(ފޮޓޯ/ ޒޭންޑާއެސްޓީ)

އެޕް ސްޓޯރުން ޓިކްޓޮކް ނެގުމަށް އެމެރިކާގެ އެފްސީސީ ކޮމިޝަނަރު ގޮވާލައްވައިފި

އެމެރިކާގެ ރައްޔިތުންނާއި ނެޓްވޯކުތައް ޗައިނާ ސަރުކާރުގެ އަތްދަށުވެއްޖެ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނަމުންދާތާ އަހަރުތަކެއް ވަނީވެފައި

މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކް ހިންގަމުންދާ ޗައިނާގެ ބައިޓްޑާންސް ކުންފުންޏާ ހެދި އެމެރިކާގެ ގައުމީ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް އުފެދެމުންދާ ކަމަށާއި އެޕަލް އާއި ގޫގުލްގެ އެޕްސްޓޯރުން ޓިކްޓޮކް ނެގުމަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަންގެ (އެފްސީސީ)ގެ މެމްބަރަކު ގޮވާލައްވައިފި އެވެ.

ބައިޓްޑާންސް ކުންފުންޏަކީ "ޗައިނާ ސަރުކާރުން މައުލޫމާތު ހޯދުމަށް ކުރާ އަމުރުތަކަށް ގާނޫނީ ގޮތުން ތަބާވާން ޖެހޭ ކުންފުންޏެއް" ކަމަށް މިދިޔަ ހަފްތާގައި ގޫގުލް އާއި އެޕަލްއަށް ފޮނުވި ސިޓީއެއްގައި އެފްސީސީގެ ކޮމިޝަނަރު ބްރެންޑަން ކާ ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ ކަސްޓަމަރުންގެ މައުލޫމާތުތައް އެތައް ފަހަރެއްގެ މަތިން ޓިކްޓޮކްގެ ޗައިނާ މުވައްޒަފުން ބަލާފައިވާ ކަމަށް ތުހުމަތުކޮށް މިފަހުން ބަޒްފީޑް ނޫހުން ނެރެފައިވާ ރިޕޯޓަކަށް އަލިއަޅުއްވާލަމުން މީ ގޫގުލް އާއި އެޕަލް ކުންފުނިން އެޕްލިކޭޝަން ސްޓޯރުގައި ހުންނަ އެޕްތަކުގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަމާ ދިމާ އިދިކޮޅު ކަމެއްކަމަށް ކާ ފާހަގަކުރެއްވި އެވެ.

ކާ ފޮނުއްވި ސިޓީއާ ގުޅިގެން ގޫގުލް އާއި އެޕަލްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބަޒްފީޑު ނޫހުން ކޮށްފައިވާ ތުހުމަތުތަކަކީ "ހަގީގަތް އޮޅުވާލުން" ކަމަށް ޓިކްޓޮކް އިން ވަނީ ބުނެފަ އެވެ.

"ބައިނަލްއަގްވާމީ ގިނަ ކުންފުނިތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިކްޓޮކްގެ ވެސް އިންޖިނިއަރުން ތިބޭ. އަދި ކަސްޓަމަރުންގެ މައުލޫމާތުތައް ހިމާޔަތް ކުރުމަށް އެންކްރިޕްޝަނާއި ސެކިއޯ މޮނިޓަރިން ބޭނުންކުރަން އަދި މިފަދަ މައުލޫމާތުތައް ލިބިގަނެވޭނީ ވެސް ޓިކްޓޮކްގެ އެމެރިކާ ޓީމުން ހުއްދަ ދިނުމުން. އަދި އެމެރިކާއިން ބޭރުގައި ތިބި އިންޖިނިއަރުންނަށް އެމެރިކާގެ ކަސްޓަމަރުންނާ ބެހޭ މައުލޫމާތުތައް ހޯދޭނެ ހަމައެކަނި ގޮތަކީ މިއީ ކަމަށް ކުރިން ވެސް ޓިކްޓޮކް އިން ވާނީ ބުނެފައި،" ޓިކްޓޮކް އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

ޓިކްޓޮކްގެ ކަންބޮޑުވުންތަކާ ގުޅިގެން އެފްސީސީގެ ރައީސް ބްރެންޑަން  ކާ ސީއެންބީސީ ޓެލެވިޒަން އަށް ދެއްވި އިންޓަވިއު (ވީޑިއޯ/ ސީއެންބީސީ)

ބަޒްފީޑުގެ އާޓިކަލް ޝާއިއުކުރި ދުވަހު ޓިކްޓޮކް އިން ވަނީ އެމެރިކާގެ ކަސްޓަމަރުންނާ ބެހޭ ހުރިހާ މައުލޫމާތުތަކެއް އެމެރިކާގެ އޮރެކަލް ކުންފުނީގެ ކްލައުޑް ސާވާއަށް ބަދަލުކޮށް، މި މައުލޫމާތުތަކުގެ ކޮޕީތައް ވެސް ފޮހެލާނެކަން އިއުލާނު ކޮށްފަ އެވެ.

ނަމަވެސް އެމެރިކާގެ ވަރުގަދަ އޮރެކަލް ކުންފުނީގެ ސާވާތަކުގައި މި މައުލޫމާތުތައް ރައްކާކުރި ނަމަވެސް،  ބެއިޖިންގައި ހުރެގެން އަދިވެސް މި މައުލޫމާތުތައް ބެލޭނެ ކަމަށް އެފްސީސީގެ ރައީސް ކާ ގޫގުލް އާއި އެޕަލްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.

އެމެރިކާގެ ކަސްޓަމަރުންނާ ބެހޭ އަމިއްލަ މައުލޫމާތުތަކާއި އެމެރިކާގެ ނެޓްވޯކުތަކުގެ ތެރެއަށް ޗައިނާ ސަރުކާރަށް ވަންނަން ފުރުސަތު ލިބިއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވާނޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނަމުންދާތާ އަހަރުތަކެއް ވަނީ ވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް