ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އަންހެން ކައުންސިލަރުންނާއި ކޮމިޓީއަށް ދިމާވާ ދަތިތައް ބަލަން މަޖިލީހަށް ދިރާސާކުރަނީ

މަޖިލީހުން ވަނީ ކައުންސިލްތަކުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަން ނިންމައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްފައި
11 އޭޕްރީލު 2022

ކައުންސިލްތަކުގައި ތިއްބަވާ އަންހެން މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަން ދިމާވާ ދަތިތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ވި ކިހިނެއް؟ - މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ތަފްސީލް - އީވާ ހުށަހެޅުއްވި ގަރާރުގައި ވަނީ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އެސެސްމަންޓެއް ހަދަން ހުށަހަޅުއްވާފަ އެވެ. މި ގަރާރުގެ މަސައްކަތް ކުރާނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ.

ވަރަށް ގިނަ ފަހަރު ޖެއްސުމުގެ ގޮތުގައި އެ ފެންނަނީ ހަމަ ނޭނގިގެން ވެސްމެ. އިންކްލޫސިވް ޑިސިޝަން މޭކިން އާއި މިކަހަލަ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބައެއް ފަހަރު ނޭނގިގެން ވެސް މިކަހަލަ ނަތީޖާ އެބަ ނުކުމޭ. އަޅުގަނޑުގެ ބޭނުމަކީ އެ ރަނގަޅަށް ދިރާސާކުރުން.

އީވާ އަބްދުﷲ / މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

ބުނީ ކީކޭ؟ - ގަރާރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އީވާ ވަނީ އަންހެން ކައުންސިލަރުންނާއި ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވާ މައްސަލަތައް ހިއްސާކުރައްވާފައެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންކަމަކީ:

  • މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުން

  • މަޝްވަރާތަކުގައި ބައިވެރިނުކުރުން

  • ހަމައެކަނި ކެއްކުން ފަދަ މަސައްކަތް ހަވާލުކުރުން

  • ހަމައެކަނި މެހެމާނުންނަށް މަރުހަބާކިޔަން ސަފަށް އެރުވުން؛ ގިނަ ފަހަރު ސަފުން ވެސް ޖާގަ ނުލިބޭ

  • ބަޖެޓުގެ ދަތިކަން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އީވާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 12 އަހަރު ވެފައި ވިޔަސް، އަންހެނުން ބާރުވެރިކުރުވުމަށާއި ކައުންސިލްތަކަށް އާ ބާރުތަކެއް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު މުޅި ނިޒާމު އަދިވެސް އާ ކަމަށެވެ. އެހެންވެ، އަންހެން ކައުންސިލަރުންނަށާއި ކޮމިޓީގެ މެމްބަރުންނަށް ދަތިތައް ކުރިމަތިކުރަނީ ގަސްތުގައި ކަމަށް ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރު ޖެއްސުމުގެ ގޮތުގައި އެ ފެންނަނީ ހަމަ ނޭނގިގެން ވެސްމެ. އިންކްލޫސިވް ޑިސިޝަން މޭކިން އާއި މިކަހަލަ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބައެއް ފަހަރު ނޭނގިގެން ވެސް މިކަހަލަ ނަތީޖާ އެބަ ނުކުމޭ. އަޅުގަނޑުގެ ބޭނުމަކީ އެ ރަނގަޅަށް ދިރާސާކުރުން،" އީވާ ވިދާޅުވި އެވެ.

އެނގުން މުހިންމު - 2019ގައި މަޖިލީހުން ވަނީ ކައުންސިލްތަކުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަން ނިންމައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްފަ އެވެ.

އީވާއަށް ފަހު ވާހަކަދެއްކެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އަންހެން ކައުންސިލަރުންނަށާއި ކޮމެޓީތަކުގެ މެމްބަރުންނަށް ދިމާވާ ދަތިތައް ދެނެގަތުމަށް ފަހު، ގާނޫނަށް އިސްލާހު ގެނައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ހާއްސަކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އަދާކުރާ މަސްއޫލިއްޔަތާއި ލިބޭ މުސާރަ އާއި ކައުންސިލްގެ ތެރެއިން ލިބޭ ފުރުސަތުތަކަށް ބަލާއިރު، ގާނޫނު އޮތީ އެންމެ ރަނގަޅަށް ނޫންކަން އެންގެން އެބައޮތް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.  

އަންހެނުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހުނު ސަބަބު ވެސް ގިނަ ފަރާތްތަކަށް ނޭނގޭ ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް އަންހެނަކަށް ވެގެން އަންހެނަކު އެތާނގައި ބައިންދާކަށް ނޫން. އެކަމަކު އަންހެނުންނަކީ ވެސް މުޖުތަމައުގެ %50އަށް ވާއިރު އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކާއި އަންހެނުންގެ ވިސްނުމާއި ސިޔާސަތު ކަނޑައަޅާ މޭޒުދޮށަށް ގެނައުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ؛ (ފޮޓޯ/މަޖިލިސް)

މި ގަރާރަށް ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އަންހެން ކައުންސިލަރުންނާއި ކޮމިޓީތަކުގެ މެމްބަރުންނަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާއިރު، ކައުންސިލްތަކުން ގާނޫނަށް އަމަލުކުރޭތޯ ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން:

  • ކައުންސިލްތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އެއްބާރުލުން ދޭން ޖެހޭ

  • ކޮމިޓީތަކާ އެކު މަސައްކަތް ކުރެވޭނެ ނިޒާމެއް ކައުންސިލްތަކުން ގާއިމުކުރަން ޖެހޭ

  • ސަރުކާރުގެ ބަޖެޓާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ %5 އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކަނޑައަޅައި އެ ފައިސާ ދޭން ޖެހޭ

ސަލީމް ވިދާޅުވީ މިއިން އެއްވެސް ކަމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ކައުންސިލްތަކުން ގާނޫނުގައި ބުނާ އެފަދަ ކަންކަން ކުރަން ފަހަތުފަޔަށް ބުރަވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަލީމް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން މަގާމުން އިސްތިއުފާ ދެމުންދާ މިންވަރު އިތުރުވެ، ބައި އިލެކްޝަންތައް ފުލުފުލުން ބާއްވަން ޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ކަމަށް ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުކަން ފާހަގަކުރައްވައި ސަލީމް ވަނީ އެ މައްސަލަ ވެސް ހިމަނައިގެން ގަރާރު ދިރާސާކުރަން އެދިވަޑައިގެންފަ އެވެ.

[އަންހެނުންނަށް ގޮނޑި ހާއްސަކުރީ] އެއްގޮތަކަށް ވެސް އަންހެނަކަށް ވެގެން އަންހެނަކު އެތާނގައި ބައިންދާކަށް ނޫން. އެކަމަކު އަންހެނުންނަކީ ވެސް މުޖުތަމައުގެ %50އަށް ވާއިރު އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކާއި އަންހެނުންގެ ވިސްނުމާއި ސިޔާސަތު ކަނޑައަޅާ މޭޒުދޮށަށް ގެނައުމަށްޓަކައި.

ރޮޒެއިނާ އާދަމް / އައްޑޫ މީދޫ ދާއިރާގެ މެމްބަރު

އެނގުން މުހިއްމު - އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ދިމާވާ ދަތިތައް ދިރާސާކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން މަގާމުން އިސްތިއުފާ ދޭ މިންވަރު އިތުރުވަމުން ދާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ ކޮމިޓީއަށް މިދިޔަ އަހަރު ސިޓީއެއް ވެސް ފޮނުވާފަ އެވެ.

މެމްބަރުން އިސްތިއުފާ ދޭ އެންމެ ބޮޑު ސަބަބަކީ ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ނުލިބުން ކަމަށް ވާއިރު، އެ މައްސަލައަށް ހައްލެއް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް