ދާންޔާގެ ކުޅަދާނަކަން 'ކުލަ ދާނަ' އިން
އާޓިސްޓު ނޫރު ދާންޔާ ޝައްމޫން (ދާން)ގެ ފަންނުވެރި ހުނަރު ފުރަތަމަ ފެނިގެންދިޔައީ ކޮވިޑް-19ގެ ތެރޭގައި އޭނާ އުފެއްދި ގަހަނާއިންނެވެ. މިހާރު އޭނާ ގެންދަނީ އެ ހުނަރުވެރިކަން މައުރަޒެއްގައި ދައްކާލަމުންނެވެ.
އާޓް ގެލެރީ މާލެގައި ބުދަ ދުވަހުގެ ރޭ ހުޅުވި 'ކުލަ ދާނަ' މައުރަޒުގައި، ދާންޔާގެ ތިރީހަކަށް ކުރެހުމާއި ގަހަނާ އަދި އެކި ވައްތަރުގެ އާޓްވޯކްސް ބައިވެރިކޮށްފައިވެ އެވެ. ކޮވިޑްގެ ބަންދު ތެރޭ ފަރުމާ ކުރި ގަހަނާތަކުގައި އޭނާ ގެންގުޅުނު ތަފާތު އަދި ކުލަގަދަ ކޮންސެޕްޓު މި މައުރަޒުގައިވާ ކުރެހުންތަކުން ވެސް ފެނެ އެވެ.
ސިންގަޕޫރުގެ ލަސާލް ކޮލެޖް އޮފް އާޓްސް އިން އިންޓީރިއާ ޑިޒައިން ކިޔެވުމަށް ފަހު ދާންޔާ މިހާރު މަސައްކަތް ކުރަނީ އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގަ އެވެ.
ދާންޔާ ބުނިގޮތުގައި މި މައުރަޒުން ފެންނަ އާޓްވޯކްތައް އިންސްޕަޔާވީ އެކި ކަންތައްތަކުންނެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި މާލޭގެ ހަލަބޮލިކަން އޭނާ ވަނީ އެކި މީޑިއަމް އަދި ޓެކްނީކު ބޭނުން ކޮށްގެން ދައްކައިދީފަ އެވެ.
ދާންޔާގެ ގިނަ އާޓްވޯކްތައް ތައްޔާރު ކޮށްފައިވަނީ ރީސައިކަލްކުރި މެޓީރިއަލް ބޭނުން ކޮށްގެނެވެ. އެގޮތުން ޕްލާސްޓިކް، ނޫސް ކަރުދާސް އަދި ބޯ ކަރުދާސް ބޭނުން ކޮށްފައިވެ އެވެ. އޭނާ ބުނިގޮތުގައި މި މެޓީރިއަލްތައް ބޭނުން ކުރުމުގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓަށް ސަމާލުވެ ރައްކާތެރި އުސޫލުތަކެއް ގެންގުޅެން އާއްމުން ހޭލުންތެރި ކުރުމެވެ.
ދާންޔާގެ ފުރަތަމަ ސޯލޯ އެގްޒިބިޝަން އާޓް ގެލެރީ މާލެގައި މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މައުރަޒުގައިވާ ގިނަ ކުރެހުންތަކަކީ އާއްމުންނަށް ގަނެވޭ ގޮތަށް ބައިވެރިކޮށްފައިވާ މަސައްކަތްތަކެކެވެ.
ގެލެރީ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު މެންދުރުފަހު 3 އިން ހަވީރު 6 އަށް އަދި ރޭގަނޑު 7 އިން 10 އަށެވެ.