ބްރައިޓަންގެ މިޓޮމާ (ވ) ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހަށް ހުރަސް އަޅަނީ: އެފްއޭ ކަޕްގައި ލިވަޕޫލް ބަލިކުރަން ލަނޑު ޖެހީ މިޓޮމާ

ލިވަޕޫލް

ޗެމްޕިއަން ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި

ބްރައިޓަންއިން ލިވަޕޫލް ބަލިކުރީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން 2-1 އިން މޮޅުވެގެން
29 ޖެނުއަރީ 2023

އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިރޭ ބްރައިޓަން އަތުން ފަހު ވަގުތު 2-1އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

މިއީ އިނގިރޭސި ޕްރިމިއަ ލީގުގައި ވެސް ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ލިވަޕޫލަށް ވަރަށް ބޮޑު ބައްޔެކެވެ. އަދި ކޯޗު ޔާގެން ކްލޮޕްއަށް ބޮލުގެ ރިހުމެއް ވެސްމެ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ލިވަޕޫލްގެ ހާވީ އިލިއޮޓް ލިވަޕޫލަށް ލީޑް ނަގައިދިން ނަމަވެސް އޭގެ ނުވަ މިނިޓް ފަހުން ލުވިސް ޑަންކް ބްރައިޓަންއަށް އެއްވަރުކޮށްދިނެވެ.

އެއްވަރުވެ، ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ދެވަނަ ލެގެއް ކުޅެން ޖެހޭނެ ކަމަށް ނިންމައިގެން ތިއްބާ މެޗުގެ އިތުރު ވަގުތު، 92 ވަނަ މިނިޓްގައި، ޖަޕާންގެ ކައަރޫ މިޓޮމާ ލަނޑެއް ޖަހައި، ލިވަޕޫލް އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލި އެވެ.

އެފްއޭ ކަޕުން ކެޓުމަކީ ލިވަޕޫލަށް ބޮޑު ނާއުއްމީދެކެވެ. ޓީމުގެ ކުޅުންގަނޑު ރަނގަޅުވުމުގެ ބަދަލުގައި ހަމަޔަކަށް އެޅެން އަދިވެސް ދުވަސް ނަގާފާނެކަމުގެ ވެސް ނިޝާނެކެވެ.

މީގެ އެއް އަހަރު ކުރިއަށް ބަލާއިރު އިނގިރޭސި ވިލާތުގެ ފުޓްބޯޅާގައި ލިވަޕޫލް އޮތީ ހަތަރު ތަށި ވެސް ހޯދޭ ފެންވަރުގަ އެވެ. އެކަމަކު މިރޭގެ މެޗަށް ނުކުތް އިރު ލީގު ތާވަލްގައި ބްރައިޓަން ވެސް ލިވަޕޫލަށް ވުރެ ރަނގަޅެވެ. ލިވަޕޫލް ނުވަ ވަނަ އަދި ބްރައިޓަން ހަ ވަނަ އެވެ.

މިރޭގެ މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އަދި ގިނަ ހަމަލާތައް އުފައްދައި ގޯލަށް އަމާޒުކުރީ ވެސް ބްރައިޓަން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް