މާޒިޔާގެ ހަމްޒާ އާއި ސްޓެވާޓް އުފާފާޅުކުރަނީ: މާޒިޔާގެ މޮޅުގައި ދެ ކުޅުންތެރިންގެ ހިއްސާ ބޮޑު. (ފޮޓޯ/މާޒިޔާ)

ސްޓެވާޓްގެ ހެޓްރިކެއް، މާޒިޔާ އަލުން އެއް ވަނަ އަށް

މާޒިޔާ އަށް އެއް ވަނަ ގެއްލުނީ އީގަލްސް ރޭ މޮޅުވުމުން

ކޮނޭލިއަސް ސްޓެވާޓްގެ ހެޓްރިކާ އެކު ޔުނައިޓެޑް ވިކްޓްރީ އަތުން 7-1 ގެ ބޮޑު ތަފާތަކުން މޮޅުވެ މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމް އަލުން ހޯދައިފި އެވެ.

މާޒިޔާ އަށް އެއް ވަނަ ވަގުތީ ގޮތުން ގެއްލުނީ ރޭ ގްރީންސްޓްރީޓްސް އަތުން އީގަލްސް 3-2 އިން މޮޅުވެ އެ ޓީމު އެއް ވަނަ އަށް އެރުމުންނެވެ.

މާޒިޔާ މިހާރު އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް ދެ ވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 11 މެޗުން 14 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ އެވެ.

މިއަދުގެ މެޗުގެ ދެ ވަނަ މިނެޓުގައި ސްޓެވާޓް ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމުން ދެ ވަނަ ގޯލް ޖެހި އެވެ. މި ގޯލް ޖެހީ ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޓެވާޓްގެ އިތުރު ގޯލަކާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ގޯލަކުން މާޒިޔާ އިން ލީޑު ފުޅާކުރި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު، 49 ވަނަ މިނެޓުގައި މާޒިޔާގެ ފަސް ވަނަ ގޯލް ޖެހީ ޕެޑްރޯ ޑޮމިންގުއޭޒް އެވެ.

އޭގެ ތިން މިނެޓު ފަހުން އިވާން ވެރަސް ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ގޯލެއް ޖަހައިދީފަ އެވެ.

ދެން ފެނިގެން ދިޔައީ މާޒިޔާގެ ޑިފެންޑަރު އަކްރަމް އަބްދުލްގަނީގެ ގޯލެކެވެ. އަދި 63 ވަނަ މިނެޓު ފަހުން ކޮނޭލިއަސް ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް