ބަޝުންދުރާގެ މަރޮންގް (މ) ބޯޅަ ގޯލަށް ފޮނުވާލާއިރު މާޒިޔާގެ ގޯލްކީޕަރު ކިރަން އެ ބޯޅަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރަނީ. (ފޮޓޯ/އޭއެފްސީ)

މާޒިޔާ ސްޕޯޓްސް

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުން ބަޝުންދުރާ އަތުން މާޒިޔާ ބަލިވެއްޖެ

މި މެޗުން ބަލިވުމުން ކުރިއަށްދާން މާޒިޔާ އަށް އޮތީ އުނދަގޫ މަގެއް

އޭއެފްސީ ކަޕުގެ ގްރޫޕް ޑީ ގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މިރޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

އިންޑިއާގެ ކަލްކަތާގައި ކުރިއަށްޑާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކާ އެންމެ މެޗެއް ކުޅޭ ގޮތަށް އޮންނާތީވެ، ގްރޫޕުގައި ލިބެނީ އެންމެ ތިން މެޗު ކަމުން، ފުރަތަމަ މެޗުން ބަލިވުމަކީ ކުރިއަށްދާން މާޒިޔާ އަށް އެޅުނު ބޮޑު ހުރަހެކެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ ވަނީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ އޭޓީކޭ މޯހަން ބަގާން އަތުން 4-2 އިން މޮޅުވެފަ އެވެ.

ގޯކުލަމް އާއި ބަޝުންދުރާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ގޯކުލަމް އެވެ. މާޒިޔާ އާއި އޭޓީކޭ މޯހަން ބަގާން އަށް ޕޮއިންޓެއް ނުލިބެ އެވެ.

މާޒިޔާ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ގޯކުލަމް އާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަންގާރަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިންޓަ ޒޯން ޕްލޭއޮފަށް ހޮވޭނީ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމެވެ.

ރާއްޖޭގެ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ބަންގްލަދޭޝް ލީގުގެ އެއް ވަނައިގައި އޮތް ބަޝުންދުރާ އިން ކަލްކަތާގެ ތާރީހީ ސޯލްޓް ލޭކް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ބަޝުންދުރާ އިން ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެގޮތުން ބަޝުންދުރާގެ ރޮބީނިއޯ 11 ވަނަ މިނެޓުގައި ފޮނުވާލި ބޯޅައެއް މާޒިޔާގެ ގޯލްކީޕަރު ނޭޕާލުގެ ކިރަން ޝެމްޝޮން މަތަކުރުމުން ޖެހުނީ ދަނޑީގަ އެވެ. އޭގެ ފަހުން ބަޝުންދުރާގެ ގެމްބިއާ ފޯވާޑް ނުހާ މަރޮންގް ފޮނުވާލި ބޯޅައެއް ވެސް ކިރަން މަތަކުރި އެވެ.

ބަޝުންދުރާ އިން ލީޑު ނެގީ 33 ވަނަ މިނެޓުގައި ކިރަން އާއި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މަރޮންގް ޖެހި ގޯލުންނެވެ. މެދުތެރެއިން ސުހެއިލް ރާނާ ވައްޓާލި ބޯޅަ އެ ދެ ކުޅުންތެރިން މެދުން އަރައި މަރޮން ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

މާޒިޔާ އިން ހާފުގެ ފަހުކޮޅު އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު ކޮނޭލިއަސް ސްޓޭވާޓް އާއި ނާއިޒް ހަސަން (ދާދު) ގެ ހަމަލާތައް ކާމިޔާބެއް ނުކުރެވުނެވެ.

މާޒިޔާ އިން ދެ ވަނަ ހާފުގައި މެޗު ކޮންޓްރޯލްކުރި ނަމަވެސް ބަޝުންދުރާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވި އެވެ. ނަތީޖާއަކަށްވީ ކައުންޓާ އެޓޭކުގައި ބަޝުންދުރާ އިން ނުރައްކާ ކުރުމެވެ. އެގޮތުން 77 ވަނަ މިނެޓުގައި އެ ޓީމުގެ މިގުއެލް ފިގުއެއިރާ ފޮނުވާލި ހަމަލާ ކިރަން މަތަކުރި އެވެ.

މެޗުގެ ފަހުކޮޅު މާޒިޔާގެ ހަމްޒާ ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. އެކަމަކު ބަޝުންދުރާގެ ގޯލްކީޕަރު އަނިސުރް ރަހްމާން އެ ބޯޅަ މަތަކުރި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލްކުރާ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ.

މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ވެލެންސިއާ ވެސް ވާދަކުރި އެވެ. އެގޮތުން ޕްރިލިމިނަރީ އެއް ވަނަ ބުރުގައި ބޫޓާނުގެ ޕަރޯ އަތުން 2-1 އިން މޮޅުވެ ޕްރިލިމިނަރީ ދެ ވަނަ ބުރަށް ހޮވުނެވެ. އެކަމަކު އެ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށް ކުޅެން އެ ގައުމަށް ދާނެ ފައިސާ ނެތުމުން މުބާރާތުން ވަކިވީ އެވެ. އެއާ އެކު ޕްލޭއޮފަށް އަބަހާނީ އޮޓޮމެޓިކުން ހޮވުނެވެ. އެކަމަކު އެ ބުރުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

އޭއެފްސީން 2004 ވަނަ އަހަރު ފެށި އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުން ރާއްޖެ އަށް ކޮންމެ އަހަރަކު ފުރުސަތު ދިން ނަމަވެސް ރާއްޖޭގެ ކްލަބަކަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ 2005 ވަނަ އަހަރާއި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އޭގެ ތެރެއިން 2005 ގައި ނިއު ސެމީ ފައިނަލުގައި ކުޅުނެވެ. އަދި 2013 ގައި ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް