ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ ހިދުމަތާ ސްޓެލްކޯ އިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ސްޓެލްކޯ

މާފުށީގެ ކުނި މެނޭޖުކުރުމާ ހަވާލުވެ، ހުރިހާ ޔުޓިލިޓީ ހިދުމަތްތައް ދޭ ރާއްޖޭގެ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ

ސްޓެލްކޯ އިން މާފުށީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން ވަނީ ނިންމާފައި؛ އެ ތަނުން ކުނި ވަކިކުރުމާއި ނައްތާލުމާއި ރީސައިކަލް ކުރުމުގެ އިތުރުން ބައިޕްރޮޑަކްޓް އުފައްދާނެ

ކ. މާފުށީގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތާ ސްޓެލްކޯ އިން ހަވާލުވެ، ހުރިހާ ޔުޓިލިޓީ ހިދުމަތެއް ދޭ ރާއްޖޭގެ ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާފުށީގެ ކުނި މެނޭޖު ކުރުމާ ސްޓެލްކޯ އިން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ސްޓެލްކޯގެ ވޯޓާ، ސުވަރޭޖް އެންޑް ވޭސްޓް ޑިޕާޓްމަންޓްގެ މެނޭޖަރު އަހްމަދު ޝަފީއު

  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު

މާފުށީގެ ކުނި މެނޭޖުކުރުމުގެ ހިދުމަތާ ސްޓެލްކޯ އިން ހަވާލުވުމަށް އެއްބަސްވުމުގައި ސޮއިކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ތަފްސީލު - މިއީ ސްޓެލްކޯ އިން ރަށެއްގެ ކުނި މެނޭޖު ކުރުމާ ހަވާލުވި ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމުގެ ދަށުން މާފުށީގެ ކުނި މެނޭޖު ކުރުމަށް ސްޓެލްކޯ އިން އެ ރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

އެ ސެންޓަރާ ހަމައަށް ކުނި ގެންދިއުމާއި އެކި ކެޓަގަރީތަކަށް ކުނި ވަކި ކުރުމުގެ މަސައްކަތް ވެސް ކުރާނީ ސްޓެލްކޯއިންނެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މާފުއްޓަކީ މާލެ ސަރަހައްދު ފިޔަވައި އެ ކުންފުނީގެ އެންމެ ބޮޑު ކޮންސިއުމާ ބޭސްއެއް އޮތް ރަށް ކަމަށެވެ.

އެ ރަށަށް ސްޓެލްކޯ އިން ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ ކުންފުނިން ވޭސްޓް މެނޭޖްމަންޓްގެ ޕައިލެޓް ޕްރޮޖެކްޓް ހިންގަން މާފުށި ހިޔާރު ކުރީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

"މާފުށީ ކައުންސިލްގެ ރައީސަށާއި ކައުންސިލްގެ މެމްބަރުންނަށް އަދި މާފުށީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ސްޓެލްކޯ އިން މި ހިދުމަތް [ކުނި މެނޭޖު ކުރުން] ތި ބޭފުޅުން ހިތްހަމަޖެހޭ ލެވެލްއަކަށް ގެނެސްދޭނަމޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ތިބޭފުޅުންނަށް ދިމާވެފައިވާ ކުނީގެ އުނދަގޫ އަދި ކުނީގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ނުރައްކާ، ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނަން."

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސްޓެލްކޯ އިން މުޅިން އަލަށް ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދޭން ފަށާއިރު، ޝަރީފް ވިދާޅުވީ މާފުށީގެ ތަޖުރިބާއަށް ބެލުމަށް ފަހު ކުނި މެނޭޖު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ހިދުމަތް ދޭ އެހެން ރަށްތަކުގައި ވެސް ކުރުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

"މި ޕްރޮޖެކްޓާ ދެން އެންމެ އަވަހަށް އަޅުގަނޑުމެން ގުޅުވާނީ އެ ސަރަހައްދުގައި އެވާ ކ. ގުޅި އާއި ކ. ގުރައިދޫ... އެހެން ނަމަވެސް މާފުށީގެ ތަޖުރިބާގެ އަލީގައި ކުރިމަގުގައި [މިކަން] ރާވާ ވާހަކަ ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.

ކައުންސިލްގެ ބަސް - އެ ރަސްމިއްޔާތުގައި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ އެ ރަށުގައި ކުނި އަޅަން ވަކި ސަރަހައްދެއް ކަނޑައެޅީ 1999ގައި، އޭރު އޮތް ރަށް ކުރިއަރުވާ ކޮމެޓީން ކަމަށެވެ.

އޭރު އެ ތަން ބެލެހެއްޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކަމަށް ވިޔަސް، ސޮލާހު ވިދާޅުވި ގޮތުގައި ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވުމާއި އިތުރު ސަބަބުތަކާ ހުރެ ކުނި އުފެދޭ މިންވަރު އިތުރުވެ، ކުނި މެނޭޖުކުރަން ދަތިތަކާ ކުރިމަތިވި އެވެ.

އެ ދަތިތަކަކީ:

  • ނައްތާލަން އުނދަގޫ ޒާތުގެ ކުނި އިތުރުވުން

  • އާ ޒާތްޒާތުގެ ކުނި އުފެދުން

  • ކުނި މެނޭޖު ކުރާނެ ވަސީލަތްތައް ނެތުން

ކައުންސިލުން ހަވާލުވެ އެމްޓީސީސީއާ ގުޅިގެން ކުނިއަޅާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރި ނަމަވެސް، އޭނާ ވިދާޅުވީ އެ ރަށުގައި އުފެދޭ ކުނީގެ ނިސްބަތުން އެއީ ކައުންސިިލަށް ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށެވެ.

"ގާތްގަނޑަކަށް [ދުވާލަކު] 10 ވަރަކަށް ޓަނުގެ ކުނި އެބަ އުފައްދާ މާފުށީގައި. މިހާ ގިނަ ކުނި މެނޭޖު ކުރުމަކީ ކައުންސިލަށް އެހެން ކަންތައްތައް ކުރަމުން ކުރެވޭވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސޮލާހު ވިދާޅުވީ މާފުށީގައި ރަނގަޅަށް ކުނި މެނޭޖު ނުކުރެވޭތީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވާތާ 10-15 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ.

އެނގުން މުހިންމު - ސްޓެލްކޯގެ ތަރުޖަމާނަކު 'ދައުރު'އަށް ވިދާޅުވީީ މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއަށް ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މުއްދަތުގައި ކުރިއަށްދާނީ ސްޓެލްކޯ އިން ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޅާނެ ބިން ކަނޑައެޅުން ފަދަ، ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

ކައުންސިލުން އެ މަސައްކަތް ކުރިއަށްގެންދާއިރު، އެ ސެންޓަރު އެޅުމަށް ބޭނުންވާ އެންމެ ޒަމާނީ މެޝިނަރީ އާއި އިކުއިޕްމަންޓް ސްޓެލްކޯ އިން އިމްޕޯޓު ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އޭނާ ވިދާޅުވީ ހަމައެކަނި ކުނި ޖަމާކުރުމުގެ ބަދަލުގައި އެ ސެންޓަރުން:

  • އެކި ކެޓަގަރީތަކަށް ކުނި ވަކި ކުރާނެ

  • ކުނި ވަކިކުރުމަށް ފަހު ނައްތާލަން ޖެހޭ ބައި ނައްތާލާނެ

  • ރީސައިކަލް ކުރެވޭ ތަކެތި ރީސައިކަލް ކުރާނެ

  • ބައިޕްރޮޑަކްޓް އުފައްދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް