2018 ވަނަ އަހަރުގެ ލީގުގައި ޓީސީގެ ފައްރާހު (ވ) ކައިރިން ދެމި ގަންނަން ނިއުގެ އަޝްފާގް (ކ) މަސައްކަތްކުރަނީ.

ނިއު ރޭޑިއަންޓުގެ ހަރަކާތްތައް ފަށައިފި، އިންތިހާބު ހުކުރު ދުވަހުގެރޭ

ނިއު އަށް ފުޓްބޯޅައިގައި ވާދަކުރެވޭނީ ދަރަނިތައް ދައްކައިގެން

ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ ފީފާ އާއި އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓުގެ ދަރަނިތައް ދައްކައި އަލުން ފުޓްބޯޅައިގައި ވާދަކުރަން ފެށުމުގެ ގޮތުން ހުކުރު ދުވަހުގެރޭ ބޯޑު އިންތިހާބުކުރުން ބާއްވަން ނިންމައިފި އެވެ.

ނިއުގެ ހަރަކާތްތައް އަލުން ފެށުމުގެ މަސައްކަތް ކްލަބުގެ މުއައްސިސް ކުއީން އަހުމަދު ވަހީދު ވަނީ އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރައްވައިފަ އެވެ. އިންތިހާބު އިންތިޒާމުކުރަނީ އެ ކޮމިޓީން ހަވާލުކުރި އިންތިހާބީ ކޮމިޓީއަކުންނެވެ.

އެނގިފައިވާ ގޮތުގައި އިންތިހާބު މި ބާއްވަނީ، ކޮންމެވެސް ބަޔަކު ކްލަބާ ހަވާލުވާން ބޭނުންވެ އެކަމަށް އެދުމުންނެވެ. އެކަމަކު އެއީ ކޮން ބަޔެއްކަމެއް ނޭނގެ އެވެ. ނިއުގެ ދަރަނިތައް ފަސް މިލިއަން ރުފިޔާ އަށް ވުރެ މަތީގައި އުޅޭތީ، އެ ކްލަބް ސަލާމަތްކުރެވެނީ އޮންނާނީ މާލީ ގޮތުން ގާބިލް ބަޔަކު ހަވާލުވެގެންނެވެ. މީގެ ކުރިން ސަޕޯޓަރުންގެ ގްރޫޕަކުން ހަވާލުވެގެން ވެސް އެ ވަރަށް ފަންޑް ނުލިބިގެން މަސައްކަތް ހުއްޓާލީ އެވެ.

ނިއުގެ އިންތިހާބު އޮންނާނީ ހުކުރު ދުވަހުގެރޭ 9 ޖަހާއިރު ޝީ ބިލްޑަންގަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާރޭ 12 ޖެހުމާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދި ނަން ހުށަހަޅަން ޖެހެނީ ނިއުގެ ފޭސްބުކް ޕޭޖަށެވެ.

ނިއުގެ ސަޕޯޓަރުންތަކެއް ދާދި ފަހުން ރޭޑިއަންޓުގެ ނަމުގައި އާ ކްލަބެއް ހަދައި ކޯޗުންނާއި ކުޅުންތެރިން ހޯދައި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވި އެވެ. އެކަމަކު އެ ކްލަބަށް ހުއްދަ ނުދޭން އޭއެފްސީ ނިންމީ އެވެ. ސަބަބަކީ ކްލަބްތަކުން ދަރަނިން ސަލާމަތްވާން އާ ކްލަބް ހެދިޔަނުދޭން ފީފާ އިން ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު އެ ކްލަބަކީ ނިއުގެ ސްޕޯޓިން ސަކްސެސާކަމުގައި ބެލެވުމެވެ.

އެ ގްރޫޕުން ބުނީ އެ ކްލަބް ހަދަނީ ނިއު ނެތުމުން މާޔޫސްވެފައި ތިބި ސަޕޯޓަރުންނަށް އަލުން ފުޓްބޯޅައިން ހިތްހަޖެހުން ހޯދައިދޭން ކަމަށާއި އެ ކްލަބާ ނިއުއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެކަމަކު އޭއެފްސީގެ ނިންމުމާ ގުޅިގެން އެ ކްލަބްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. 

މާލީ މައްސަލަތަކާ ހެދި ސަސްޕެންޑްކޮށްފައިވާ ނިއުގެ ވާދަވެރި ވިކްޓްރީގެ އިންތިހާބު ވެސް ދާދި ފަހުން ބާއްވައި އާ ބޯޑެއް ނަގައި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ވަނީ ތައްޔާރުވެފަ އެވެ. ވިކްޓްރީއާ ހަވާލުވީ މިހާރުގެ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން އާދަމް އެވެ. އެކަމަކު ވިކްޓްރީން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ އޮތީ ނިއުއާ ބަލާއިރު ނިސްބަތުން ކުޑަ އަދަދެކެވެ. ވިކްޓްރީގެ ދަރަނި މިލިއަނަކަށް ވެސް ނާރަ އެވެ.

ނިއު 2018 ވަނަ އަހަރު މާލީ ފުން ވަޅުގަނޑަކަށް ވެއްޓުނީ، ސިފައިންގޭގެ ކުރީގެ ކާނަލެއް ކަމަށްވާ މުހައްމަދު ޒިޔާދު ހަވާލުވެ ބޮޑު ހަރަދުތަކެއްކޮށް ވަރުގަދަ ޓީމެއް ބިނާކޮށް ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަނިކޮށެވެ. ޒިޔާދުގެ ވިޔަފާރި އަށް މައްސަލަ ދިމާވުމާއި އެ އަހަރުގެ އޭއެފްސީގެ ކަޕުގެ ދެ ވަނަ ބުރަށް ނުދެވުމުން، އަންދާޒާކުރި އާމްދަނީ ނުލިބި އެ ކްލަބަށް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދެވި މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނީ އެވެ.

އޭގެ ސަބަބުން 2019 ވަނަ އަހަރު އެފްއޭއެމުން ނިއު ސަސްޕެންޑްކުރި އެވެ. އެކަމަކު އެ ކްލަބުން އޭރު ތުހުމަތުކުރި ގޮތުގައި ސަސްޕެންޑްކުރީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށެވެ.

މުސާރަ ނުދޭ މައްސަލަތައް ބޭރު ކުޅުންތެރިންނާއި ކޯޗުން ފީފާ އަށް ހުށަހެޅުމުން އެ އިދާރާ އިން ވެސް ފަހުން ނިއު ސަސްޕެންޑްކުރި އެވެ. އެ ފައިސާ ދޭން ފަހުން ދިން މުހުތަލު ހަމަވާއިރު ވެސް ނުދައްކައިފި ނަމަ އިތުރު އަދަބެއް ދީފާނެ އެވެ. އެގޮތުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރުމުގެ ފުރުސަތު އެބައޮތެވެ.

ނިއު އަށް އަލުން ފުޓްބޯޅައިގައި ވާދަކުރެވޭނީ އެ ދަރަނިތައް ދެއްކުމުން ނުވަތަ ދަރަނި ދައްކާނެ ޕްލޭނެއް ހަދައި އެއަށް ފީފާ އާއި އެފްއޭއެމުން ރުހުން ދިނުމުންނެވެ.

ހެންވޭރުގެ އަވަށު ކްލަބެއްގެ ގޮތުގައި 1979 ވަނަ އަހަރު އުފެދުނު ނިއު އަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ. އަދި އެއީ އެންމެ ކާމިޔާބު އެއް ކްލަބެވެ. އެ ކްލަބުން ވަނީ އެފްއޭ ކަޕް ދެ ފަހަރު އަދި ގައުމީ މުބާރާތް އެއް ފަހަރު މިލްކުކޮށްފަ އެވެ. އަދި އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގައި އެއް ފަހަރު އަދި ކުއާޓާ ފައިނަލުގައި އެއް ފަހަރު ވާދަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް