ކޮވިޑް-19އިން ރައްކާތެރިވުމަށް އުތުރު ކޮރެއާގެ ކުޑަކުދިންގެ ފިހާރައެއް ސްޕްރޭ ކުރަނީ. (ފޮޓޯ/ ސީއެންއެން)

އުތުރު ކޮރެއާ

އުތުރު ކޮރެއާގައި ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ އެކު ކުއްލި ހާލަތު އިއުލާނުކޮށްފި

ލީޑަރު ކިމް ޖޮންގް އުން ވަނީ ހުރިހާ ސިޓީތަކެއް މިއަދު ލޮކްޑައުން ކުރައްވާފައި

އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑް ފެނިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

އުތުރު ކޮރެއާގައި ކޮވިޑު ޖެހިފައި ވަނީ ކިތައް މީހުންނަށް ކަމެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ވެރިރަށް ޕްޔޯންގްޔޭންގުން އޮމިކްރޮން ވޭރިއަންޓު ފެނިފައިވާ ކަމަށް ކޭސީއެންއޭ ހަބަރުފަތުރާ އެޖެންސީން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު، ހުން އައިސްފައިވާ ބަލިމީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް އޮމިކްރޮން ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޭސީއެންއޭ އިން ރިޕޯޓުކުރި އެވެ.

އުތުރު ކޮރެއާގައި ކޮވިޑު-19 ހަލުވިކަމާ އެކު ފެތުރެން ފަށައިފި ނަމަ އެ ގައުމުގެ ވީރާނާވެފައިވާ ސިއްހީ ފަރުވާދޭ ހިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

އުތުރު ކޮރެއާއިން މިހާތަނަށް ކޮވިޑުގެ އެންމެ ކޭސްއެއް ވެސް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، 25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމަށް ކޮވިޑު މީގެ ކުރިން އައިސްފައި ނެތް ކަމަށް ގަބޫލުކުރާ މީހަކު މަދެވެ.

ކޮވިޑް އަލަށް ފެނުމާ އެކު ލީޑަރު ކިމް ޖޮންގް އުން ވަނީ ހުރިހާ ސިޓީތަކެއް މިއަދު ލޮކްޑައުން ކުރައްވައި މިފަދަ ހާލަތެއް އަތުވެދާނެ ކަމަށް ސަރުކާރުން ހޯދައި ރައްކާކޮށްފައި ހުރި ސިއްހީ ސަޕްލައިތައް ދޫކުރުމަށް އިރުޝާދު ދެއްވާފައި ކަމަށް ކޭސީއެންއޭއިން ރިޕޯޓުކުރި އެވެ.

އަދި އުތުރު ކޮރެއާގެ އެންމެ ބާރުގަދަ ޕޮލިޓްބިއުރޯއާ އެކު ކިމް ބައްދަލުވުމެއް ބާއްވަވާ، ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް އޭގައި ހިމެނެނީ ކޮން ކަހަލަ ފިޔަވަޅުތަކެއްކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕޮލިޓްބިއުރޯގެ މި ބައްދަލުވުމުގައި ވަނީ އުތުރު ކޮރެއާގައި ބަލިމަޑުކަން ހުއްޓުވުމަށް މަސައްކަތްކުރާ ދާއިރާގެ "ފަރުވާތެރިކަމާއި ޒިންމާދާރުކަން ކުޑަވެފައި ނާގާބިލު" ކަމަށް ފާހަގަކޮށް، އެ ފަރާތްތަކުން "ހުށިޔާރުކަމާ އެކު ފިޔަވަޅު އެޅުމަށް ފޭލުވެފައިވާ" ކަމަށް ވެސް ބުނެފަ އެވެ.

"ހީނުކޮށް ތިއްބައި މި އައި ކޮވިޑް-19ގެ ބަލިމަޑުކަމުން ގައުމު އަރައިގަންނާނެ،" ލީޑަރު ކިމް ވިދާޅުވި ކަމަށް ކޭސީއެންއޭއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޕޮލިޓްބިއުރޯގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ ދަ ކޮރެއަން ހެރަލްޑް)

ކޮވިޑާ ގުޅިގެން އުތުރު ކޮރެއާގެ ބޯޑަރުތައް ޖެނުއަރީ 2020އިން ފެށިގެން ބަންދުކޮށްފައި ހުރި ނަމަވެސް، ރައްޔިތުން ބަނޑަށް ޖެހުން ހުއްޓުވުމަށް ކޮރެއާގެ ސަރުކާރުން ޗައިނާއިން މުދާ އެތެރެކުރަން މަޖުބޫރުވެ އެވެ.

އުތުރު ކޮރެއާ އާބާދީގެ ކޮންމެ ބޮލަކަށް ކޮވިޑު ވެކްސިންގެ ދެ ޑޯޒު ޖެހޭނެ ގޮތް މެދުވެރި ކުރުމަށް އެ ގައުމަށް 60 މިލިއަން ވެކްސިން ޑޯޒު ބައިނަލްއަގްވާމީ މުޖުތަމައުން ފޯރުކޮށް ދިނުމަށް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ހާއްސަ މަންދޫބު ޓޯމާސް އޮހިއާ ކުއިންޓާނާ ވަނީ ފެބްރުއަރީ މަހު ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް