ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ރޭގެ މެޗުގައި މާޔޫސްވެފައި: އޭނާ ބުނީ ހަމައެކަނި ރަނގަޅަކަށް ފެނުނީ ލިބުނު ޕޮއިންޓް ކަމަށް

ލިވަޕޫލް

ނަތީޖާއިން ބައްޔެއް ނޫން، އެކަމަކު ދެއްކި ކުޅުން ބަލި: ކްލޮޕް

މި އަހަރުގެ މިހާތަނަށް ލީގުގައި ލިވަޕޫލް ބަލިވެފައެއް ނުވޭ
7 އޯގަސްޓު 2022

ޕްރެމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ފުލްހަމްއާ ދެކޮޅަށް ކުޅެ ނަތީޖާއިން ބަލިނުވިޔަސް ދެއްކި ކުޅުމަކީ ބައްޔެއް ކަމަށް، ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މިދިއަ އަހަރު، އިނގިރޭސި ފުޓްބޯޅަ އޮނިގަނޑުގެ ދެ ވަނަ ޑިވިޒަން ނުވަތަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިގެން ޕްރެމިއާ ލީގަށް އަލުން އެނބުރި އައި ފުލަމް 2-1 އިން މޮޅުވާން ދަނިކޮށް 80 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ލަނޑުން ނެތީޖާއަކީ 2-2 އިން އެއްވަރުވުމެވެ.

ފުލްހަމްއާ ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން ލިވަޕޫލުން ކުޅުނު ޕްރެމިއަ ލީގުގެ 19 މެޗުގައި ގެއްލުނީ އެންމެ ހަ ޕޮއިންޓެވެ. ރޭގެ މެޗުގެ ކުރިން މި އަހަރުގެ މިހާތަނަށް ލިވަޕޫލް ބަލިވެފައެއް ނެތެވެ. އެ ރެކޯޑް ސަލާހުގެ ސަބަބުން ދެމެހެއްޓުނަސް ޓީމުގެ ކުޅުމާ މެދު ކްލޮޕްގެ އޮތީ ކަންބޮޑުވުމެވެ.

"އަހަރެމެން ދެއްކި ކުޅުމަކީ އަހަރެމެން ދައްކަން ޖެހޭނެ ކުޅުމެއް ނޫން. އަހަރެން ހިތްހަމަނުޖެހި މި ހުރީ އެހެންވެ، އެކަމާ،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"މުޅި މެޗުގައި ވެސް އަހަރެމެންނަށް ކުރެވުނު މޮޅު ކަމަކީ ޕޮއިންޓެއް ހޯދުން، އެއީ ވަރަށް ދަށް މެޗަކުން ނެރެވުނު ވަރު."

ލިވަޕޫލްގެ ވަރަށް ގިނަ ކުޅުންތެރިންނަށް ވަނީ އަނިޔާވެފަ އެވެ. އެހެންކަމުން ވަރުގަދަ 11 ކުޅުންތެރިން ހަމަކުރަން ކްލޮޕަށް އޮތް ފުރުސަތު ކުޑަ އެވެ. ޓްރާންސްފާ މާކެޓް 1 ސެޕްޓެމްބަރުގައި ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ހޯދަން ބޭނުންތޯ އެހުމުން އޭނާ ބުނީ އެއީ މިވަގުތަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށެވެ.

މިސާލަކަށް "އަހަރެމެންގެ ތެރޭގައި މިޑްފީލްޑް ކުޅުންތެރިން ނެތީއެއް ނޫން. މައްސަލައަކީ އޭގެ ތެރެއިން ބައެއް ކުޅުންތެރިން އަނިޔާގައި ތިބުން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލަކީ މި އަހަރުގެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑު އެއް ޓީމު ކަމަށް، ފުޓްބޯޅައިގެ ތަޖުރިބާކާރުން ލަފާކުރެ އެވެ. މިދިއަ ސީޒަންގައި ދެވަނައަށް ދިޔައީ ޗެމްޕިއަން މެންޗެސްޓަ ސިޓީއަށް ވުރެ އެންމެ ޕޮއިންޓެއް މަދުވެގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް