އިބްރާހީމް މުހައްމަދު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބަހުސް ތެރޭގައި

ރަހިމަކީ 'ކެޕިޓަލައިޒް' ކުރަން ޖެހޭ އެއްޗެއް ކަމަށް ބުނުމުން ފާޑުކިއުން

ގުދުރަތީ ގޮތުން ދަރިމައިނުވާ އަންހެނުންގެ ގަދަރަށް، އިބްރާހިމް މުހައްމަދުގެ ވާހަކައިން އުނިކަން ލިބޭ ކަމަށް، ބައެއް މީހުން ބުނޭ
17 އޭޕްރީލު 2022

އަންހެނާގެ ރަހިމަކީ 'ކެޕިޓަލައިޒް' ކުރަން ޖެހޭ އެއްޗެއް ކަމަށާއި ހަރުދަނާ ފިރިހެނުން ކައިވެނިކުރާއިރު ބަލާނީ 'ދަރިމައިވާ' ރަހިމެއް ހުރިތޯ ކަމަށް، ދީނީ ކަންކަމުގައި އުޅެމުން އަންނަ އިބްރާހީމް މުހައްމަދު ބުނުމުން އޭނާއަށް އާންމުންގެ ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

ވީ ކިހިނެއް؟- ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެ، އާއްމުންގެ ސަމާލުކަމަށް އައިސްފައި މިވަނީ މިދިޔަ ހޯމަ ދުވަހު 'ވިމެން ހެލްތު' ނުވަތަ އަންހެނުންގެ ސިއްހަތު ޖެހުމަށް ފަހު އިބްރާހިމް މުހައްމަދު ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯއެކެވެ.

ބުނީ ކީކޭ؟- އަންހެނުންނަށް ދޭން ބޭނުންވާ މެސެޖެއް ކަމަށް ބުނެ ވީޑިއޯ ފަށަމުން އޭނާ ބުނަނީ އަންހެނާގެ އެންމެ އަގުބޮޑު 'ހަރުމުދަލަކީ' އޭނާގެ ރަހިމު ކަމަށެވެ. އަދި ރަހިމުގެ ސިއްހަތު ރަނގަޅަށް އޮންނަނީ ދިހަ ވަރަކަށް އަހަރު ކަމަށާއި، އޭގެ ފަހުން އަންހެން މީހާގެ ހަށިގަނޑު ބަދަލުވާން ފަށާ ކަމަށް އޭނާ ބުންޏެވެ.

ރަހިމު 'ކެޕިޓަލައިޒް' ކުރަން ޖެހޭ ކަމަށް އޭނާ ބުނީ އަންހެނުން ބޭނުން މަސައްކަތެއް ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ރަހިމުގެ ސިއްހަތު އެންމެ ރަނގަޅު ދުވަސްވަރު ދަރިން ހޯދަން ޖެހޭ ކަމަށް އިޝާރަތްކޮށެވެ.

އިބްރާހިމް މުހައްމަދު ބުނި ގޮތުގައި ހަރުދަނާ ފިރިހެނުން ކައިވެނިކުރާއިރު، އަންހެން މީހާގެ ވަޒީފާއަށާއި ސެޓްފިކެޓަށް ނުބަލާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން ބަލާނީ އެ އަންހެން މީހާގެ ދަރިމައިވާ ރަހިމެއް އޮތްތޯ ކަމަށް ބުންޏެވެ.

"މި ދަންނަވަނީ އާއިލާއެއް ބިނާކުރުމާ ބެހޭ ގޮތުން. ހަރުދަނާ ފިރިން ބަލަނީ އަންހެނާގެ ސެޓްފިކެޓަކަށް ނުވަތަ ވަޒީފާގެ ޓައިޓަލްއަކަށް ނޫން. ސިއްހަތު ރަނގަޅު، ރަނގަޅު ރަހިމަކަށް، ދަރިމައިވާ ރަހިމަކަށް،" އޭނާ ބުންޏެވެ.

އެ ވާހަކަތަކަށް ފާޑުކިއުން

'ވިމެން ހެލްތު'، 'ވިމެން އެމްޕަވާމެންޓް'، 'ލައިފްލައިން' އަދި 'ނިއު އައިޑިއާސް' ޓެގްކޮށް ޓިކްޓޮކަށް ދޫކޮށްލި މި ވީޑިއޯގެ ކޮމެންޓްތަކުގައި އިބްރާހިމް މުހައްމަދަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ހުއްޓެވެ. ބައެއް މީހުން ބުނި ގޮތުގައި މިއީ އަންހެނެއްގެ ހަށިގަނޑާއި ސިއްހަތާ ގުޅިގެން އެއްވެސް ވަރަކަށް ދިރާސާނުކޮށް ދެއްކި ވާހަކަތަކެކެވެ.

އެ ވީޑިއޯ ޓުވިޓާގައި ވެސް ވައިރަލްވެ، އާއްމުންގެ ފާޑުކިއުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

އެކަކު ބުނި ގޮތުގައި އިބްރާހިމް މުހައްމަދުގެ ވާހަކައިން ދޭހަވަނީ ގުދުރަތީ ގޮތުން ދަރިމައިނުވެވޭ މީހުންނަށް ކައިވެނިނުކުރެވޭނެ ކަމެވެ. އެއީ އެފަދަ އަންހެނުންނަށް ރައްދުވާ ގޮތަށް ދެއްކެވި އަދި ވަރަށް ގަދަރު ކުޑަ ވާހަކައެއް ކަމަށް ވެސް އެކަކު ބުންޏެވެ.

އެއް ބަޔަކު ބުނީ އަންހެނެއްގެ އަގު ކަނޑައަޅަނީ ދުޅަހެޔޮ ރަހިމަކުންނެއް ނޫން ކަމަށެވެ. އަދި ދަރިމައިނުވެވޭ މީހުންން ރައްދުވާ ގޮތަށް އެފަދަ ވާހަކަދެއްކުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފަސް މަންޒަރު- އަންހެނުންގެ 'ވެލިއު' އާއި ދަރިމައިވުމާ ގުޅުވުމަކީ ވަރަށް ކުރީއްސުރެ އޮންނަ ވިސްނުމެކެވެ. ދަރިމައިނުވެވޭ އަންހެނުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް، އެއީ އެއްވެސް އަގެއް ނެތް ބައެއް ކަމަށް ދައްކަން މަސައްކަތް ކުރާ އެތައް ބަޔަކު މިހާރު ވެސް އުޅެ އެވެ. އެމީހުން ދެކޭ ގޮތުގައި އަންހެނުންގެ ހަމައެކަނި ވާޖިބަކީ ދަރިން ވިހެއުމާއި ދަރިން ތަރުބިއްޔަތު ކުރުމެވެ.

އަންހެނުންނަށް ވަކި ކަހަލަ ވަޒީފާތަކެއް އަދާނުކުރެވޭނެ ކަމަށް ދެކި، އެއީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެއްގެ ގޮތުގައި ވެސް، ދީނީ ހަރުކަށި ފިކުރުގެ ބައެއް މީހުން ސިފަކުރެ އެވެ. އެއީ މިންތީގެ ހަމަހަމަކަން ގާއިމުކުރަން ކުރާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.   

އިތުރު އާޓިކަލް

އިތުރު އާޓިކަލް