ނިއު ޔޯކް ސިޓީ އާއި އެ ތަނާ ޖެހިގެން އޮންނަ ހަތަރު ކައުންޓީއެއްގެ ނަޖިސް ފެން ޓެސްޓު ކުރިއިރު ޕޯލިއޯއަށް ޕޮސިޓިވް ވެފައިވޭ. (ފޮޓޯ/ ގެޓީ އިމޭޖެސް)

އެމެރިކާ

ޕޯލިއޯ ފެތުރިދާނެތީ ނިއު ޔޯކުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

ޕޯލިއޯ ބަލި ޖެހިފައިވާކަން ޔަގީން ކުރެވިފައި ވަނީ އެންމެ މީހެއްގެ ނަމަވެސް އިތުރު އެތައް ސަތޭކަ ބަޔަކަށް މިބަލި ޖެހިފައި ވުމުގެ ފުރުސަތު އެބަ އޮތްކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައި
10 ސެޕްޓެމްބަރު 2022

ޕޯލިއޯ ފެތުރެމުންދާ ކަމުގެ ހެކިތައް ފެނުމާ ގުޅިގެން އެމެރިކާގެ ނިއު ޔޯކްގެ ގަވަރުނަރު އެ ސްޓޭޓުގައި ސިއްހީ ކުއްލި ހާލަތު އިއްޔެ އިއުލާނުކޮށްފި އެވެ.

ނިއުޔޯކް ސްޓޭޓްގެ ނިއު ޔޯކް ސިޓީ އާއި އެ ތަނާ ޖެހިގެން އޮންނަ ހަތަރު ކައުންޓީއެއްގެ ނަޖިސް ފެން ޓެސްޓު ކުރިއިރު  ޕޯލިއޯއަށް ޕޮސިޓިވް ވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ޕޯލިއޯ ހުރި ކަމަށް ޔަގީން ކުރެވިފައި ވަނީ އެންމެ މީހެއްގެ ގައިންނެވެ. އަދި މިއީ ފާއިތުވެދިއަ 10 އަހަރެއްހާ ދުވަހު އެމެރިކާގައި ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.

މީގެ 67 އަހަރު ކުރިން 1955 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ފެށި ވެކްސިން ޕްރޮގްރާމްތަކާ އެކު ޕޯލިއޯ ވަނީ އެއްކޮށް ކަހަލަ ގޮތަކަށް އެ ގައުމުން ނައްތާލާފަ އެވެ. އޭގެ 24 އަހަރު ފަހުން 1979ގައި ޕޯލިއޯ އެކީ ނައްތާލެވިފައިވާ ކަމަށް އެމެރިކާ އިން އިއުލާނުކޮށްފައިވެ އެވެ.

ނަމަވެސް، ނިއު ޔޯކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޕޯލިއޯ ބައްޔަށް ވެކްސިން ޖަހާ ރޭޓު ވަނީ އެ ސްޓޭޓުގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑުތަން ދަށްވެފަ އެވެ. އަދި ހުކުރު ދުވަހު އިއުލާނުކޮށްފައިވާ މި އެެމެޖެންސީގެ ބޭނުމަކީ ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުކުރުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ޕޯލިއޯއަށް ފަރުވާއެއް ނެތް ނަމަވެސް ވެކްސިން މެދުވެރިކޮށް އެ ބަލި ޖެހުން ހުއްޓުވިދާނެ އެވެ. ގިނައިން ކުޑަކުދިންނަށް ޖެހޭ މި ބަލީގައި ހަށިގަނޑުގެ މަސްތައް ބަލިކަށިވެ، ވާގިނެތެން ދިމާވެ އަދި ސީރިއަސްވާ ފަހަރުތަކުގައި ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިވެ، ބަލިމީހާ މަރުވުން ވެސް އެކަށީގެންވެ އެވެ.

ނިއު ޔޯކް ސްޓޭޓުގެ ސިއްހީ ވުޒާރާ އިން ބުނި ގޮތުގައި އެ އިދާރާގެ އަމާޒަކީ ޕޯލިއޯއަށް ވެކްސިން ހޯދާފައިވާ މީހުންގެ ނިސްބަތް މިހާރު ހުރި %79 އިން %90 އިން މައްޗަށް އެރުވުމެވެ.

"ޕޯލިއޯއާ ބެހޭ ގޮތުން ޑައިސްއެއް ނުކުޅެވޭނެ،" ސިއްހަތާ ބެހޭ ކޮމިޝަނަރު ޑރ. މޭރީ ބެސެޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"ތިމާ އާއި ތިމާގެ ދަރިފުޅު ވެކްސިން ހޯދާފައި ނުވާ ނަމަ ނުވަތަ ވެކްސިންތައް އާކޮށްފައި ނުވާ ނަމަ، ވާގިނެތޭ ބައްޔާ ކުރިމަތިލާން ޖެހުމުގެ ބިރަކީ ހަގީގަތެއް. އަދި ވާގި ނެތޭ ޕޯލިއޯ ޖެހިފައިވާ ކަމަށް ފެނިފައިވާ ކޮންމެ ބަލި މީހަކަށް، އިތުރު އެތައް ސަތޭކަ މީހުންނަކަށް އެ ބަލި ޖެހިފައި ހުރުމުގެ ފުރުސަތު އެބަ އޮތް."

ނިއުޔޯކުން ޕޯލިއޯ ވައިރަސް ފެނުމާ ގުޅޭ. (ވީޑިއޯ/ ދަ ނެޝަނަލް)

ނިއު ޔޯކުގެ އޮފިޝަލުން އެ ސްޓޭޓުގެ ނަޖިސް ފެނުގައި ޕޯލިއޯގެ އަސަރު ހުރިތޯ ބަލަން ފަށާފައި ވަނީ ރޮކްލެންޑް ކައުންޓީގައި ދިރިއުޅޭ ފިރިހެނަކަށް މި ބަލި ޖެހިފައި ވާކަން މިދިއަ ޖުލައި މަހު އެނގިގެން ދިއުމާ ގުޅިގެންނެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ޕޯލިއޯ ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ނިއު ޔޯކު ސްޓޭޓުގެ ގަވަރުނަރު އިއުލާނު ކުރައްވާފައިވާ އެމެޖެންސީއާ ގުޅިގެން މި ބައްޔާ ގުޅިގެން އަޅަން ޖެހޭ އިތުރު އަވަސް ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ ބާރު ލިބިގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް