(ފޮޓޯ/ ޑިސްނީ)

ޑިޒްނީ

ޑިޒްނީގެ ސްޓްރީމިން ހިދުމަތްތަކަށް އިޝްތިހާރު ހިމެނޭ ޕެކޭޖެއް ތައާރަފްކުރަނީ

އިޝްތިހާރު ހިމެނޭ ޕެކޭޖު ތައާރަފްކުރުމަށް ފަހު، މިހާރު ދޫކުރާ އިޝްތިހާރު ނުހިމެނޭ ޕެކޭޖުގެ އަގު ބޮޑުކުރާނެ

ސްޓްރީމިން ސިނާއަތުގައި ނެޓްފްލިކްސްއާ ވާދަވެރިކަން ދެމެހެއްޓުމަށް ޑިޒްނީ ކުންފުނިން އިޝްތިހާރު ހިމެނޭ ސްޓްރީމިން ޕެކޭޖެއް މި އަހަރު ފަހުކޮޅު އެމެރިކާގައި ތައާރަފް ކުރުމަށް ނިންމައިފި އެވެ.

ޑިޒްނީގެ ތިން ސްޓްރީމިން ހިދުމަތް ބޭނުންކުރާ ޖުމުލަ 221.1 މިލިއަން ސަބްސްކްރައިބަރުން ތިބި ކަމަށް އެ ކުންފުނިން ވަނީ ހުސްވި މަހުގެ ކުރީކޮޅު ބުނެފަ އެވެ.

މިއީ ކަސްޓަމަރުން މަދުވަމުންދާ ނެޓްފްލިކްސްގައި ތިބި ސަބްސްކްރައިބަރުންގެ އަދަދަށް ވުރެ ތަންފުކެއް މަތީ އަދަދެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާއްމުކުރަމުން ނެޓްފްލިކްސް އިން ވަނީ މިލިއަނެއްހާ ކަސްޓަމަރުން ގެއްލި ޖުމުލަ ކަސްޓަމަރުންގެ އަދަދު 220.67 މިލިއަނަށް ވެއްޓިފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިންޑިއާގެ ކްރިކެޓު މެޗުތައް ސްޓްރީމް ކުރުމުގެ ލައިސެންސު ގެއްލުމާ އެކު، ކަސްޓަމަރުން އިތުރުވަމުންދާ އަދަދު ކުރިން ކުރެވިފައިވާ އަންދާޒާތަކަށް ވުރެ ދަށްވާނެ ކަމަށް ޑިޒްނީން ވަނީ ބުނެފަ އެވެ.

ޑިޒްނީ ޕްލަސްގެ އިތުރުން ޑިޒްނީ ކުންފުނިން ފޯރުކޮށްދޭ ސްޓްރީމިން ހިދުމަތްތަކަކީ ހޫލޫ އާއި އީއެސްޕީއެން+ އެވެ.

އިޝްތިހާރާ އެކު ޑިޒްނީން މި އަހަރު ފަހުކޮޅު ތައާރަފްކުރާ ޕެކޭޖަށް އެ ކުންފުނިން ނެގުމަށް ހަމަޖައްސާފައި ވަނީ މަހަކު 7.99 ޑޮލަރެވެ. އަދި މިހާރު 7.99 ޑޮލަރަށް ދޫކޮށްފައިވާ އިޝްތިހާރު ނެތް ޕެކޭޖުގެ އަގު 10.99 ޑޮލަރަށް ބޮޑުކުރުމަށް ޑިޒްނީން ވަނީ ނިންމާފަ އެވެ.

އިޝްތިހާރުތަކާ އެކު ދޫކުރާ ޕެކޭޖު އަންނަ އަހަރު އެމެރިކާ ނޫން އިތުރު ގައުމުތަކަށް ތައާރަފުކުރުމަށް ވެސް ޑިޒްނީން ވަނީ ރާވާފަ އެވެ.

ޑިޒްނީ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނަތީޖާތަކާ ގުޅޭ (ވީޑިއޯ/ ސީއެންބީސީ ޓެލެވިޝަން)

ސްޓްރީމިން ސިނާއަތުގައި އޮޕަރޭޓު ކުރަމުންދާ ޑިޒްނީ ފަދަ ހިދުމަތްތަކަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަ އެވެ. އަދި ކޮވިޑާ ގުޅިގެން މީހުން ގޭގައި ބޭތިއްބުމަށް އެޅި ފިޔަވަޅުތައް އުވާލަމުންދިޔަ ނަމަވެސް ޑިޒްނީގެ ސްޓްރީމިން ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އަދިވެސް ދަނީ މައްޗަށެވެ.

އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޑިޒްނީ ޕްލަސް އަށް ވަނީ 14.4 މިލިއަން ކަސްޓަމަރުން އިތުރުވެފަ އެވެ. މިއީ އަންދާޒާތަކަށް ވުރެ ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ލިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %26 އިތުރުވެ 1.5 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފަ އެވެ. ނަމަވެސް ކުންފުންޏަށް ލިބުނު ގެއްލުން ދެވަނަ ކުއާޓަރުގައި ވެސް ހުރީ 1.5 ބިލިއަން ޑޮލަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް