އަންނަ އަހަރު ރިޔާސީ އިންތިހާބުގެ ޕީޕީއެމް ކޯލިޝަންގެ ޓިކެޓް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރައްވަނީ

ޕީޕީއެމް

ޕީޕީއެމްގެ އެތެރޭގައި ރެނދެއް، ޔާމީން ކުއްލި ބައްދަލުވުމަކަށް

އަބްދުއްރަހީމަށް މަލާމަތްކޮށް އަހުމަދު މުސްތަފާ ޓްވީޓްކުރެއްވުމުން ސެނެޓް މެމްބަރުން ވަނީ ހޫނުވެފައި
26 އޯގަސްޓު 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހުމަދު މުސްތަފާ ރޭ ކުރެއްވި ޓްވީޓެއްގައި، ޕީއެންސީގެ ރައީސް އަދި ޕީޕީއެމް ކޯލިޝަންގެ އެންމެ އިސް އެއް ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް މަލާމަތްކުރެއްވުމުން، ކޯލިޝަންގެ ތެރޭގައި ރެނދެއް ލައި، އަލުން އެއްބައި ކުރުމުގެ މަސައްކަތަށް ޔާމީން ނުކުމެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ބައެއް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނާ ހަބަރެއް ހިމަނުއްވާ، މުސްތަފާ ކުރެއްވި ޓްވީޓް ފައްޓަވަމުން ލިއުއްވީ "މިފަހަރު މި އޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބާ ދިމާވެފައި!" ކަމަށެވެ.

ތަފުސީލް - އަބްދުއްރަހީމަށް އިޝާރާތްކޮށް މަލާމާތަށް 'ޓިނު އަދުރޭ'އޭ ގޮވީ އޭނާ މަޖިލިހުގެ މެމްބަރަކަށް ހުންނެވި އިރު އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނެވެ. އެ މަލާމާތް ޕީޕީއެމް ކޯލިޝަންގެ އިސް ބޭފުޅަކު، ޙާއްސަކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު ކަންކަމުގައި ވެސް ޒިންމާތަކެއް ނަންގަވައި ބޭފުޅަކު ކުރެއްވުމުން، ކޯލިޝަންގެ ވަޓްސްއެޕް ގްރޫޕްގައި ޒުވާބަކަށް ދިޔަ އެވެ.

ޕީޕީއެމްގެ އެތެރޭގެ މައުލޫމާތު ހުރި ބައެއް ބޭފުޅުން، ނަން ނުޖަހާ ގޮތަށް، 'ދައުރު'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޒުވާބާ ގުޅިގެން މިއަދު މެންދުރުފަހު ޕީޕީއެމް އާއި ޕީއެންސީގެ އިސް ލީޑަރުންނާ ޔާމީން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

'ދައުރު'އަށް ލިބިފައިވާ ބައެއް މެސެޖްތަކުގައި ކައުންސިލް ނުވަތަ ސެނެޓްގެ ބައެއް ބޭފުޅުން މުސްތަފާގެ އަމަލް ސިފަކުރެއްވީ "ވަރަށް ދެރަވަރުގެ ކަމެއް"ގެ ގޮތުގަ އެވެ.

ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލުގައި ހުންނެވި އިރު ކޯލިޝަންގެ އެންމެ އިސް ލީޑަރުގެ ގޮތުން އެ ކޯލިޝަން ހިފަހައްޓައި، ހަރަކާތްތަކުގައި ރޫހު ދިރުވީ، އަބްދުއްރަހީމެވެ. އަދި އޭނާ އަބަދުވެސް ހުންނަވާނީ ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވެސް، ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު މުސްތަފާ

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ލިބިވަޑައިގެންފައިވާ ޔާމީނަށް އަންނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވޭނީ ޒާތީވުންތަކުން ދުރުވެގެން ކަމަށް ވެސް، މުސްތަފާއާ ދެކޮޅު މެސެޖްތަކުގައިވެ އެވެ.

އަސްލު ސަބަބު - ޕީޕީއެމް ކޯލީޝަންގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކޯލިޝަންގައި ދެ ފެކްޝަނެއް އެބަ އުޅެ އެވެ. ދެ ފެކްޝަން ބެހިފައި ވަނީ، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ރިޔާސީ ޓިކެޓް ދޭނީ ކާކަށްތޯ ވިސްނާ ވިސްނުމުގެ މައްޗަށެވެ.

މި ހިޔާލު ތަފާތުވުމުގައި މުސްތަފާ ހުންނެވީ އަބްދުއްރަހީމް ހުންނެވި ފަޅީގައި ނޫންކަމުގެ ތުހުމަތު ކުރިންސުރެ ވެސް ކުރާ ކަމަށް، އެއް ބޭފުޅަކު ވިދާޅުވި އެވެ.

"އަބްދުއްރަހީމް ނޫޅޭ ވަކި ކޮޅަކަށް މަސައްކަތްކުރާކަށް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ސެނެޓްގެ މެމްބަރަކު ވިދާޅުވި އެވެ.

"މިހާރު އެ އުޅެނީ މުޅިން ވެސް ޝައްކުތަކާއި ވަހުމާއި އަބްދުއްރަހީމް ބޭރުކުރެވޭނެ ގޮތެއް ހޯދަން."

ދެ ޕާޓީގެ ލީޑަރުންގެ ކުއްލި ބައްދަލުވުމަކަށް ޔާމީން ގޮވާލެއްވީ ހިޔާލު ތަފާތުވުމަށް ހައްލެއް ގެންނަވަން ކަމަށް، އެހެން ބޭފުޅަކު ވިދާޅުވި އެވެ.

"ވަރަށް ނުބައި ކަންތައްގަނޑެއްގެ ފެށުން އަސްލު މިއީ،" އޭނާ ވިދާޅުވި އެވެ.

ފަސްމަންޒަރު - 'އަދުރޭގެ ހިސާބު' ކަމަށް މީހުން ސިފަކުރަނީ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އަދަދުތަކެއް ވިދާޅުވުމުގައި އޭނާއަށް ހެއްދެވުނު ގޯހަކަށް ނިސްބަތްކޮށެވެ. އެކަމަކު މީގެ ކުރިން ޕީޕީއެމް ކޯލިޝަންގެ އިސް ބޭފުޅަކު، އާންމު މެސެޖެއްގައި އަބްދުއްރަހީމާ ދިމާއަށް އެހެން ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް (1)

ފރތމ.

26 އޯގަސްޓު 2022
ދެން ދެ އަދުރޭ ޕާޓީ ވަކިން ނުކުމެ ކެމްޕޭން ޖައްސާލާ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް