އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ޒުވާނުންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދުގެ ބޮޑު އަމާޒު: އާންމުންގެ ބޭންކް ބެލެންސް 2 ގުނަކުރުން

ނަޝީދު ވިދާޅުވީ ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް ބޮޑު އަމާޒަކަށް ވާން ޖެހޭނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުން ކަމަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު ދެން ގެންނަ އެމްޑީޕީގެ ސަރުކާރެއްގައި އާންމު ރައްޔިތުންގެ ބޭންކް އެކައުންޓު ދެ ގުނައަށް އިތުރުކުރުމަކީ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަށް ހައްދަވާނެ ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ނަޝީދު ވަނީ ރޭ ލޮނުޒިޔާރަތް ޕާކުގައި ޒުވާނުންނަށް އަމާޒުކޮށް ބައްދަލުވުމެއް ބާއްވައި ޒުވާނުންގެ ކަންބޮޑުވުންތައް އައްސަވާފަ އެވެ. އަދި ނަޝީދާ ސުވާލުކުރުމުގެ ފުރުސަތު ވެސް އެ ބައްދަލުވުމުގައި ދިނެވެ.

އެކި މައުލޫތަކުން ޒުވާނުން ނަޝީދާ ސުވާލު އަމާޒުކުރިއިރު މައިގަނޑު އެއް ކަންބޮޑުވުމަކަށްވީ ޒުވާން ހަޔާތުގައި އެކަށީގެންވާ އާމްދަނީއެއް ހޯދާނެ ރަނގަޅު ފުރުސަތުތައް މަދުވުމާއި އޭގެ މައްޗަށް ދަރަނި ނަގަން މަޖުބޫރުވެފައި އޮންނަ އޮތުމެވެ.

އެ ބައްދަލުވުމުގައި އެއް ޒުވާނަކު ނަޝީދަށް ކުރިމަތިކުރި މުހިންމު އެއް ސުވާލެއް އޮތެވެ: "ޒުވާނުން ތިބީ ވަރަށް ބޮޑަށް ފްރަސްޓްރޭޓްވެފައި އިނގޭތޯ. އެމްޑީޕީ އަކީ ޒުވާނުން އެންމެ ގިނަ ޕާޓީ. މި ޕްރައިމަރީގައި ޒުވާނުންނަށް މަނިކުފާނަށް ވޯޓުލާން ނުކުންނަންވީ ކީއްވެގެންތޯ މަނިކުފާނަށް ވިދާޅުވެދެއްވިދާނެތޯ. ދެން ހުރި ކެންޑިޑޭޓާ ތަފާތު ވަނީ ކިހިނެއްތޯ، ކީއްވެތޯ މަނިކުފާނު ހިޔާރުކުރަންވީ؟" އޭނާ ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ޒުވާނުންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބުނީ ކީކޭ؟ - އެ ސުވާލަށް، އެ ތަނަށް ގޮސް ތިބި މީހުންގެ ފަރާތުން ލިބުނު އަތްތިލަބަޑީގެ މަރުހަބާގެ އަޑު ކެނޑުމުން ނަޝީދު ފުރަތަމަ އޮޅުންފިލުވައިދެއްވީ، ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަދަލުގައި އެ މަނިކުފާނަށް ވޯޓުދޭންވީ ސަބަބެވެ.

މި ޕްރައިމަރީގެ ކެމްޕޭންގައި އެކި ފަހަރު މަތިން ނަޝީދު ފާހަގަކުރެއްވި ކަމެއް، އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ތަކުރާރުކުރެއްވި އެވެ. އެއީ ފާއިތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ އާމްދަނީ އިތުރުވި ނިސްބަތާއި ރައްޔިތުންގެ އާމްދަނީ އިތުރުވި ނިސްބަތުގައި ހުރި ތަފާތު ބޮޑުކަމުގެ ވާހަކަ އެވެ.

"ނެޝަނަލް އިންކަމް ގްރޯތު އާއި ހައުސްހޯލްޑް އިންކަމް، މި ދޭތީގެ ފަރަގު މިހާ ބޮޑުވެފައި ހުންނަ ނަމަ އަޅުގަނޑަށް ލަފާކުރެވެނީ އާބާދީ ޑިޓޭޗް ވެއްޖޭ (ގުޅުން ކެނޑިއްޖޭ) ދައުލަތާ. އެ ގުޅުން ނެތިގެންހެން ހީވަނީ. ވަރަށް ބޮޑު އާބާދީއެއް ދައުލަތާ ވަކިވެއްޖެ، ބާކީވެއްޖެ، އެއްކައިރިވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރާނެ މީހަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނެވެ.

"އަޅުގަނޑުގެ މެނިފެސްޓޯގެ މިފަހަރު ބޮޑު އަމާޒަކީ، އިތުރު އެހެން އެއްވެސް ކަމެއް ނޫން، ބޭންކް އެކައުންޓް ދެ ގުނަ ކޮށްދޭނަމޭ. ހަމަ މި އަމާޒަށް ދާންވީ،" ނަޝީދު ވިދާޅުވި އެވެ.

"ދެން ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ އަޅާނަމޭ، ފުޓްސަލް ދަނޑު ހަދާނަމޭ، އެއްގަމު ތޮށި އަޅާނަމޭ، މަލްޓިޕާޕަސް ހޯލް އަޅާނަމޭ، ކްލާސްރޫމްތައް ހަދާނަމޭ، އާދެ، އެ ކަންކަން ކުރަން ޖެހޭނެ. އެކަމަކު އަމާޒުވާންވީ ބޭންކް އެކައުންޓަށް. އަޅުގަނޑުގެ މި ފަހަރުގެ ޝިއާރަކީ ވެސް ބޭންކް އެކައުންޓު ދެ ގުނަ ކުރުން."

ތަފްސީލު - ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައި އެ މައުލޫގައި ނަޝީދު ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވި އެވެ. އޭގެ ކުރިން، އަމިއްލަފުޅަށް ދެކެވަޑައިގަންވާ ގޮތް ހިއްސާކުރައްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • ރާއްޖެއަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމެއް

  • ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ގިނަ

  • ދިވެހިންގެ ތެރޭގައި ހުނަރުވެރި މަސައްކަތްތެރިން މިހާރު ވަރަށް ގިނަ

  • ސާނަވީ ތައުލީމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއްކަން؛ ތަންދޮރު އެނގޭ ޒުވާން އާބާދީއެއް އޮންނަން ޖެހޭނެ

  • ވަރަށް ރަނގަޅު އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމެއް އެބަ ކުރިއަށްދޭ

"އެހެންވީމަ ކޮބާހޭ ސިޔާސަތެއް އަޅުގަނޑުމެންގެ އާމްދަނީ، ޖީބަށް ވަންނަ އެއްޗެއް، ބޭންކް އެކައުންޓުގައި ހުރި އެއްޗެއް މިއަދަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތަކީ ކޮބައިތޯ. އަޅުގަނޑުގެ އަމާޒަކީ ކުޑަ ރަށެއް، ބޮޑު ރަށެއް، ފަޅު ރަށެއް، ގިރިއެއް، ފަޅެއް ބަލައިނުލާ ކަންކަން ކުރަމުން ގެންދިޔުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކީ ސާޖިކަލީ ބަލަން، އޭނާއަށް ވެފައި ހުރި ކިހިނެއްތޯ، މީނާއަށް ވެފައި ހުރީ ކިހިނެއް ވެގެންތޯ. އޭނާ ހާލުގައި ޖެހިގެން އައިސް ކޮންމެވެސް ސިޔާސީ މީހެއްގެ ކައިރިގައި އޭނާގެ ވޯޓު ވިއްކާލުމުގެ ކުރީގައި ނުވަތަ އޭނާ ކޮންމެވެސް އެހެން މީހަކަށް ނޯކިރީވެ އަޅުދާސްތު ވުމުގެ ކުރީގައި ދައުލަތަށް އެބައޮތްތޯ މިކަން ފާހަގަކޮށްގެން އޭނާއަށް އެހެން ގޮތެއް ހޯދައިދެވޭނެ ސިޔާސަތުތަކެއް ތަންފީޒުކުރަން."

'ރައީސް ސޯލިހުގެ އެއްވެސް ސިޔާސަތެއް ނެތް'

ވޯޓުދޭންވީ ސަބަބަކީ، ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ދެން އަންނަ އެމްޑީޕީއެއްގެ ވެރިކަމުގައި ތަންފީޒުކުރަން ހުށަހަޅާ ސިޔާސަތުތަކެވެ. އަދި އެންމެ ބޮޑު އަމާޒަކަށް ވާނީ އާންމުންގެ ބޭންކް އެކައުންޓް ބެލެންސް އިތުރުކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެބަ ހުށަހަޅަން ތަސައްވަރެއް. އަޅުގަނޑު އެބަ ބަޔާންކޮށްދެން އެ ތަސައްވަރަށް ވާސިލުވެވޭނެ ރާސްތާއެއް. އެބަ ބަޔާންކޮށްދެން އެ މަގުގައި ދަތުރުކުރާނެ ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ޒުވާނުންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ރައީސް ސޯލިހުގެ ބަދަލުގައި އެ މަނިކުފާނަށް ވޯޓު ދޭންވީ އިތުރު އެއް ސަބަބަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ސިޔާސަތުތަކެއްގެ ވާހަކަ ނުދައްކަވާތީ އެވެ.

ޕްރައިމަރީގެ ކެމްޕޭންގައި މިހާ ހިސާބަށް އައިއިރު، ނަޝީދު ވިދާޅުވީ ދެ ފަރާތުގެ ވާހަކަތައް ވެސް އާންމުންނަށް އަޑުއިވިފައިވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވާދަވެރިން، އެއްވެސް ސިޔާސަތެއްގެ ވާހަކަ ދައްކާ އަޑު އިވިވަޑައިނުގަންނަވާ އެ މަނިކުފާނު ކަމަށް ވިދާޅުވި އެވެ.

"އިއްތިހާދުގެ ކެންޑިޑޭޓެއް ނަގާނަމަ ރައީސް ސޯލިހަށް ވޯޓު ދިނުން ވަރަށް ބޭނުން. އެކަމަކު ކަން ދިމާކުރި ގޮތުން މި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓަކު ހޯދަން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި، އަޅުގަނޑަކަށް އަޑެއް ވެސް ނީވޭ އަޅުގަނޑުގެ ވާދަވެރިން ސިޔާސަތެއްގެ ވާހަކަ ދައްކާ އަޑު. މިސާލަކަށް އަޅުގަނޑަށް އޮޅިގެން އަންނަނީ، އަންނަނީއޭ ބުނެވުނީމަ، އެ ބޭފުޅުން ވިދާޅުވާން ފެށީ ނިންމެނީ، ނިންމެނީއޭ."

ގުޅުންހުރި ކަމެއް - ޕްރައިމަރީ ކެމްޕޭންގައި ނަޝީދާއި ރައީސް ސޯލިހު ވެސް ގެންދަވަނީ އެކި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. ނަޝީދުގެ ސަރުކާރެއްގައި ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަތް ބައެއް ކަންތައްތަކަކީ:

  • ސްޓޫޑެންޓް ލޯނުތައް ރީސްޓްރަކްޗާ ކުރުން

  • ފުވައްމުލަކުގައި ރިސޯޓެއް ހެދުން

  • މަސް ކިލޯއެއްގެ އަގު 25ރ.ގައި ހިފެހެއްޓުން

  • އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުން

  • މާލޭ މީހުންނަށް ހުޅުމާލެއިން 5،000 ގޯތި ދީ، ގެ އެޅުމުގެ ފޯރުންތެރިކަން ނެތް މީހުންނަށް މާލީ އެހީތެރިކަން ދިނުން

ކޮމެންޓް (2)

ހުސެން ހިތަދޫ

26 ޖެނުއަރީ 2023
ކީކޭ ބުނާނީ ދެން ބޯހަލާކު، ހެޔޮ ނުވާނެ މީހުނޭ މިޔެކޭ ޔާމީނަށް ވުރެ ނުރައްކާ މީހެއް، އިލްމެއް ނެތި ފެލި ނަގަނީ ކަމެއް ކުރަން އިނގޭ މީހެއް ނޫން ބަޔަކު ބުނާ އެއްޗެއް އަޑު އަހާވެސް މީހެއްނޫން ހުރިހާ ކަމެއް ދަންނަ ކަމަށް ހެދިގެން އުޅޭ މީހެއް، މިޔަށް ވުރެ ހެޔޮ ބުޅަލެއް ވެރިކަމަށް ލިޔަސް
2 0

ތެފައާސާ.

26 ޖެނުއަރީ 2023
0 ގައި ހުންނަ އެއްޗެއް ދެގުނަކުރިއަސް ހުންނާނީ 0 ގައެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް