ޕޮލްކޯ ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތް ނިންމަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ހައުސިން މިނިސްޓްރީ)

ދިގުލައިގެން ގޮސްފައިވާ ފުލުސް ފްލެޓުތައް ނިންމަން 247 މިލިއަނަށް އަމިންއާ ހަވާލުކޮށްފި

އެ ފްލެޓްތައް ކުރިއަށް އޮތް އަށް މަސް ތެރޭގައި ނިންމަން ޖެހޭ
30 ޑިސެމްބަރު 2021

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފޭސްގައި އަޅަން ފެށުމަށް ފަހު މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ފްލެޓުތަކުގެ މަސައްކަތް ނިންމަން އަމިން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހުޅުމާލޭ ފޭސް އެކެއްގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފެށީ 2012ގަ އެވެ.

ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ވަނީ ނުނިމިފަ އެވެ.

ވީ ކިހިނެއް؟ - މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޕޮލްކޯ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގާއި އަމިން ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު މުހައްމަދު އިރުފާން އެވެ.

ހުޅުމާލޭގައި ހަދަން ފަށައި ނުނިމި ހުރި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް. (ފޮޓޯ/އައިލެންޑް އެކްސްޕާޓް)

އަމިންއާ ހަވާލުކުރި މަަޝްރޫއުގެ ތަފްސީލު:

  • އަގު: 274.5 މިލިއަން ރުފިޔާ

  • ކޮންޓްރެކްޓުގެ މުއްދަތު: އަށް މަސް ނުވަތަ 240 ދުވަހުން ނިންމަން ޖެހޭ

  • ތިން ޓަވަރުގައި ހިމެނޭ 361 ޔުނިޓުގެ ފިނިޝިން މަސައްކަތް ކުރާނެ

  • ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖުކޮށް 1،100 އަކަފޫޓު

އެ ޓަވަރުތަކުގައި ހުންނަ ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ޕާކިން އޭރިއާއެއް 

  • ކޮމާޝަލް އޭރިއާއެއް 

  • މަލްޓިޕާޕަސް ހޯލެއް

އެނގުން މުހިންމު - މިދިޔަ ނުވަ އަހަރުގެ ތެރޭގައި މަޝްރޫއުގެ ކޮންޓްރެކްޓަރު ވެސް ދެ ފަހަރެއްގެ މަތިން ވަނީ ބަދަލުވެފަ އެވެ.

ފުރަތަމަ އެ މަޝްރޫއު ހަވާލު ކުރީ ނޫމަޑިއާ އެވެ. އެ ކުންފުންޏާ އެއްކޮށް ހެދި އެއްބަސްވުން އުވާލުމަށް ފަހު އެ މަޝްރޫއު ހަވާލުކުރީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓްއާ އެވެ. ނަމަވެސް، މަސައްކަތް ނުނިމި މައްސަލަތަކެއް ކުރިމަތިވުމުން، އެ ކުންފުނީގެ އަތުން މަޝްރޫއު ނެގުމަށް ފަހު އެހެން ކުންފުންޏަކާ ހަވާލުކުރަން މި އަހަރުގެ ކުރީކޮޅު އަގުމަގުކުރުމުގެ އޮޑިޓެއް ވަނީ ހަދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް