އަނެއްކާވެސް ޒުވާނެއްގެ ކުއްލި މަރެއް؛ ޑިއުޓީގައި ހުރި ޖަލު އޮފިސަރެއް

އުމުރުން 32 އަހަރުގައި ކުއްލި ގޮތަކަށް ނައުޝާދު މަރުވިއިރު އޭނާ ވަނީ 8 އަހަރަށް ވުރެ ގިނަ ދުވަހު ކަރެކްޝަންސްގައި ވަޒީފާ އަދާކޮށްފައި
30 ސެޕްޓެމްބަރު 2022
2

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ ޖަލު ބަލަހައްޓާ 32 އަހަރުގެ ޒުވާން އޮފިސަރަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ވީ ކިހިނެއް - ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވި ގޮތުގައި ޕްރިޒަން ޕްރައިވެޓްގެ ވަޒީފާގައި ހުރި އާދަމް ނައުޝާދު ރޭ މާފުށީ ޖަލުގައި ޑިއުޓީ ކުރަން ހުއްޓައި ސިއްހީ މައްސަލައެއް އޭނާއަށް ކުރިމަތިވި ކަމަށެވެ.

ބުނީ ކީކޭ؟ - "މާފުށީ ޖަލުގައި މިރޭ ޑިއުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި،" ކޮމިޝަނަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ޓްވީޓް

އެހެން ނަމަވެސް، 32 އަހަރުގެ ނައުޝާދަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަން ކޮމިޝަނަރު ހާމައެއް ނުކުރެ އެވެ.

ތަފްސީލު - މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތާ ނައުޝާދު ގުޅުނީ 3 ފެބްރުއަރީ 2014 ގަ އެވެ.

ކަރެކްޝަނުން ބުނި ގޮތުގައި ނައުޝާދު، ކަރެކްޝަންސްގެ ވަޒީފާގައި ހޭދަކުރި އަށް އަހަރާއި ހަތް މަހާއި 26 ދުވަހުގެ ތެރޭގައި މާފުށީ ޖަލުގެ އެކިއެކި ޔުނިޓުތަކުގައި ވަރަށް އިހުލާސްތެރިކަމާ އެކު ވަނީ ހިދުމަތްކޮށްފަ އެވެ.

ގުޅުން ހުރި ކަމެއް - މިފަހަކަށް އައިސް ކުއްލި ގޮތަކަށް ޒުވާނުން މަރުވަމުން ދާވަރު އިތުރުވެފައިވާ ވާތީ އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އެ ސަބަބުތައް ދެނެގަންނަން ދިރާސާއެއް ހަދަން ގޮވާލާފައިވެ އެވެ.

ކޮމެންޓް (2)

މީ އަހަރެން

1 އޮކްޓޯބަރު 2022
ތިޔައީ ކޮންމެ ދުވަހަކު ކަސްރަތު ނުކުރާތީ ދިމާވާ ކަންކަން، ކިތަންމެ ކައިރި ތަނަކައް ދާންވިޔަސް މި ދެވެނީ އަބަދުވެސް ސައިކަލެއްގަ އެހެންނޫނީ ކޮންމެވެސް އެހެން އުޅަނދެއްގަ. ކަސްރަތަކީ ހަށިގަނޑުގައި ލޭ ބުލޮކް ނުވެ ދައުރު ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް.
2 1

ޑޮކްޓަރ

30 ސެޕްޓެމްބަރު 2022
ކުއްލި މަރު ގިނައިން ދިމާވާ އެއް ސަބަބަކީ ހިތުގެ ބައްޔެއް ކަމަށްވާ ހައިޕަރ ޓްރޮފިކް ކާޑިއޯމަޔޯޕަތީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް