ކްރިމިނަލް ކޯޓު. (ދައުރު ފޮޓޯ)

ޔޯގާ ހަމަނުޖެހުން: ޝަރުތުތަކާ އެކު 4 މީހަކު ބަންދުން ދޫކޮށްލައިފި

އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނޭ
9 އޯގަސްޓު 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު، ޝަރުތުތަކާ އެކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - ޖޫން 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ، ބޭރުގެ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް ބައެއް މީހުންނަށް ހަމަލާ ދީ، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފަ އެވެ. އެ މައްސަލައިގައި 21 މީހަކު އޭރު ހައްޔަރު ކުރި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އޭގެ ތެރެއިން ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކާ އެކު މިއަދު ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި އެ މީހުން ދޫކޮށްލުމުގެ ޝަރުތުތަކަކީ ކޮބާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މިހާރު ބަންދުގައި ބާކީ ތިބީ ކިތައް މީހުން ކަމެއް ވެސް ނުބުނެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

އެ މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ބިރު ދެއްކުމާއި ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެހެން ބައެއް މީހުންގެ މައްޗަށް ހަމައެކަނި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ތުހުމަތު ކުރާ އިރު އެ ދެ ގާނޫނުގެ ދަށުން ވެސް ބައެއް މީހުންގެ މައްޗަށް ތުހުމަތު ކުރެ އެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދީނީ ދެ އިލްމުވެރިން ކަަމަށްވާ އާދަމް ނިޝާން އާއި ފަޒްލޫން މުހައްމަދު ވެސް މީގެ ކުރިން ވަނީ ޝަރުތުތަކާ އެކު ދޫކޮށްލާފަ އެވެ. ނަމަވެސް އެ ދެ މީހުންގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ހާދިސާ ކުރުކޮށް:

  • ޔޯގާ ހަދަން ތިއްބާ، އިހުތިޖާޖު ކުރާ ގްރޫޕު ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • މަގުމަތީ ބެރިކޭޑް ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އެ މީހުން ފުލުހުންނާ ކުރިމަތިލައި ސަފުތައް ފޫއަޅުވާލި

  • ގަލޮޅު ދަނޑުގެ ގޭޓު ވެސް ފޫއަޅުވާލައި އެ މީހުން ވަނީ ދަނޑަށް ވަދެ ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނާ ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގައި އަޑުގަދަކޮށްފައި

  • ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ތިބިި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ހަކަށް މިނެޓް ވަންދެން ހަމަނުޖެހުން ހިންގި

  • އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް