ލަންކާގައި ބަޔަކު ކައްކާ ގޭސް ހޯދަން ކިއޫގައި. (ފޮޓޯ/އޭއެފްޕީ)

ސްރީ ލަންކާ

ބަނގުރޫޓުވެފައިވާ ގައުމެއްގައި ހިތްދަތި ދިރިއުޅުމެއް

11 ޖުލައި 2022
2

ނޯޓް: މިއީ ކޮލަމްބޯގައި ދިރިއުޅުއްވާ ތަޖުރިބާކާރު ލިޔުންތެރިޔާ އަދި ނޫސްވެރިޔާ އެންޑްރޫ ފިޑެލް ފެނާންޑޯ ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ރިޕޯޓެކެވެ.

ސްރީ ލަންކާގައި، ނިދިން ހޭލުމުގެ ކުރިން ވެސް ތިބެން ޖެހެނީ ވަރުބަލިވެފަ އެވެ.

ގަދަ ނިދީގައި ތިއްބައި ރޭގަނޑު ގެއިން ކަރަންޓު ކަނޑައިގެން ގޮސް، ފަންކާތައް ހުއްޓުމަކަށް އައުމާ އެކު އެވާ ހޫނާ އެކު އެތައް ގަޑިއިރެއްގެ ނިދި ގެއްލިގެންދެ އެވެ. މުޅި ގައުމު ބަނގުރޫޓުވެ، ތެލަށް ޖެހި، ދުވާލެއްގެ އެތައް ގަޑިއިރަކަށް ދެމިގެންދާ އަނދިރިކަމުގެ މައްޗަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބަރޯސާވާން ޖެހިފައި ވާއިރު، މި ހަލަބޮލިކަމުގެ ތެރޭގައި ހޭލަމޭލަވެ، މުޅި އާއިލާ ވަނީ ބިކަވެފަ އެވެ.

ނިދިން މަހުރޫމް ވެފައި ތިބޭ ހާލު ދުވާލުގެ ވަގުތުތައް ހޭދަކުރަން ޖެހެނީ މަސައްކަތުގަ އެވެ. ޒަރޫރީ ބޭނުންތައް ފުއްދުމުގަ އެވެ. މިދިޔަ މަހު ލިބުނު އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުގައި އެންމެ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ގަތުމުގަ އެވެ.

މި ހުރިހާ ކަމެއް އެ ފަށަނީ މިދިޔަ ހަފްތާގެ ތެރޭގައި ފެށި ވަރަށް ވުރެ ބަރު ހިތަކައިގެންނެވެ.

ހެނދުނުގެ ނާސްތާއަށް ފަހު -- ކުރިން ކޭ ވަރަށް ވުރެ މަދުން ނުވަތަ ފަހަރެއްގައި އެއްވެސް އެއްޗެއް ނުކައި ތިބެ -- ދެން ފެށެނީ ވަޒީފާއަށް ނުވަތަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރަން ޖެހޭ ދަތުރުތައް ކުރެވޭނެ ގޮތެއް ހޯދުމުގެ ހަނގުރާމަ އެވެ.

ސިޓީތަކުގައި، ގެތަކާއި ތަންތަނުގެ ވަށައިގެން އެތައް މޭލަކަށް ދަމާލާފައި ވަނީ ތެޔޮ ހޯދަން ކިއޫގައި ތިބޭ މީހުންނާއި އެ މީހުންގެ އުޅަނދުތަކެވެ. ދުވަހެއް ދުވަހަކަށް އެ ކިއޫތައް ދިގުވެ، ފުޅާވަމުން ގޮސް، މަގުތައް ފުރާލަމުން ދާއިރު، އެތައް ބައެއްގެ ދިރިއުޅުން އެ ދަނީ އެ ހާލަތުގެ ދަށުވެ، ފުނޑުފުނޑުވަމުންނެވެ.

ލަންކާގައި މީހަކު ކައްކާ ގޭސް ހޯދަން ކިއޫއަށް ދަނީ. (ފޮޓޯ/އޭއެފްޕީ)

އަށް ލީޓަރުގެ ޓޭންކުތައް ހުންނަ ޓުކް-ޓުކް ޑްރައިވަރުންނަށް މަޖުބޫރު ވަނީ، އަލުން ދަތުރު ނަގަން ފެށުމުގެ ކުރިން، ދެ ދުވަސް ވަންދެން ކިއޫގައި ތިބުމަށެވެ. އެ ލިބޭ ކުޑަ ޕެޓްރޯލްކޮޅު އަޅައިގެން ލިބޭ މަދު ދަތުރުތައް ނެގުމަށް ފަހު ކިއޫގައި އަލުން ބައިވެރިވުމަށް މަޖުބޫރުވެ އެވެ. ނިދާނެ ބާލީހާއި އެއްޗެހި ބަދަލުކުރަން ފޭރާން އަދި ކަރުހިއްކުން ފިލުވާލުމަށް ފެން ފަދަ ތަކެތި ހިފައިގެން، މި އިމްތިހާނުގެ ތެރެއިން އަލިމަގެއް ފެނޭތޯ އެވެ.

ކިއޫތައް ފެށުނު ދުވަސްކޮޅު، މެދު ފަންތީގެ މީހުންނާއި މަތީ ފަންތީގެ މީހުން އެ މީހުންގެ އަވަށްތަކުގައި ކިއޫގައި ތިބި މީހުން ކާނެ ޕެކެޓާއި ބޯނެ ދަޅުފުޅި ފަދަ ތަކެތި ގެނެސްދިނެވެ. އެކަމަކު ފަހަކަށް އައިސް، ކާބޯތަކެއްޗާއި ކައްކާ ގޭހާއި ފޭރާމާއި ދަތުރުފަތުރު އަދި ލިބޭ މަދު ކަރަންޓްގެ އަގު ވެސް އަތް ނުފޯރާ ފަށަށް ދާން ފެށުމާ އެކު، ކުރިން އަތްމަތި ތަނަވަސް އެ މީހުންގެ މުށް ވެސް ވަނީ ބާރުވާން ފަށާފަ އެވެ.

މަސައްކަތްތެރި އަވަށްތަކުގައި، އެންމެ އާދައިގެ ކެއުންތައް ކަމަށްވާ ބަތާއި ގަބުޅި ސަމްބޯލް ތައްޔާރުކުރުމަށް އާއިލާތަކުން ދަރު އުދުންތަކުގެ ވަށައިގެން ތިބެން ފަށައިފި އެވެ.

މުޅި ދެކުނު އޭޝިއާގައި ވެސް ކެއިންބުއިމުގެ އެންމެ މުހިންމު އެއް ބާވަތް ކަމަށްވާ މުގު ވެސް ލަންކާގައި މިހާރު ވަނީ ލަގްޒަރީ އެއްޗަކަށް ވެފަ އެވެ. އެއްގަމު މަހަށް އިންސާފުކުރުމުގެ މަތިން ހަނދާން ނައްތާލަން ވަނީ ޖެހިފަ އެވެ. ކުރިން ލިބުނު ވަރަށް ވުރެ ތިން ގުނަ އަގު އުފުލިފައި ވާތީ އެވެ.

ލަންކާގައި އޮޓޯ ދުއްވާ ބަޔަކު ކައްކާ ތެޔޮ ހޯދަން ކިއޫގައި. (ފޮޓޯ/ރޮއިޓާސް)

ތާޒާ ކަނޑުމަހަކީ އެއް އިރެއްގައި ގިނަ އަދަދަކަށް އަދި އަތްފޯރާ ފަށުގައި ލިބެން ހުރި އެއްޗެކެވެ. މިހާރު ޑީސަލް ނުލިބޭތީ މަސް ދޯނިފަހަރަށް ކަނޑުމައްޗަކަށް ނުނިކުމެވެ އެވެ. ކަނޑުމައްޗަށް ނުކުމެ އުޅޭ މަސްވެރިން، އެ މީހުން ބާނާ މަސް މިހާރު ވިއްކަނީ ގިނަ އާންމުންނަށް އަތްނުފޯރާ ފަށުގައި، ބޮޑު އަގުގައި ހޮޓާތަކާއި ރެސްޓޯރަންޓްތަކަށެވެ.

ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީންގެ ކުޑަ މިންވަރެއް ވެސް ނުހިމެނޭ ތަކެތި ކައިގެން ފަރުޖައްސާލަން ލަންކާގެ ކުޑަކުދިންނަށް ވަނީ މަޖުބޫރުވެފަ އެވެ. މިއީ އިގްތިސާދީ ކަންކަމުން ފެށިގެން ގޮސް ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކާ ހިސާބަށް ވެސް އަސަރު ފޯރުވާ ކާރިސާ އެކެވެ.

އެ ކުދިންގެ ސިކުނޑި އާއި ގުނަވަންތަކާއި މަސްތައް އަދި ކަށިތަކަށް ބޭނުންވާ މާއްދާތައް ލިބޭނެ ހެއްޔެވެ؟ އާންމުކޮށް ލަންކާއަށް އެތެރެކުރާ ހިކި ކިރު ޕެކެޓު ފިހާރަތަކުން ނުފެންނަތާ އެތައް މަހެއް ވަނީ ވެފަ އެވެ.

އދ. އިން މިހާރު ދަނީ ބަނޑުހައިހޫނުކަމާއި އިންސާނީ ކާރިސާއެއްގެ އިންޒާރު ދެމުންނެވެ. ލަންކާގެ ގިނަ ބަޔަކަށް އެ ކާރިސާ މީގެ އެތައް މަހެއް ކުރިން ފެށިއްޖެ އެވެ.

އެންމެން ކަހަލަ ގޮތަކަށް މިހާރު ދަތުރު ކުރަން ޖެހެނީ ބަހާއި ރޭލުގަ އެވެ. ރޭލަށް އަރަން ފައި އަޅާ ތަނުގައި ފުރާނަ އަތްމައްޗަށް ލައިގެން މަތީ ދަގަނޑުގައި ޒުވާނުން އެލިގަނެގެން ތިބޭއިރު، ފުރިބާރުވެފައިވާ ރޭލުގެ ތެރޭގައި ނޭވާލާން ވެސް އުނދަގުލެވެ. އެހާ ވެސް މީހުން ގިނަ އެވެ.

އެތައް ޒަމާނެއް ވަންދެން ލަންކާގެ އާންމު ދަތުރުފަތުރަށް އެކަށީގެންވާ ގޮތެއްގައި އިންވެސްޓް ނުކޮށް ފެއިލްވެފައި ވާއިރު، ލަންކާގެ މުއްސަނދި ރައްޔިތުން އަދިވެސް ދަނީ ބަސް އަދި ޓުކް-ޓުކް ޑްރައިވަރުންގެ ނުކިޔަމަންތެރިކަމުގެ ޝަކުވާ ކުރަމުންނެވެ.

ލަންކާގައި މިހާރު އާންމު ގަބޫލުކުރުމަކަށް ވަމުން އަންނަ ކަމެއް އެބައޮތެވެ؛ އެއީ ސިޔާސީ ވެރިންނާއި އަތްމަތި ތަނަވަސް މީހުން "އާދައިގެ" ރައްޔިތުންނަކީ ދަށު ދަރަޖައިގެ ބައެއް ކަމަށް ދެކި، އެ މީހުންނާ މެދު ނަފްރަތުގެ ނަޒަރަކުން ބެލި ބެލުމަކީ ގައުމު ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނު މައިގަނޑު އެއް ސަބަބު ކަމެވެ. ނަމަވެސް، އިގްތިސާދު ހީނަރުވުމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވަނީ ވެސް ދަށް އަދި މެދު ފަންތީގެ މީހުންނަށެވެ.

ލަންކާގައި ބަޔަކު ތޮއްޖެހިފައިވާ ރޭލެއްގައި ދަތުރުކުރަނީ. (ފޮޓޯ/ރޮއިޓާސް)

ކުރިން ދިން ހުރިހާ ހިދުމަތެއް އެ ފެންވަރުގައި ނުދެވުނަސް، އަމިއްލަ ހޮސްޕިޓަލްތައް އަދިވެސް ހިނގަމުން ދެ އެވެ. އުތުރު މެދުތެރޭ އަނޫރާދަޕޫރާގައި ހަރުފައެއް ދަތް އެޅުމުން އޭގެ ވިހައިގެ ޝިކާރައަކަށްވި އުމުރުން 16 އަހަރުގެ ކުއްޖާ މަރުވީ، ވިހައަށް ދޭ ބޭސް ހޯދަން އޭނާގެ ބައްޕަ އެއް ފާމަސީން ފާމަސީއަށް ދުވަނިކޮށެވެ. އެ ސަހަރުގައި ހުރި ސަރުކާރު ހޮސްޕިޓަލުން އެ ބޭސް ކުރިން ވަރަށް ފަސޭހަ އިން ލިބުނަސް، މިހާރު އެއީ އެ ހޮސްޕިޓަލުގައި އެއްގޮތަކަށްވެސް ގެންގުޅޭ ބޭހެއް ނޫނެވެ.

ފުރާނަ ސަލާމަތްކޮށްދޭ އެތައް ބޭހެއް ގަނެވޭނެ ގާބިލުކަން ލަންކާގެ ސިއްހީ ދާއިރާއަކު މިހާރަކު ނެތެވެ. މިދިޔަ މޭ މަހު ވެސް، ވިހޭތާ އެންމެ ދެ ދުވަސް ވެފައިވާ ތުއްތު ކުއްޖަކު މަރުވީ، އެ އަންހެންކުއްޖާ ރީނދޫ ވާން ފެށުމުން ގެއިން ހޮސްޕިޓަލަށް ގެންދަން ޓުކް-ޓުކެއް ނުލިބިގެން އޭނާގެ މައިންބަފައިން އުޅެނިކޮށެވެ.

އިކޮނޮމިސްޓުން އިޝާރާތް ކުރެއްވި ފަދައިން، 2019ގައި ޓެކްސްތައް ކަނޑާލުމަކީ -- ވިޔަފާރިތަކާއި ޖަމާއަތްތަކުން އެ ކަމަށް އޭރު ވަރަށް ބޮޑަށް ވަކާލާތުކޮށް، ހިތްވަރު ދިން ކަމެއް -- ލަންކާގެ ހަޒާނާ ހުސްވުމަށް އެހީތެރިވެދިން، އަދި މުޅި ގައުމު މި ކާރިސާގެ ތުންފަތްމައްޗަށް ގެނުވި ކަންތަކެވެ.

ކިތަންމެ އަގު ބޮޑުކޮށް ވިޔަސް، ކަޅު ބާޒާރުން އަދިވެސް ތެޔޮ ގަނެވެ އެވެ. އެ ގޮތަށް ބޮޑު އަގުގައި ތެޔޮ ގަންނަނީ ބޮޑެތި ބައެއް އަމިއްލަ އުޅަނދުތައް ދުއްވުމަށާއި ގޭގައި ކަރަންޓް ޖެނެރޭޓަރު ހިންގުމަށެވެ.

ލަންކާގައި ބަޔަކު ތޮއްޖެހިފައިވާ ރޭލެއްގައި ދަތުރުކުރަނީ. (ފޮޓޯ/ރޮއިޓާސް)

އެއަށް ވުރެ ދަށް ފަންތީގެ މީހުން މިހާރު މަސައްކަތް ކުރަމުން ދަނީ ބައިސްކަލު ގަތުމަށެވެ. އޮފީހަށް ދާނެ އެހެން ގޮތެއް ނެތިގެން، ބައިސްކަލުގައި މަސައްކަތަށް ދިއުމަށެވެ. އެކަމަކު، ލަންކާ ރުޕީސްގެ އަގު ވެއްޓުމާ ގުޅިގެން ބައިސްކަލުގެ އަގު ވެސް މިހާރު ހުރީ އަތް ނުފޯރާ ފަށުގަ އެވެ.

ވެރިރަށް ކޮލަމްބޯގައި މިހާރު ކުރަމުން އަންނަ ބޮޑެތި މުޒާހަރާތައް މިދިޔަ މާޗު މަހު ފެށީ ދުވާލުގެ ބޮޑު ބައިގައި ކަރަންޓު ކަނޑަން ފެށުމުންނެވެ. ގާތްގަނޑަކަށް 13 ގަޑިއިރަށް ކަރަންޓް ކެނޑުމުގެ ސަބަބުން، އަހަރުގެ އެންމެ ހޫނު ގަދަ ހަފުތާތަކުގައި އެންމެން ތިބީ ވަރުބަލިވެ، ގޮސް ހުސްވެފަ އެވެ.

އެ ވަރުބަލިކަމާއި ރުޅިވެރިކަން އިންތިހާއަށް ބޮޑުވެ، އެތައް ހާސް ބަޔަކު ކޮލަމްބޯގެ އިރުމަތީ ސަރަހަދެއް ކަމަށްވާ މިރިހާނާއަށް ޖަމާވި އެވެ. އެ ތަނުގައި ރައީސް ދިރިއުޅުއްވާތީ އެވެ.

ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލަންކާގައި ކުރި މުޒާހަރާތަކުގެ ތެރެއިން ވެސް އެއީ އެންމެ މުހިންމު އެއް މުޒާހަރާ ކަމަށް ވެދާނެ އެވެ. ސައިކަލް ހެލްމެޓެއް އަޅައިގެން ހުރި މީހަކު ދިޔައީ ލަންކާގެ ތާރީހު ދުށް އެންމެ އަމިއްލަ އެދުން ބޮޑު އަދި ނާގާބިލް ސަރުކާރު ކަމަށް ގިނަ ބަޔަކު މިހާރު އިއްތިފާގުވާ ސަރުކާރު ގެނައުމުގައި ބައިވެރިވި ސިޔާސީ ވެރިންނާއި ދީނީ ލީޑަރުން އަދި މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އޭގެ ފަހުން، އެ ތަގުރީރު ދިން ސުދާރާ ނަދޭޝްގެ ގައިގައި ފުލުހުން ތަޅައި އަނިޔާކޮށް، އޭނާ ހައްޔަރު ކުރި އެވެ. މުޒާހަރާގައި ބައިވެރިވި އިތުރު އެތައް ބަޔަކަށް ވެސް ޖެހުނީ އެ ހާލެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން ލަންކާ އޮތީ 26 އަހަރުވީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. އެކަމަކު، ބަޔާން ކުރަން ވެސް އުނދަގޫ އެ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކުގެ ތެރޭގައި ވެސް ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯތާބަޔަ ރާޖަޕަކްސަހާ އަސްކަރިއްޔާގެ އެންމެ މަތީ ފަޑިއާ ގާތް ބޭފުޅަކު ވެރިކަމަކަށް ވަޑައެއް ނުގަންނަވަ އެވެ.

ސްރީ ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ. (ފޮޓޯ/ބްލޫމްބާގް)

ފާއިތުވި މަސްތަކުގައި، ލަންކާގެ ދެކުނުގައި ދިރިއުޅޭ މީހުން ވަނީ އުތުރުގެ މީހުން އެތައް ޒަމާނެއް ވަންދެން ދަންނަ ހަގީގަތާ ކުރިމަތިލާން ޖެހިފަ އެވެ؛ ހިޔާލު ތަފާތުވުމާއި ފާޑުކިޔުމާ އާންމުކޮށް ބައްދަލުވަނީ ދައުލަތުގެ އަނިޔާވެރިކަމާ އެވެ.

ސުދާރާ ނަދޭޝް ފަދަ މީހުންގެ ހިތްވަރުން ފެށި މުޒާހަރާ އެތައް މަސްތަކަކަށް ދެމިގެން ގޮސްފައި ވާއިރު، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހައިފި އެވެ. ކުޑަކުދިން ވެސް ތިއްބައި ކަރުނަ ގޭސް ޖަހައިފި އެވެ. ޒަރޫރީ ބޭނުންތަކަށް ކިއޫގައި ތިބެން ޖެހުމުގެ ނުރުހުން ކިތަންމެ ކުޑަ ގޮތަކަށް ދައްކާލިޔަސް، އެފަދަ އެއްޗެއް ބުނާ ނުވަތަ ކަމެއް ކުރާ މީހަކު ކުޑަކަކޫ މައްޗަށް ދެމޭ ވަރަށް ތަޅައި ރަމަތަކުރެ އެވެ.

ފުލުހުން ބުނަނީ ގަލުން ތަޅައި އަނިޔާކުރުމުން ބައެއް އޮފިސަރުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ފުރާނަ ގެއްލި ނުވަތަ ހޮސްޕިޓަލަށް ދާން ޖެހޭ ކޮންމެ ފަހަރަކު ފުލުހުންގެ އަމަލުތަކުން ފެންނަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ތަނެވެ.

ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކުން އާންމުން ދިރިއުޅޭ ހިތްދަތި ހާލު ދައްކުވައިދޭ ފޮޓޯތައް ހިއްސާކޮށް، ހަމްދަރުދީ ފާޅުކުރެ އެވެ. ބަދަލަކަށް ގޮވާލަމުންނެވެ. އޭގެ ސަބަބުން ގައުމުގައި ރޯވެފައިވާ ހުޅުގަނޑު ދިޔައީ އިތުރަށް ފަޅައިގެންނެވެ. ރައްޔިތުން ކުރަމުން އަންނަ ސުވާލަކީ، އަހަރެމެންނަށް މި ހާލު ޖެއްސުމުގައި އިސްކޮށް އުޅުނީ ސިޔާސީ މީހުން ނޫންތޯ އެވެ؟

ރައީސާއި އޭނާގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން މަގާމުން ދުރުކުރުމަށް ގޮވާލައި މުޅި ގައުމުގައި މުޒާހަރާކުރަމުން ދާއިރު، އެ ބޭފުޅުން އަދިވެސް ތިއްބެވީ އެ ބޭފުޅުންގެ ގޮތުގަ އެވެ. އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވިޔަސް މުޒާހަރާ ކުރާ ގިނަ މީހުންނަށް އެ ޔަގީންކަމަކަށް އިތުބާރެއް ނެތެވެ. ރައްޔިތުންގެ އިހުސާސްތަކާ މެދު އެ ބޭފުޅުން އިހްމާލުވެފައިވާ މިންވަރު އަދި ކުރާ ނަފްރަތު، ލަންކާގެ ސިޔާސީ މަސްރަހު ކިލަނބުވުމުގައި ޒަމާނުއްސުރެ އެންމެ ބޮޑު ދައުރެއް ކުޅެމުންދާ، ފަރުދާގެ ފުރަގަހުގައި ހަދާ ޑީލްތައް އަދިވެސް ހަދަމުން ދާތީ، ދައްކައިދެ އެވެ.

ލަންކާ މި އަނދަވަޅަށް ވައްޓާލި ކަމަށް ތުހުމަތު ކުރެވޭ ލީޑަރުން ވަކާލާތު ކުރައްވަމުން ގެންދަވަނީ ގައުމު އަނެއްކާވެސް ހަމައަކަށް އެޅުވޭނީ އަދިވެސް ހަމަ އެ ބޭފުޅުންނަށް ކަމަށެވެ. އެ ބޭފުޅުން ދައްކަވަމުން ގެންދަވާ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވަނީ އެހެންވެ އެވެ.

މިސާލަކަށް، މެދު އިރުމަތީގެ ގައުމުތަކުގައި ނޯކިރީންނާއި ޑްރައިވަރުންނާއި މެކޭނިކުންގެ ގޮތުގައި މަސައްކަތް ކުރުމަށް ލަންކާގެ އިތުރު މީހުން ބޭރަށް ފޮނުވުމަށް ސަރުކާރުން ދަނީ ބާރުއަޅަމުންނެވެ. އެ ގޮތަށް ބޭރަށް ފޮނުވާ މީހުންނަށް ލިބޭ އާމްދަނީ އެ މީހުން ލަންކާއަށް ފޮނުވާނެ ކަމުގެ އުންމީދުގަ އެވެ.

މިކަމުގެ ސަބަބުން ލަންކާގެ އެންމެ ނިކަމެތި އެތައް ރައްޔިތެއްގެ ހިތްދަތިކަން އިތުރަށް ފުންވެގެން ހިނގައިދާނެ އެވެ. އަމިއްލަ ގައުމުން ވަޒީފާއެއް ހޯދުމުގެ އެއްވެސް އުންމީދެއް ނެތް ފަގީރު ރައްޔިތުންނަށް އެ މީހުންގެ އާއިލާތައް ދޫކޮށް ދާން މަޖުބޫރުވަނީ އެ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ކުޑަ އަދި ކަންކަން މާ ބޮޑަށް ނޭނގޭ ގައުމުތަކަށެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އެންތުރޮޕޮލޮޖިސްޓަކު މި ސިޔާސަތު ސިފަކުރެއްވީ ވަރަށް ހަރުކަށި އިބާރާތަކުންނެވެ؛ މިއީ "ވެމްޕަޔާ ސްޓޭޓް"އަކުން ކަން ކުރާނެ އުސޫލެކެވެ.

ލަންކާގެ މި ކާރިސާގެ ތެރޭގައި، ހަވީރު އަތަށް އަޅާލާއިރު އެންމެން ތިބެނީ ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ވަރުބަލިވެ، ގޮތް ހުސްވެފަ އެވެ. ޕެޓްރޯލާއި ޑީސަލް ނުލިބުމުގެ ސަބަބުން ކުރިމަތިވަމުން ދާ ދަތިތަކުގެ އިތުރަށް، އޮފީހެއް ހިންގުމަކީ ވެސް ބޮޑު ވޭނަކަށް ވަނީ ވެފަ އެވެ. އޮފީހަކަށް ބޭނުންވާ ތަކެއްޗެއް ނުލިބެ އެވެ. ޒަރޫރީ ހަރަދުތައް ނޫނީ ނުކުރާތީ ވިޔަފާރި މުއާމަލާތްތައް މަދުވެއްޖެ އެވެ. މުވައްޒަފުން އޮފީހަށް ނާންނަ ދުވަސްތައް ގިނަވެއްޖެ އެވެ.

ދެން ބައްދަލުކުރަނީ ކަރަންޓު ނެތް ރޭގަނޑުގެ ވަގުތުތަކާ އެވެ. ރޭގަނޑު ކާން ލިބޭ މިންވަރު ހަފްތާއަކަށް ވުރެ ހަފްތާއެއް ކުޑަވަމުން، މަދުވަމުން ދެ އެވެ. ގެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުގަނެވި، ގަންނަން ލިބޭ މަދު އެތިކޮޅު ވެސް ރޯފިލުވާލެވޭނެ ގޮތެއް ނެތެވެ. މައިންބަފައިންނަށް ދޭން ޖެހޭ ބޭސް ދެވޭނެ ގޮތެއް ނެތެވެ. ދަރިންނަށް ހައްގު ތައުލީމު ދެވޭނެ ގޮތެއް ވެސް ނެތެވެ.

ސްކޫލްތައް ހުރީ ބަންދުކޮށްފަ އެވެ. ސްކޫލަށް ދަރިން ގެންދަން ކުރަން ޖެހޭ ދަތުރަށް ތެލެއް ނެތެވެ. ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދާތާ މިހާރު މިއީ ތިންވަނަ އަހަރެވެ.

ސަރުކާރުން ވައުދުވެފައި ހުރި ކުދިކުދި ކަންތައްތައް ވެސް ނުފުއްދެ އެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިން ގުޅަމުން ދަނީ އަތުގައި ނެތް ފައިސާއަށް އެދި އެވެ. ފުލުހުންނާއި ސިފައިން އެ ދަނީ، ފަނޑުވަމުން ދާ އުންމީދުގެ ހުޅުކޮޅަށް ފައިން އަރަމުންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އަދިވެސް ގިނަ މީހުން ތިބީ ޝުކުރުވެރިވާ ހާލުގަ އެވެ؛ ޖެހިގެން ތިބި ގޭގެ މީހުން އެއަށް ވުރެ މާ ނިކަމެތި ހާލުގައި އުޅޭތީ އެވެ.

މިދިޔަ ހަފުތާގައި މަންމައަކު ވަނީ އަމިއްލަ ނަފްސާއި ދެ ދަރިން ކޯރެއްގެ ތެރެއަށް އެއްލާލައިފަ އެވެ.

ކޮންމެ ދުވަހަކު ވެސް ހިތްފަޅައިގެން ދާ ވަރުގެ އާ ކަމެކެވެ.

ކޮމެންޓް (2)

މުޖުތާޒު

11 ޖުލައި 2022
ޟިކަންތްކުން އަބުރަތް ލިބިގަންނަން ދިވެހިންނުވޭބާ މި ހިތްދަތި ހާލަތަށް ދިވެހިންގެ ކަންތަށް ނުދަނީސް މިކަމުން ސަލާމަތްވާނެ ގޮތެއްހޯދަން މަސައްކަތް ކުރަންވީ
4 3

މާއްޑޭ

11 ޖުލައި 2022
@މުޖުތާޒު ނަސީބެއް ޗައިނާ އަތްދަށުން މިގައުމު ސަލާމަތްވިކަން، ލަންކާ އެއޮތީ ޗައިނާއައް ދެރިދެރީނުން ދަރާ ހުލިިވެފަ..
5 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް