ޖެނުއަރީ 28، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

މިއަށް ވުރެ ފަސޭހައިން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނަން: ރައީސް ސޯލިހު

28 ޖެނުއަރީ 2023

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ކާމިޔާބު ހޯއްދެވި ގޮތަށް، އެއަށް ވުރެ ފަސޭހައިން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު- މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު މިއަދު ނިމުނު އިރު، އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވައިގެން ރައީސް ސޯލިހު ވަނީ އެ އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެގޮތުން މިހާތަނަށް ގުނި ވޯޓުފޮށިތަކަށް ބަލާ އިރު، 15،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނު ވަނީ ހޯއްދަވައިފަ އެވެ.

ވީ ކިހިނެއް؟- ޕްރައިމަރީއިން ލިބިވަޑައިގެންނެވި ކާމިޔާބީއަށް ފަހު ރައީސް ސޯލިހު ވަނީ އެ ޕާޓީގެ ދަނޑިކޮށި ޖަގަހައަށް މިރޭ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެއަށް ފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ވެސް އެމަނިކުފާނު ޖަވާބުދެއްވި އެވެ.

ބުނީ ކީކޭ؟- ރައީސް ވިދާޅުވީ ޕްރައިމަރީއަށް ވުރެ ފަސޭހައިން، އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެންމެންނަށް މިއަށް ވުރެ މާ ފަސޭހައިން ރިޔާސީ އިންތިހާބަށް ކެމްޕެއިންކޮށް، [އިންތިހާބު] ނެގޭނެ ކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާނީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ނަޝީދާ އެކުތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ "މުޅި ޕާޓީއާ އެކު" ކަމަށެވެ.  އަދި "ހުރިހާ ބޭފުޅުންނަށް" ވެސް ކެމްޕެއިނަށް ދައުވަތު ދެއްވާނެ ކަމަށެވެ.

"އާދެ އާދެ އަޅުގަނޑު ދާނީ ޕާޓީއާ އެކީގައި. ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިންވައިޓް ކުރާނަން." ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އެމްޑީޕީގެ ވާދަވެރި މި އިންތިހާބު ނިމުނީ، ހިޔާލު ތަފާތުވުމާއި ހަމަނުޖެހުންތަކާ އެކު އެވެ. ބައެއް ރަށްތަކުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ފަޅާލައި ވޯޓުތައް އުކާލި އެވެ. އަދިި ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނަ މީހުން ބައެއް ފޮށިތަކަށް ވޯޓުލީ ކަމުގެ ޝަކުވާ ވެސް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް