ސްރީ ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅުގެ ސްވިމިން ޕޫލްއަށް އާންމުން އެރި ވަގުތު ހޭދަކުރަނީ

ސްރީ ލަންކާ

ސްރީ ލަންކާ: މަދުން ނޫނީ ނުފެންނާނެ ފަދަ ހަލާކެއް

މިއަދަކީ ސްރީ ލަންކާއިން ފެނުނު އެންމެ ބޮޑު އެއްވުން އެއްވި ދުވަސް
9 ޖުލައި 2022

މުހިންމު ނުކުތާތައް

ރައީސްއަށް އިސްތިއުފާ ދެއްވުން ނޫން އެހެން ގޮތެއް ނެތް

މިހާ ހިސާބަށް ލަންކާ ވެއްޓުނީ ކުރިން ނެގި ބޮޑެތި ލޯނުތަކުގެ ސަބަބުން

ގިނަ ބަޔަކަށް މިހާރު ތިން އިރު ކާކަށް ވެސް ނުލިބޭ

ރައީސްގެ ރަސްމީ ގެކޮޅުގެ ކޮޓަރިތަކުގެ އެނދުތަކުގައި އޮށޯވެގެންނެވެ. ސްވިމިން ޕޫލުގައި މަޖާކުރުމުގަ އެވެ. ބަދިގޭގައި ހުރި އެއްޗެހި ކެއުމުގަ އެވެ.

މިއީ މިއަދު އަވަށްޓެރި ސްރީ ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް އާންމުން ވަދެގަނެ ހިންގަމުން ގެންދާ ކަންތަކުން ބައެކެވެ. މިއީ ގައުމު ވެއްޓިފައި އޮތް އިގުތިސާދީ ބޮޑު ފުން ވަޅުގަނޑާއި ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނިކަމެތި ހާލަތުގެ އެންމެ ފަހު ނިމުމެވެ.

އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯދައި 2019 ގައި ވެރިކަމަށް އަލަށް ވަޑައިގެންނެވި ރާޖަޕަކްސަގެ އާއިލާއިން ސްރީ ލަންކާ ގެންގޮސް ވައްޓާލީ މިދިއަ 70 އަހަރު ވެސް އެ ގައުމަށް ކުރިމަތިނުވާހާ ދަށު ދަރަޖައިގެ އިގުތިސާދީ ނިކަމެތި ކަމަކަށެވެ. އިންތިހާބު ކާމިޔާބުކޮށް އަމަލްކުރަން ފެށީ ޓެކްސްތަކަށް ލުއިތަކެއް ދިނުން ފަދަ ގެއްލުން ހުރި ގޮތްތަކަށް ކަމަށް ވެފައި، ސަރުކާރުގެ އާމްދަނީ ދަށްވި ދަނޑިވަޅު، ކޮވިޑް-19އާ ކުރިމަތިވެ، ޓޫރިޒަމް ހުއްޓި، ބޭރު ފައިސާގެ ރިޒާވް ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރިއަށް ދާ މުޒާހަރާ: މިއަދަކީ އެންމެ ބޮޑު އެއްވުން

ރައްޔިތުން މަގުތަކަށް ނުކުމެ، ރައީސް ގޯތާބާޔަ ރާޖަޕަކްސާ އާއި ބޮޑުވަޒިރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާތާ ކިތައްމެ ދުވަހެކެވެ. މަހިންދަ މިދިއަ މޭ މަހު އިސްތިއުފާ ދެއްވި އެވެ. ދެން ބޮޑުވަޒީރުކަމަށް ގެނައި ރަނިލް ވިކްރަމަސިންހަ ވެސް، މިއަދު ރައީސް އާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަތުމުން، އިސްތިއުފާ ދެއްވަން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

"އަހަރެން މި ތަނަށް މި އައީ ރައީސް ގެޔަށް ފޮނުވާލަން،" އާންމުންގެ މީހެއް ކަމަށްވާ ވަސަންތާ ކިރުވަތުޑުވާ، 50، ބުންޏެވެ.

މުޒާހަރާގައި ބައިވެރިވާން އޭނާ ރައީސްގެ ގެކޮޅާ ހަމައަށް ދިޔައީ 10 މޭލަށް ހިނގައިފަ އެވެ. އޭނާ ބުނި ގޮތުގައި އިސްތިއުފާ ދެއްވަން މިހާރު ރައީސްއަށް މަޖުބޫރެވެ.

"ސުލްހަ ބޭނުން ކަމަށް ވާ ނަމަ އޭނާއަށް ޖެހޭނީ މަގާމުން ދުރަށް ދާން،" ވަސަންތާ ބުންޏެވެ.

ރައީސް ވީ ތަނެއް ނޭނގެ އެވެ. ސިފައިން ބުނެފައިވާ ގޮތުގައި އެއީ އަދިވެސް ގައުމުގެ ރައީސްއަށް ވާތީ ހިމާޔަތްކުރުމަކީ އެ މީހުންގެ ޒިންމާއެކެވެ. އެހެންކަމުން ރައީސް ހުންނެވީ ސިފައިންގެ ތަނެއްގައި ކަމަށް ވެ އެވެ.

އެންމެ ބޮޑު އެއްވުން

މިއަދަކީ  މިހާތަނަށް ސްރީ ލަންކާގައި ފެނުނު އެންމެ ބޮޑު އެއްވުމެވެ. ސަރުކާރުން ކާފިއު އިއުލާންކޮށް، ރޭލު ދަތުރުތައް ވެސް ހުއްޓާލާފައި އޮތަސް ރައްޔިތުން އެއަކަށް ނުބަލަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރޭލުތައް ދުއްވަން މަޖުބޫރުކޮށްގެން ވެސް ކޮލަމްބޯއަށް އެތައް ހާސް ބަޔަކު އަ އެވެ.

ރައްޔިތުން އެހާ ހިސާބަށް ދިޔައީ ވެރިކަމުގައި މަހިންދަ ހުންނެވި އިރު ޗައިނާއިން ނެގި ބޮޑެތި ލޯނުތައް ދައްކަން، ކޮވިޑްގެ ސަބަބުން އައި ހުރަސްތަކާއި، ކޮވިޑް ބަންދުން ޓޫރިޒަމް ފުނޑި، އަލުން ކޮޅަށް ނެގޭނެ ގޮތެއް ވެސް ނެތުމުން ދެން ދިމާވި އިގުތިސާދީ ވެއްޓުމުގެ ސަބަބުންނެވެ. ލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް މި ދުވަސްވަރު ތިން އިރު ކާކަށް ނުލިބެ އެވެ. އދ. އިން ބުނާ ގޮތުގައި 5 މިލިއަން މީހުންނަށް ވަނީ ކާބޯތަކެތި ލިބޭނެ ގޮތެއް ވެސް ނެތިފަ އެވެ.

ސްރީ ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް އާންމުން މިއަދު ވަދެ، އޭނާގެ އިސްތިއުފާއަށް ގޮވަނީ

ކަރަންޓެއް ނެތެވެ. ވެހިކަލަށް އަޅާނެ ތެލެއް ނެތެވެ. ކައްކާނެ ގޭހެއް ނެތެވެ. ބޭހެއް ނެތެވެ. 

އިންފްލޭޝަން ހުރީ އަތް ފޯރާ ހިސާބެއްގައެއް ނޫނެވެ. އެއްޗެހީގެ އަގު މައްޗަށް ދަނީ ގިނަ މީހުންނަށް ހިފެހެއްޓޭ މިންވަރަށް ވުރެ ވެސް ބާރަށެވެ.

މި ހާލަތުގައި ރައްޔިތުންނަށް މަގުތަކަށް ނުކުތުން ނޫން އެހެން އިހުތިޔާރެއް ނުލިބޭނެ ކަމަށް، ލަންކާގެ އެއްވުންތަކުން އެނގެ އެވެ.

އެންމެ ފަހުން ރައީސްގެ ރަސްމީ ގެކޮޅު މިހާރު އެ އޮތީ ރައްޔިތުންގެ ބާރުގެ ދަށުގަ އެވެ. ގޯތާބާޔައަށް އިސްތިއުފާ ދެއްވުން ނޫން ގޮތެއް ދެނެއް ނެތެވެ.

އެކަމަކު މިއީ އަދި މައްސަލައިގެ މުޅި ހައްލެއް ނޫނެވެ.

އިގުތިސާދު ހަމަޔަކަށް އެޅުވޭނެ ދުވަހެއް ބުނަން ދައްޗެވެ. ތެޔޮ ގަންނާނެ ފައިސާ ނެތި، ރަޝިޔާ ކަހަލަ ބައެއް ގައުމުތަކުން ކްރެޑިޓަށް ތެޔޮ ހޯދަން ކުރި މަސައްކަތުން ވެސް އަދި ނަތީޖާއެއް ނުފެނެ އެވެ.

ރައީސް އިސްތިއުފާ ދެއްވައިގެން ރައްޔިތުންނަށް ލިބޭ ކުޑަ ހިތްހަމަޖެހުން ދެމިގެންދާނީ ކިހާ ދުވަހަކަށް ކަން ބުނާކަށް ނޭނގެ އެވެ. އެކަމަކު ތާރީހުގެ ތެރެއަށް ސްރީ ލަންކާ ވަދެގެން އެ ދަނީ، ގައުމަށް ނުކުޅަދާނަ ވަރަށް ލޯނު ނަގައި، ކުރިން ހީނުކުރާ ކަހަލަ އިގުތިސާދީ ވެއްޓުމެއް ދުނިޔެއަށް ކުރިމަތިވެއްޖެ ނަމަ، ފެންނާނެ އެންމެ ހިތި ނަތީޖާގެ ތެރެއަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ސްރީ ލަންކާގެ މުޅި ނިޒާމް މިހާރު ވަނީ ހުއްޓިފަ އެވެ. މިއީ ދުނިޔެއިން ވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ ހަލާކެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް