަރުވީ ރެކޯޑެކެވެ.

ޖެހިގެން އައި އަހަރު ރިޔޫނިއަން އައިލެންޑްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝަމްހާ ވަނީ 10،000 މީޓަރު ދުވުމުގައި ވާދަކޮށް ލޯ މެޑަލް ހޯދައި ގައުމީ ރެކޯޑް ހަދައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ވާދަކުރި އެވެ.

އޭރު ވެސް އޭނާ ބުނީ ދެން އޮތް އަމާޒަކީ ފަސް ކިލޯމީޓަރު (ޓްރެކުގައި ނަމަ 5000 މީޓަރު) 20 މިނެޓުން ބްރޭކްކުރުން ކަމަށެވެ. ރާއްޖޭގެ އެންމެ ގިނަ މެރެތަން ދުވެފައިވާ ނަސްރު، ކޯޗަކަށް ހަމަޖައްސައި ޝަމްހާ މިހާރު ވަރަށް ސީރިއަސްކޮށް މަސައްކަތްކުރަމުން އަންނަނީ އެ ޓާގެޓަށް ވާސިލްވުމަށެވެ. އެކަންވެއްޖެ ނަމަ އަނެއްކާ ވެސް އޭނާ އަށް ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ހާއްސަ ޖާގައެއް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް